06 ޖޫން 2021 - 10:34

ދޭދޭ ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން ނަގާ ކޯޕަރޭޓް ޓެކުހުގެ މިންވަރު، އެންމެ ދަށްވެގެން 15 ޕަސެންޓްގައި ބަހައްޓަން، އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ގްރޫޕް އޮފް ސެވަން ނުވަތަ ޖީ-7)ގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
ޖީ-7ގެ މާލި ވަޒީރުން އިއްޔެ ލަންޑަންގައި ނިންމަވައިލެއްވި ބައްދަލުވުމުގައި، އެއްބަސްވެވަޑައިގެންނެވި މި މުއާހަދާގެ މައިގަނޑު ބޭނުމަކީ، ޖީ-7ގެ ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުން ޓެކްސް ނެގުމުގައި އަމަލުކުރާ އުސޫލުތަކުގައި ހުރި ބާގަނޑުތައް ފޫބެއްދުމެވެ. އެފަދަ ގަވާއިދުތަކާއި އުސޫލުތަކުގައި ހުރި ދޯހަޅި ކަންކަމުގެ ނާޖާއިޒު ފައިދާ، ބައެއް ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން ނަގާތީ، ޓެކްސް ނެގުމުގައި ޖީ-7ގެ ގައުމުތަކުގައި އެއް މިންގަނޑެއް ގެންގުޅުމަށް އަޑު އުފުލަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ދޭދޭ ގައުމުތަކުން ޓެކްސް ނެގުމުގައި އަމަލުކުރާ މިންގަނޑު ތަފާތުވުމުގެ ސަބަބުން، އިގްތިސާދީ ގޮތުން ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް، އޯގަނައިޒޭޝަން ފޯ އިކޮނިމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގެ ފަރާތުން، ދުނިޔޭގެ 140 ގައުމަކާ އެކު މަޝްވަރާ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ޖީ-7ގެ ގައުމުތަކުން މިހާރު އުންމީދުކުރަނީ، އަންނަ ޖުލައި މަހު އޮންނަ، ޖީ-20ގެ ގައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި، މިކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ އެއްބަސްވުން ގާއިމުކުރެވޭނެ ކަމަށެވެ.
އިނގިރޭސި މާލީ ވަޒީރު ރިޝީ ސުނަކް ވިދާޅުވީ މިއީ ދުނިޔޭގެ ޓެކްސްގެ ނިޒާމު އިސްލާހް ކުރުމަށްޓަކައި ގާއިމުކުރެވުނު ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި މިއެއްބަސްވުމަކީ، ޑިޖިޓަލް ޒަމާނަށް ދުނިޔޭގެ ޓެކްސް ނިޒާމު ފައްކާކޮށްދިން އެއްބަސްވުމެއް ކަމަށާއި، ކޮންމެ ވިޔަފާރި ކުންފުންޏަކުން ވެސް އެކުންފުންޏަކާ އެންމެ އެކަށޭނަ މިންވަރަށް ޓެކްސް ދައްކަން މަގުފަހިކޮށްދިން އެއްބަސްވުމެއް ކަމަށެވެ.
ޖީ-7ގެ ބައްދަލުވުމުގައި ބައިވެރިވީ، އިނގިރޭސި ވިލާތުގެ އިތުރުން، އެމެރިކާ، ކެނެޑާ، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިޓަލީ ވިލާތް އަދި ޖަޕާނެވެ. އިއްޔެ މި ފާސްކުރި މުއާހަދާއާ މެދު ޖީ-7ގެ ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް މިއާދެވުނީ، ހަތަރު އަހަރު ވަންދެން މަޝްވަރާތައް ކުރުމަށް ފަހު އެވެ.