06 ޖޫން 2021 - 14:01

ކޮވިޑް-19 ވަބާއިން ރައްކާތެރިވުމަށް އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއުގެ ތެރެއިން، ތައިވާނަށް 750،000 ޑޯޒް ކޮވިޑް ވެކްސިން ދޭން އެމެރިކާ އިން ނިންމައިފި އެވެ.
ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހެން ގައުމުތަކަށް ވެސް ދިމާވާ ފަދައިން، ތައިވާނަށް ވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބޭނުންވާ ވަރަށް ވެކްސިން ނުލިބުމެވެ. އެގައުމުގައި އޮތް 23.5 މިލިއަން މީހުން އާބާދީން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުނީ އެންމެ ތިން ޕަސެންޓް މީހުންނަށެވެ.
އެމެރިކާ އިން ތައިވާނަށް ކޮވިޑް ވެކްސިން ފޮނުވާނެ ކަން އިއުލާންކުރީ، މިހާރު އެގައުމަށް ޒިޔާރަތްކުރައްވަމުން ގެންދަވާ، އެމެރިކާގެ ސެނެޓްގެ ވަފުދުގެ ފަރާތުންނެވެ. އެމެރިކާގެ ސެނެޓް މެމްބަރު ޓެމީ ޑަކްވޯތު ވިދާޅުވި ގޮތުގައި އެމެރިކާ އިން ފުރަތަމަ ބުރުގައި ވެކްސިން ފޮނުވާ ގައުމުތަކުގެ ތެރޭގައި ތައިވާން ހިމެނީ، އެގައުމު ވެކްސިނަށް ޖެހިފައިވާ މިންވަރަށް ބަލައިފަ އެވެ.
އެމެރިކާގެ ސެނެޓްގެ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ތައިވާނަށް ޒިޔާރަތްކުރީ، ތައިވާންގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އެގައުމުގެ ރައީސް ސާއި އިން-ވެން އާ އެކު މަޝްވަރާ ކުރުމަށެވެ.
މިވަފްދުގެ ބޭފުޅުން ތައިވާނަށް ވަޑައިގަތީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.
އެމެރިކާ އާއި ތައިވާނާ ދެމެދު އޮންނަ ގުޅުމަށް ޗައިނާ އަބަދުވެސް ދެކޮޅު ހަދަ އެވެ. ޗައިނާ ގަބޫލުކުރާ ގޮތުގައި ތައިވާނަކީ އެގައުމުގެ ބައެކެވެ. ނަމަވެސް ތައިވާނުން ދެކެނީ އެއީ މިނިވަން ގައުމެއްގެ ގޮތުގަ އެވެ.
ޗައިނާގެ ރަސްމީ ނަމެއްގެ ގޮތުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކިޔާއިރު، ތައިވާނުން އަމިއްލައަށް އެ ގައުމަށް ދީފައި އޮންނަ ނަމަކީ ރިޕަބްލިކް އޮފް ޗައިނާ އެވެ.
ޗައިނާއިން ބުނާ ގޮތުގައި ތައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ، ނުވަތަ ބޭރުގެ އެހެން ގައުމަކުން ތައިވާވަނަށް އަތްގަދަ ކުރާ ނަމަ، ޗައިނާގެ އަސްކަރިއްޔާ ތައިވާނަށް ވަދެ ބާރުގެ ބޭނުންކޮށްގެން ވިޔަސް، އެކަމެއް ހުއްޓުވާނެ އެވެ.
އެމެރިކާއިން ތައިވާނާ އެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް، ތައިވާނާ އެކު ކުރިން އޮތް ޑިޕްލޮމެޓިކް ގުޅުން، 1979 ވަނަ އަހަރު ވަނީ ކަނޑާލައިފަ އެވެ. އެއީ ޗައިނާގެ ބިމަކީ ބައިނުކުރެވޭނެ ބިމެއް ކަމަށް އިއުތިރާފް ވުމުގެ ގޮތުންނެވެ. ތައިވާނުގައި އެމެރިކާގެ ޑިޕްލޮމެޓިކް އިދާރާއެއް ނެތަސް، ތައިވާނަށް އަސްކަރީ ގޮތުން އެހީވުމުގައި އެންމެ ކުރީ ސަފުގައި އޮންނަނީ އެމެރިކާ އެވެ.