06 ޖޫން 2021 - 10:31

ހުސްވި މެއި މަހުގެ ތެރޭގައި 11 ދުވަސް ވަންދެން ގާޒާ އަށް ހަމަލާދީ ހިންގި ފަދަ އިތުރު އުދުވާނެއް ހިންގުމަށް ގަސްދުކުރާ ނަމަ، އެތައް ފަހަރަކު އިތުރަށް ވިސްނުމަށް، ހަމާސް ޖަމާއަތުން އިޒްރޭލަށް އިންޒާރުކޮށްފި އެވެ.
ހަމާސްގެ ގާޒާ ގޮފީގެ ވެރިޔާ ޔަހްޔާ އައްސިންވާރު ވިދާޅުވީ އިޒްރޭލާ އެކު އިތުރު ކުރިމަތިލުމަކަށް ދާން ޖެހިއްޖެ ނަމަ، މުޅި މެދުއިރުމަތީގެ ސިފަ ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެންމެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ހަމާސްގެ ހަނގުރާމަވެރިން ފުރަތަމަ ސަފުވެސް ފޫއަޅުވައިނެލެވުނު އިރު، ހަނގުރާމަވެރިންގެ ބިންގަރާސް މަގުތަކަށްވެސް މާ ބޮޑު ގެއްލުމެއް ނުދެވޭ ކަމަށް ސިންވާރު ވިދާޅުވި އެވެ.
ސިންވާރުގެ މިއިންޒާރު މިއައީ، އިޒްރޭލުގައި އުފައްދަން އުޅޭ އާ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު، ގާޒާއަށް އިތުރު ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އާ ސަރުކާރުގެ ފުރަތަމަ ބޮޑުވަޒީރަކަށް ވާނެ ކަމަށް ބެލެވޭ ހަރުކަށި ދީނީ-ވަތަނީ ހިޔާލާތުގެ ނަފްތާލީ ބެނެޓްއަކީ، ފަލަސްތީނު މީހުން މެރުމަށާއި ފަލަސްތީނު މީހުންގެ ބިންތައް އިޒްރޭލުގެ ބިންތަކުގެ ގޮތުގައި ހެދުމަށް ބާރުއަޅައި ވާހަކަ ދައްކާފައިވާ ބޭފުޅެކެވެ.
ލިޔުންތެރިންނާއި އިލްމުވެރިންނާއެކު، ގާޒާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، ތަކުރާރުކޮށް އިޒްރޭލަށް އިންޒާރު ދެމުން ސިންވާރު ވިދާޅުވީ އެންމެ ފަހުން ހިނގި ކުރިމަތިލުމުގައިވެސް، ހަމާސްގެ ކިބައިގައި ހުރި ހުރިހާ ބާރެއް ބޭނުން ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ހަމާސްއިން ކުރި ހަނގުރާމައިން ދުނިޔެއަށް ސާބިތުކޮށްދިނީ، މަސްޖިދުލް އަގްސާ ހިމާޔަތްކުރާނެ ބަޔަކު އަދިވެސް އެބަތިބި ކަމެވެ.
"ފަލަސްތީނު ރައްޔިތުންގެ ބާރު ވަޒަންކުރުމުގައި އިޒްރޭލުން ވަނީ ގޯސް ހަދާފައި. އިޒްރޭލުން ގާޒާގައި ހިސޯރުކޮށްފައި ތިބި ހަނގުރާމަވެރިން ވަނީ އެކަތިފަހަރުން ތެލްއަބީބްގެ ތެރެއަށް 130 ރޮކެޓް ފޮނުވާލުމުގައި ކާމިޔާބު ހޯދާފައި. އަހަރެމެން އެންމެ ފަހުން އުފެއްދި ރޮކެޓްތައް އަދި ބޭނުމެއްވެސް ނުކުރަން. ފޮރުވިފައި ހުރި އެއްޗެހި މާ ވަރުގަދަ،" ސިންވާރު ވިދާޅުވި އެވެ.
ސިންވާރުގެ ވާހަކަގައި ފަލަސްތީނުގެ އެތެރޭގެ ކޯޅުންތަކަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އޭނާ ވިދާޅުވީ ހަމާސް ޖަމާއަތާއި އަލްޖިހާދުލް އިސްލާމީގައި އޮތް ފަދަ، އިސްތިއުމާރާ ދެކޮޅަށް އަމަލީ މައިދާނުގައި މަސައްކަތްކުރާނެ ބަޔަކު ނެތުމުން، ޕީއެލްއޯ އަކީ، ކަތުރެއް ފުނައެއް ނެތް ބޯކޮށާ ތަނެއް ފަދަ ޖަމާއަތެއް ކަމަށެވެ.
"އަހަރެމެންގެ މެދުގައި ހުރި ބައިބައިވުންތައް ހައްލުކޮށް، ފަލަސްތީނުގެ ގެ އަލުން ތަރުތީބުކުރުމުގެ ފުރުސަތު އަދިވެސް އަހަރެމެންގެ ކުރިމަތީގައި އެބައޮތް. ނަމަވެސް 21 މެއި ކުރިން ހަމަޖެހިފައި އޮތް އެއްވެސް ކަމެއް މިހާރު ކަމަކު ނުދާނެ. ގާޒާގެ ރައްޔިތުންގެ އެންމެހައި މަސްލަހަތުތައް ހިމާޔަތްކުރެވޭ ގޮތުން، އެއްބަސްވެވޭ އެއްބަސްވުމެއް ނޫނީ އަހަރެމެން ގަބޫލެއް ނުކުރާނަން،" ސިންވާރު ވިދާޅުވި އެވެ.
ހުސްވި މަހުގެ 11-21 އަށް އިޒްރޭލުން ގާޒާ އަށް ދިން އުދުވާނީ ހަމަލާތަކުގައި، ފަލަސްތީނުގެ 260 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 41 އަންހެނަކާއި 17 މުސްކުޅިން ހިމެނެ އެވެ. އަދި 1948 މީހުން ޒަހަމްވި އެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގި އުދުވާނުތަކުގައި، ފަލަސްތީނުގެ 28 މީހަކު ޝަހީދުވި އެވެ. އޭގެ އިތުރުން 7000 މީހުން ޒަހަމްވި އެވެ.
ރައްދުގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް 4500 އަށް ވުރެ ގިނަ ރޮކެޓް ފޮނުވައިލި އެވެ. އެ ހަމަލާތަކުގައި އިޒްރޭލުން 12 މީހުން މަރުވި އެވެ.