06 ޖޫން 2021 - 15:52

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާއަށް ފަހު، އެމަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭގޮތުން އާއިލާއިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އާ މިއަދު ބައްދަލުކޮށްފި އެވެ.
ނަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ނާޒިމް ސައްތާރު "މިހާރު" އަށް ވިދާޅުވީ އެސްޕީޖީގެ އާ ކޮމާންޑަރަކަށް މިދިޔަ މަހުގެ ފަހުކޮޅު ހަމަޖެއްސެވި ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ، އާއިލާގެ އެދިވަޑައިގަތުމާ އެކު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނަޝީދުގެ ސެކިއުރިޓީ އަދި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ކަށަވަރުނުވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
"މުއިޒު ވިދާޅުވި މިކަމަށް އޭނާގެ ފުރިހަމަ ސަޕޯޓު ދެއްވާނެ ކަމަށް. އަދި އޭނާ އިންޗާޖަކަށް ނެތްއިރު މީގެ ކުރިން ހިނގައިދިޔަ ކަންތައްތަކާ ކޮމެންޓް ކުރެވެން ނެތް ކަމަށް ވިދާޅުވި،" ނާޒިމް ވިދާޅުވި އެވެ.
ކެނެރީގެ އިން ނުކުމެވަޑައިގެން، މަޖީދީމަގު ކަންމަތީގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ގޮއްވާލި ބޮމުގެ ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެކަމަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު މިދިޔަ މަހު ވަނީ ޖަރުމަނަށް ވަޑައިގެންފަ އެވެ.
އެ ހަމަލާގެ ސަބަބުން އެސްޕީޖީގެ ކޮމާންޑަރުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް މުއިޒް އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު ވަނީ އައްޔަންކޮށްފަ އެވެ.
ސެކިއުރިޓީއާ ގުޅޭގޮތުން އެސްޕީޖީއާ ބައްދަލުކުރެއްވިއިރު، ކެނެރީގޭގައި ދިރިއުޅުއްވާތީ ނަޝީދުގެ ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ވަނީ ތަކުރާރުކޮށް އަންގައިފަ އެވެ. ބާރުގަދަ އައިއީޑީ ގޮއްވާލާފައިވަނީ ވެސް އެފަދަ ހަމަލާއެއް ދިނުމަކީ ގާތް ކަމެއް ކަމަށް އެމްއެންޑީއެފްގެ އިސް ބޭފުޅުން ނަޝީދަށް ތަކުރާރުކޮށް ދަންނަވައިފައި ވަނިކޮށެވެ.