ޑީއެޗް11 ފުރި، ހާލުބޮޑު ބަލި މީހަކު ބަދަލު ނުކުރެވިފައި!
ޑީއެޗް11 ފުރި، ހާލުބޮޑު ބަލި މީހަކު ބަދަލު ނުކުރެވިފައި!

ކޮވިޑް-19 ގައި ހާލު އެންމެ ބޮޑުވާ ބަލި މީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 11 ވަނަ ފްލޯގެ ޖާގަ ފުރިއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ހާއްސަކޮށްފައިވާ ނުވަ އެނދުގެ އައިސީޔޫ ފުރިފައިވާ ކަމަށެވެ.

ޑީއެޗް 11 ފުރުނުއިރު، އެތަނުގައި ފަރުވާ ދޭން ޖެހޭ، ވަރަށް ކްރިޓިކަލް ހާލުގައި އޮތް ބަލި މީހަކު މިހާރު އޮތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އަދި ޑީއެޗް 11 އަށް ބަދަލުކޮށް ނުދީގެން އާއިލާ އިން ވަނީ ޝަކުވާކޮށްފަ އެވެ.

އާއިލާގެ ފަރާތުން ކުރި ޓްވީޓަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހަންމަދު އަލީ ވިދާޅުވި ގޮތުގައި ޑީއެޗް11 ފުރިފައިވީ ނަމަވެސް ޑޮކްޓަރުން ވާހަކަ ދައްކައިގެން ބަލި މީހާ ބަދަލުކުރުމަށް އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބަލި މީހާގެ ދަރިފުޅަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ޑީއެޗް 11 ފުރިފައިވާ ކަމަށް މީގެ ތިން ދުވަސް ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދެވެން ނެތް އިތުރު ފަރުވާ ބަލި މީހާ އަށް ދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޑީއެޗް 11 އިން ޖާގަ ނުލިބިގެން ފެސިލިޓީގައި ބާއްވައިފައި އޮތީ، މީގެ އަހަރުތަކެއް ކުރިން ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައިވާ އުމުރުން 83 އަހަރުގެ މީހެކެވެ. އެ ފިރިހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނޭވާލާން އުނދަގޫވެގެން އެ މީހާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ.

އޭނާގެ ދަރިފުޅަކު "މިހާރު" އަށް ބުނި ގޮތުގައި ފެސިލިޓީ އަށް ގެންދިޔަ ދުވަހު ބައްޕަގެ ހާލު އެހާ ގޯސް ނޫން ނަމަވެސް، އެމްބިއުލާންސް އައީ ގަޑިއެއްހާއިރު ފަހުންނެވެ.

"ސެލްފް ކަރަންޓީނުގައި ގޭގަައި ފަރުވާދެމުން އައީ. ކުޑަކޮށް ސަކަރާތް ވެގެން އެމްބިއުލާންސަށް ގުޅައިގެން އެމްބިއުލާންސް ވެސް އެ ދުވަހު އައީ އެއް ގަޑިއިރު ފަހުން. އެއީ މިޝްކާ ނިޔާވުމުގެ އެއް ދުވަސްކުރިން ކަންނޭނގެ. އޭރު ބައްޕަ އެހާ ކްރިޓިކަލެއް ނޫން. އެކަމަކު އޭރު ވެސް ބްރީތު ކުރަން އުނދަގޫވި،" އޭނާ ބުންޏެވެ.

ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކުރުމަށް ފަހު އޭނާ އައިސީޔޫ އަށް ބަދަލުކުރީ ނޭވާލާން އުނދަގޫވެގެންނެވެ.

އޭނާ ބުނި ގޮތުގައި މިހާރު ބައްޕަގެ ހާލު ގޯސްވެގެން އުޅެނީ ކޮވިޑްގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަން އުފެދިގެންނެވެ. އަދި މިއަދު ބައްޕަގެ ފުއްޕާމޭގެ ބްލޮކެއް ވެގެން ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނެތް ލަންގްގައި ހުންނަ އިންފެކްޝަންތައް ނެގުމާއި ހޮޅިލައިގެން އެ ކުރަންޖެހޭ ޕްރޮސެސް އެއް ކުރެވޭކަށް. މިއަދު ހެނދުނުއްސުރެ އެ އޮންނަނީ ފަރުވާ ނުދެވި. އެކަމަކު ބައްޕަގެ ކިޑްނީ ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ. ފަހަރެއްގައި އަޅުގަނޑު ބައްޕަ ޑައިލަސިސް ވެސް ހަދަން ޖެހިދާނެ. އެކޮޅަށް [ޑީއެޗް 11 އަށް] ދިޔައިމަ އިނގޭނީ ދެން،" އެ މީހާ ދަރި ބުންޏެވެ.

"މިހާރު ފެސިލިޓީގެ އައިސީޔޫގައި އޮންނަތާ ދެ ދުވަސް. މިއަދު މެންދުރު ވެސް އަޅުގަނޑު މިކިޔަނީ އެކޮޅަށް ގެންގޮސް އެޓެންޑްވާށޭ. ވަރަށް ހެލްޕްލެސް ސިޓުއޭޝަނެއް އިނގޭތޯ. އަޅުގަނޑު ދެވަނަ ފަހަރަށް ވީޑިއޯ މި ޓްވީޓް ކުރީ ފޮޓޯ އިން ވެސް ވޯކްނުކުރީމަ."