ފިނޭންސުން ކުންފުނިތަކަށް ދޫކުރި އެއް ބިލިއަން ރުފިޔާ އަނބުރާ ނުދައްކާ
ފިނޭންސުން ކުންފުނިތަކަށް ދޫކުރި އެއް ބިލިއަން ރުފިޔާ އަނބުރާ ނުދައްކާ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، މިދިޔަ އަހަރު ނިމުނު އިރު ފިނޭންސް މިނިސްޓްރީން 1.1 ބިލިއަން ރުފިޔާގެ ލޯނު ދީފައިވާ އިރު ގިނަ ކުންފުނިތަކުން ގަވައިދުން ލޯނުގެ ފައިސާ އަނބުރާ ދައްކަމުން ނުދާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "މޯލްޑިވްސް ފިސްކަލް ރިސްކް ސްޓޭޓްމެންޓް"ގައި ވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކި ޕްރޮޖެކްޓްތައް ހިންގުމަށް ގިނަ އަދަދެއްގެ ލޯނު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނަގާފައިވެ އެވެ. ފިނޭންސުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކޮށްފައި ވަނީ އަށް ޕަސެންޓާއި 10 ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގަ އެވެ.

އެ މިނިސްޓްރީން ބުނީ އާންމު ގޮތެއްގައި ދޫކުރާ ލޯނުތަކަށް އެއް އަހަރުގެ ތެރޭ ފައިސާ ދައްކަން ޖެހޭ އިރު ގިނަ ކުންފުނިތަކުން އެ މިނިސްޓްރީން ދޫކުރާ ލޯނުތަކަށް އޮންނަ އުސޫލުގެ ތެރެއިން އަނބުރާ ފައިސާ ނުދައްކާ ކަމަށެވެ. ލޯނު ފައިސާ އަނބުރާ ނުދައްކާ އިރު ސަރުކާރުގެ ބަޖެޓުން ފައިސާގެ އިތުރު އެހީތައް ކުންފުނިތަކަށް ދޭން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފައިސާ އަނބުރާ ނުދެއްކި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާ މެދު ފިޔަވަޅެއް މިހާތަނަށް އަޅައިފައެއް ނުވެ އެވެ. ފައިސާ އަނބުރާ ހޯދުމަށްޓަކައި އާ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ފިނޭންސުން އަންނަނީ ކުރަމުންނެވެ. މި އުސޫލުތަކުގެ ތެރެއިން ލޯނު ދެއްކުމުގެ މުއްދަތަށް ބަދަލު ގެނައުމާއި އިންޓަރެސްޓް ރޭޓް މައާފުކޮށްދިނުން ވެސް ހިމެނެ އެވެ.

ފިނޭންސުން ނަގާފައިވާ ލޯނުތަކަށް ފައިސަ ނުދައްކާ ހުރި އިރު މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން 25 ލޯނަކަށް ނެގި 11 ބިލިއަން ރުފިޔާއަށް ސަރުކާރުން ވަނީ ގެރެންޓީދީފަ އެވެ.