09 ޖޫން 2021 - 07:28

ކޮވިޑްގެ އެންމެ އުނދަގޫ ހާލަތުގައި މާލެއިން ފެނުނު އެންމެ ހިތްދަތި މަންޒަރަކީ، އެތައް ދުވަހެއް ވަންދެން މާލޭގައި ދިރިއުޅެމުން އައި އާއިލާތައް ކުލި ދެއްކޭނެ ގޮތެއް ނެތި، އެނބުރި ރަށަށް ދިރިއުޅުން ބަދަލުކުރި މަންޒަރެވެ. މި ގޮތަށް ގިނަ ބައެއްގެ ދިރިއުޅުން ރަށްރަށަށް ބަދަލުވުމާ ގުޅިގެން މާލޭގައި ގޭގެ ކުއްޔަށް ދޭ ފަރާތްތަކަށް ކުލި ކުޑަކުރަން މަޖުބޫރުވި އެވެ. ސަބަބަކީ ގޭގެ ކުއްޔަށް ކުއްޔަށް ހޯދުމުގެ ޑިމާންޑް ދަށްވެ، ކުއްޔަށް ތަންތަން ނަގަން ބޭނުންވާ މީހުންނަށް ގިނަ ފުރުސަތުތަކެއް ލިބުމެވެ.

ގާކޮށީގައި އެޕާޓްމެންޓެއް ކުއްޔަށް ދީފައިވާ މީހަކު ބުނީ ކޮވިޑްގެ ހާލަތުގެ ކުރިން އެޕާޓްމެންޓްގެ ކުލި 26،000ރ. އަށް ދިން ނަމަވެސް މި ވަގުތު އެ އަގަށް ކުއްޔަށް ދެވެން ނެތް ކަމަށެވެ. ސަބަބަކީ މިވަގުތު އެއަށް ވުރެ އަގު ހެޔޮކޮށް އެޕާޓްމެންޓްތައް ލިބެން ހުރުމެވެ.

"ކޮވިޑްގެ ހާލަތުގައި 11،000ރ. އަށް ކުލަ ކުޑަކޮށްދިނިން. ކުލި ބޮޑުކުރަން ފެށީ ޖެނުއަރީން ފެށިގެން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން ދެ ރޫމްގެ އެޕާޓްމެންޓެއް ކުއްޔަށް ދިނީ 18،000ރ. އަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުގައި ބައެއް ތަންތަނުގެ ކުލިން 2،000ރ- 5،000ރ. ކުޑަކުރި އެވެ. އެއަށް ފަހު، ކޮވިޑްގެ ކަންކަން ހަމައަަކަށް އެޅުމާ އެކު، ވަރަށް ގިނަ ތަންތަނުން މިދިޔަ މާޗް މަހުން ފެށިގެން އެޕާޓްމެންޓްގެ ކުލި 15،000ރ. އަށް ބޮޑު ކުރި އެވެ. އޭރުން ވެސް، އަސްލު ކުލިތަކާ އެއް އަގަކަށް އަދިވެސް ނުދެ އެވެ.

"ކުލި ބޮޑު ކުރީ ކޮވިޑްގެ ހާލަތު ވެސް ބަދަލުވަމުން އަންނާތީ. އެކަމަކު ވެސް އަދިވެސް މިހާރު ކުލި ބޮޑެއް ނޫން،" ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ މީހަކު ބުންޏެވެ.
މާލެއިން ދެ ކޮޓަރީގެ ރަނގަޅު އެޕާޓްމަންޓެއް 15،000ރ. އަށް މި ވަގުތު ލިބެ އެވެ. އޭނާ ދެކޭ ގޮތުގައި، ކުލިތައް ކުޑަވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑްގެ ހާލަތަށް އެކަށީގެންވާ ހައްލެއް ނައުމެވެ. އަނެއްކޮޅުން އަންނަ މަހުގެ ފަހުކޮޅު ހިޔާ ފްލެޓްތަކަށް އެތައް ބަޔަކު ބަދަލުވާން ފެށުމާ އެކު ކުރިއަށް އޮތްތާނގައި ކުލިތައް ކުޑަވެގެން ހިނގައިދާނެ ކަމުގެ ބިރުގައި ވެސް ކުލިތައް މިހާރު ކުޑަކުރަން ވަނީ ފަށައިފައި ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ މާލީ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅަކު ވެސް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ކުއްޔަށް ހެޔޮ ބަދަލުތަކެއް އައުން އެއީ ޔަގީން ކަމެއް ކަމަށެވެ.
"އޭގެ ސަބަބުން ވެސް ކުއްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ހިޔާގެ 6،700 ފްލެޓް ހުރި އިރު އެތަނަށް ތިން މީހުންގެ އާއިލާއަކަށް ބެލި ނަމަވެސް ގާތްގަނޑަކަށް 21،000 މީހުން ބަދަލުވާނެ އެވެ. އެއީ ގާތްގަނޑަކަށް މާލޭގެ އާބާދީގެ 20 ޕަސެންޓެވެ. މިހާ ގިނަ ބަޔެއްގެ ދިރިއުޅުން ބަދަލުވުމުން އާދަޔާ ހިލާފު ބޮޑު ބަދަލެއް ކުލިތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ މީހުން ބުނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމުގެ ތެރޭގައި މާލޭގެ 61 ޕަސެންޓް ގޭބީސީގެ ކުލި ކުޑަ ކޮށްފައިވާ ކަމަށް ސީޑީއީ ކޮންސަލްޓެންސީގެ ސާވޭން ދެއްކި އެވެ. ސާވޭގައި މާލޭގެ 295 ގޭބީސީއަކުން ބައިވެރިވެފައިވެ އެވެ. އެ ސާވޭ އިން އެނގުނު ގޮތުގައި، ކޮވިޑް-19 ގެ ތެރޭގައި އެވްރެޖުކޮށް ކުލި ކުޑަކޮށްފައިވަނީ 18 ޕަސެންޓަށް ތިން މަސް ދުވަހުގެ މުއްދަތަށެވެ.
މާލޭގެ ސަރަހައްދުގެ ތެރެއިން ހުޅުމާލެ އަކީ އެންމެ ޒަމާނީ އެޕާޓްމެންޓްތަކާއި ޖާގައިގެ ގޮތުން ވެސް ތަނަވަސް އިމާރާތްތައް ހަދާފައިވާ އަވަށެވެ. ހާއްސަކޮށް ބްރިޖުން މާލެ އާއި ހުޅުމާލެ ގުޅައިލުމާ އެކު ހުޅުމާލޭގައި ދިރިއުޅެން ބޭނުންވާ މީހުން އިތުރުވި އެވެ.
އެޕާޓްމެންޓަށް ކުއްޔަށް ދިނުމަށް "އައިބޭ" ވެބްސައިޓްގައި ޖަހާ އަގުތަކުން އެކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.
އައިބޭއިން އެނގޭ ގޮތުން މި ވަގުތު ހުޅުމާލޭއިން އެވްރެޖުކޮށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް އުޅެނީ 18،000ރ. އާއި 22،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެހެން ނަމަވެސް މާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއް އުޅެނީ 15،000ރ. އާއި 20،000ރ. އާ ދެމެދު އެވެ. އަދި ޖާގައިގެ ގޮތުން އެހާ ތަނަވަސް ނޫން ދެ ކޮޓަރީގެ އެޕާޓްމެންޓްތައް 12،000ރ. އަށް ވެސް މާލެއިން ލިބެން ހުރެ އެވެ.
މާލޭގައި ރަނގަޅު ފެންވަރުގެ ތިން ރޫމް އެޕާޓްމެންޓެއްގެ އަގު ހުރީ 18،000ރ. އާއި 23،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ހުޅުމާލެ އިން ތިން ރޫމް އެޕާޓްމެންޓެއްގެ އަގު އެންމެ ކުޑަކޮށް ވެސް ހުރީ 20،000ރ. އަށް ވުރެ މަތީގަ އެވެ. އެޕާޓްމެންޓްތައް އާ ވެފާއި ޖާގަ ބޮޑުވާ ވަރަކަށް މާލެ އާއި ހުޅުމާލޭ އިން ވެސް އަގުތައް އުފުލެ އެވެ.
ހުޅުމާލޭގެ އެޕާޓްމެންޓެއްގެ ވެރިއަކު ބުނީ ހުޅުމާލޭގެ އަގުތައް އެހާ ބޮޑަށް އުފުލުނީ ހުޅުމާލެއަށް ބަދަލުވާ މީހުން ގިނަވެ ޑިމާންޑު ބޮޑުވުމުން ކަމަށެވެ. ކޮވިޑާ ގުޅިގެން ހުޅުމާލޭގައި ވެސް މި ވަގުތު އެޕާޓްމެންޓްތައް ހުރީ ޑިސްކައުންޓް އަގުގައި ކަމަށް އޭނާ ބުންޏެވެ.
"މާލެއަށް ވުރެ އަގުތައް މަތީގައި ހުއްޓަސް ހުޅުމާލޭގެ ކުލީގެ އަގުތައް ކޮވިޑްގެ ހާލަތުގެ ކުރީގައި ހުރި ވަރަށް ބޮޑެއް ނުވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކުލިި މައްޗަށް ދިޔަ ނަމަވެސް ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވުމުން މާކެޓް އަގުތައް ވެއްޓޭނެ ކަމަށެވެ. ސަބަބަކީ މިހާރު ކުލީ އެޕާޓްމެންޓްތަކުގައި އުޅޭ އެތައް ބަޔަކު ހިޔާ ފްލެޓްތަކަށް ބަދަލުވުމެވެ. އެހެން ކަމުން ހުޅުމާލޭގެ އަގުތަކަށް ވެސް ބޮޑު ބަދަލެއް އަންނާނެ އެވެ.
މާލޭގައި ކުލިތައް ކުރީގެ އަގަށް ބަދަލު ވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަކު، މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން ފަސް އަހަރު ވަރު ނަގާނެ ކަމަށް ލަފާކުރެވެ އެވެ. އޭނާ އަކީ ކުލީގެ އަގުތައް ކަނޑައެޅުމުގައި "ފްރީ މާކެޓް"އެއް އޮތުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކުލި ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.
"ކުލި އެހާ ބޮޑަށް ދަށަށް ދިޔައީ މާލޭގައި ދިރިއުޅުނު އެތައް ބަޔަކު ރަށަށް ބަދަލުވުމުން. އެހެންވެ ޑިމާންޑު ވަރަށް ދަށަށް ދިއުމުން ކުއްޔަށް ތަންތަން ދޭ ފަރާތްތަކަށް މަޖުބޫރުވި ކުލި ކުރަން،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ލޮކްޑައުން އަށް ފަހު ކުލިތައް ކުޑަވެ، އަދި އޭގެ ފަހުން ކޮންމެވެސް ވަރަކަށް އުފުލެމުން އައި އައި ނަމަވެސް ކުރިއާ ހިލާފަށް މިހާރު ގިނަ އޮޕަޝަންތައް ހުރިކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލެ ސަރަހައްދުގެ ކުލި ބޮޑުވުމަށް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް ކުލި ބޮޑުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ޑިމާންޑެވެ. މިވަގުތު އަގު ދަށަށް ގޮސްފައިވަނީ ކުރީގައި އޮތް ޑިމާންޑް ވަރަށް ބޮޑަށް ވެއްޓުމުންނެވެ.
"ބައެއް ފަރާތްތަކަށް ކުލި ބޮޑުކުރަން މަޖުބޫރުވަނީ އިމާރާތް ހަދަން ނެގި ލޯނަށް ފައިސާ ދައްކަން،" އޭނާ ވިދާޅުވި އެވެ.
ރިއަލްއެސްޓޭޓްގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި، ގިނަ ދުވަސްތަކަކަށް ފަހު މި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. މިއީ، ވޭތުވެދިޔަ އެތައް އަހަރަކު ވެސް ދިމާވެފައި ނުވާ ހާލަތެކެވެ. މާލޭގެ ކުލިތަކަށް ދެން އެންމެ އަވަހަށް ވައްޓާލާނެ އެންމެ ބޮޑު ބޮމަކަށް ވާނީ ހިޔަ ފްލެޓްތަކެވެ. އެތަނަށް މީހުން ބަދަލުވާން ފެށުމާ އެކު، ކުލިތަކަށް ވާނެ ގޮތުގެ އަންޒާދާ އަދި ނުވެސް އެނގެ އެވެ.