ދުވަސްތަކަކަށް ފަހު ސިޔާމް މަޖިލީހަށް ވަޑައިގެން 241 ކޮމިޓީގެ މަސައްކަތަށް
ދުވަސްތަކަކަށް ފަހު ސިޔާމް މަޖިލީހަށް ވަޑައިގެން 241 ކޮމިޓީގެ މަސައްކަތަށް

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވާތާ ގިނަ ދުވަސްތަކަކަށް ފަހު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލައިގެ އިންކުއަރީއެއް ހަދަމުންދާ 241 ކޮމިޓީގެ ޖަލްސާގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއިރު، މަޖިލީހުގެ ހާޒިރީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ އެންމެ ފަހުން މަޖިލީހަށް ވަޑައިގަތީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެންމެ ދުވަހެއްގަ އެވެ. އޭނާ އެ ދުވަހު ވަޑައިގަތީ މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ބަހުސްގެ ޖަލްސާއަކަށެވެ.

އޭގެ ކުރިން އެ އަހަރުގެ ޖޫން މަހު ދެ ޖަލްސާއެއްގައި އަދި މާޗު މަހު ތިން ޖަލްސާއެއްގައި ސިޔާމް ބައިވެރިވެވަޑައިގަތެވެ. އެމްޑީއޭގެ ލީޑަރު ސިޔާމް އަބަދުވެސް ފާހަގަކުރެވިފައި ވަނީ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. މަޖިލީހުގެ މެމްބަރުންގެ ހާޒިރީ ލިސްޓުގެ އެންމެ ފުލުގައި ސިޔާމްގެ ނަން ނުހިމެނޭ ފަހަރެއް މަދުވާނެ އެވެ.

ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި މައްސަލައިގެ އިންކުއަރީއެއް ހަދާ ކޮމިޓީގައި އެތައް ދުވަހެއް ފަހުން ސިޔާމް ބައިވެރިވެވަޑައިގެންނެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.