ކޮވިޑްގައި 41 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
ކޮވިޑްގައި 41 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އޭނާ މަރުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ. އެކަމަކު އޭނާ ނިޔާވީ ކީއްވެގެން ކަމެއް، އަދި އޭނާ އަށް ކުރިމަތިވީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާގެ މަރާ އެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 185 އަށް އަރައިފަ އެވެ. މިއީ މިއަދު ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދުތައް މިފަހުން ވަރަށް ބޮޑަށް އިތުރުވަމުންދާ އިރު މިދިޔަ މަހަކީ ރާއްޖޭގައި ބަލި ފެތުރެން ފެށި ފަހުން ރިކޯޑު އަދަދަކަށް ބަލީގައި މީހުން މަރުވި މަހެކެވެ. މި މަހުގެ މިހާތަނަށް ވެސް 23 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 28 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ކޮވިޑްގައި މަރުތައް ގިނަވެ، ޕޮޒިޓިވް ރޭޓް ވެސް މައްޗަށް ދާން ފެށުމާ އެކު ސަރުކާރުން ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.