06 ޖޫން 2021 - 13:59

ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން އިއްޔެ ދިން މިސައިލް ހަމަލާއެއްގައި 17 މީހަކު މަރާލައިފި އެވެ.
އީރާނުގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީން ފޮނުވައިލި މިސައިލް އަމާޒުވީ، ޔަމަން ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ސިޓީއެއް ކަމަށްވާ މައާރިބްގެ ގޭސް ސްޓޭޝަނަކަށެވެ. މި ހާދިސާގައި މަރުވި 17 މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ އިރު، އިތުރު އެތައް ބަޔަކު ޒަހަމްވި އެވެ.
ހޫތީންގެ ހަމަލާއެއް، ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަށް އަމާޒުވި އިރު، ހަނގުރާމަ ހުއްޓައިލުމަށް ހޫތީން އެއްބަސްކުރުމަށް، އޮމާން މެދުވެރިވެގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކަށް، ހޫތީންގެ އިސް ވެރިންތަކެއް ގޮވައިގެން، އޮމާންގެ އޮފިޝަލުން އިއްޔެ ވަނީ، ވެރިރަށް ސަންއާ އަށް ވަޑައިގެންފަ އެވެ.
އެމެރިކާ އާއި ސައޫދީ އަރަބިއްޔާ އިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކުރުމަށް ހޫތީން އަންނަނީ ހުރަސްއަޅަމުންނެވެ.
ޔަމަންގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެވެ. ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރަނީ، އީރާންގެ އަސްކަރީ މަދަދު ލިބިގެންނެވެ.
ހޫތީ ހަނގުރާމަވެރިން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވެރިރަށް ސަންއާ އަށް ވަދެގަނެ އެ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނަ އެވެ. އަދި ސަރުކާރުގެ ގިނަ އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، ސަރުކާރު ބަދަލުކޮށްފައިވާ ކަމަށް އިއުލާން ކުރި އެވެ.
ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ހޫތީންގެ ބާރު އިތުރު ސަރަހައްދުތަކަށް ފެތުރުމާ އެކު، ރައީސް އަބްދު ރައްބު މަންސޫރު ހާދީ، ގައުމު ދޫކުރައްވައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތެވެ.