06 ޖޫން 2021 - 14:07

ތުރުކީ ވިލާތުގެ އައްސޭރިފަށުން ކަޅު ކަނޑުގެ ތެރެއިން އިތުރު ތަބީއީ ގޭސް ފެނިފައިވާ ކަމަށް، އެ ގައުމުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވި ގޮތުގައި މިފަހަރު ފެނުނު ގޭސް ވަޅުގައި ގާތްގަނޑަކަށް 135 ބިލިއަން ކޮޑި މީޓަރުގެ ތަބީއީ ގޭސް ހުންނާނެ ކަމަށް ބެލެވެ އެވެ. މި އާ ހޯދުމާ އެކު، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ތުރުކީން އަލަށް ފެނުނު ތަބީއީ ގޭހުގެ މިންވަރު 540 ބިލިއަން ކޮޑި މީޓަރަށް އިތުރުވީ އެވެ.
އުރުދުގާން ވިދާޅުވި ގޮތުގައި އަލަށް ހޯދުނު ގޭސް ވަޅުތަކުން ގޭސް އުފެއްދުމުގެ މަސައްކަތް ފަށަން ގަސްދުކުރަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިފަހަކަށް އައިސް ތުރުކީ އަށް ލިބެމުންދާ ގޭހުގެ މުއްސަނދިކަމުގެ ސަބަބުން، ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 10 ގައުމުގެ ތެރޭގައި ހިމެނުމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ބާރެއް ލިބޭނެ އެވެ. އިގްތިސާދީ ފުދުންތެރިކަން އިތުރުވާ ވަރަކަށް، އެ ގައުމުގެ ހާރިޖީ ސިޔާސަތުގައި ވެސް އިތުރު މިނިވަންކަމާއި ނުފޫޒު ލިބޭނެ އެވެ.
ތުރުކީ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ތެލާއި ގޭހުގެ މުއްސަނދިކަން އިތުރުވުމަކީ، ތެލާއި ގޭސް އެތެރެކުރުމަށްޓަކައި ކުރަމުން އަންނަ ހަރަދުން ވަރަށް ބޮޑު ބައެއް ސަލާމަތްވާނެ ކަމެކެވެ. އަދި އެކި ގައުމުތަކަށް މިހާތަނަށް ދައްކަން ޖެހި ނުދެއްކިފައި ހުރި، ތެލުގެ ބިލްތަކަށް ފައިސާ ދެއްކުން ވެސް ފަސޭހަ ވެގެންދާނެ އެވެ.
ތުރުކީއަށް މިހާރު އަހަރަކު ބޭނުންވާ 50 ބިލިއަން ކޮޑި މީޓަރުގެ ވަރަށް ބޮޑު ޕަސެންޓަކީ، ބޭރު ގައުމުތަކުން ތުރުކީ އަށް އެތެރެ ކުރާ އެއްޗެކެވެ. އަމިއްލައަށް ގޭސް އުފައްދަން ފެށުމުން، ތުރުކީގައި ގޭސް ބޭނުންކުރާ މިންވަރު 60-80 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.