އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓެއް އުފައްދަނީ
އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓެއް އުފައްދަނީ

"ކޮންކޯޑް" މަތިންދާބޯޓުގެ ތާރީހަށް ފަހު، އަނެއްކާވެސް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓު އާންމު ދަތުރުފަތުރަށް ނެރެން ތައްޔާރުވާން ފަށައިފި އެވެ. އެމެރިކާގެ އެއާލައިނެއް ކަމަށްވާ ޔުނައިޓެޑުން ބުނި ގޮތުގައި އަލަށް އުފައްދާ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ (ސުޕަ ސޮނިކް)، 15 މަތިންދާބޯޓު ގަތުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމައިފަ އެވެ.

މިފަހަރު، މިޒާތުގެ މަތިންދާބޯޓު އުފައްދަނީ، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޫމް ޓެކްނޮލޮޖީގެ ފަރާތުންނެވެ. އެ ކުންފުނިން އުފައްދާ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓަށް ދީފައިވާ ނަމަކީ، އޯވަޗުއާ އެވެ. އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓުގެ ދަތުރުތަކަށް ނިމުމެއް އައީ، ބްރިޓިޝް އެއާވޭޒް އާއި އެއާ ފްރާންސްގައި ބޭނުންކުރަމުން އައި ކޮންކޯޑްގެ ދަތުރުތައް، ދިމާވި ހިތާމަވެރި އެކްސިޑެންޓްތަކަކާ ގުޅިގެން، 2003 ވަނަ އަހަރުގެ ތެރޭގައި ހުއްޓައިލުމާ ގުޅިގެންނެވެ.

ބޫމް އިން މިހާރު އަންދާޒާކުރަނީ، 2030 ވަނަ އަހަރު އޯވަޗުއާ، ހިދުމަތަށް ނެރެވޭނެ ކަމަށެވެ. ޔުނައިޓެޑް އެއާލައިނުން ކަނޑައަޅާފައިވަނީ، 2029 ވަނަ އަހަރު އޯވާޗުއާގެ 15 މަތިންދާބޯޓު ގަންނާށެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާ ބޯޓުގެ ގޮތުގައި ބަލަނީ، ބިމުން ފެށިގެން 60000 ފޫޓު (18300 މީޓަރު) އުހުގައި، އަދި ގަޑިއަކު 660 މޭލު (1060 ކިލޯމީޓަރު) ބާރުމިނުގައި ދަތުރުކުރެވޭ ބޯޓުފަހަރަށެވެ. އާންމުކޮށް ދަތުރުފަތުރުތަކުގައި މިހާރު ބޭނުންކުރާ މަތިންދާބޯޓުފަހަރުވެސް، ގަޑިއަކު 560 މޭލު (900 ކިލޯމީޓަރު) ބާރުމިނުގައި ދަތުރުކުރާނެ އެވެ.

އަލަށް މިހާރު ބަންނަމުން އަންނަ އޯވަޗުއާ އަކީ، ގަޑިއަކު 1122 މޭލު (1805 ކިލޯމީޓަރު) ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލްކަން ހުންނަ ބޯޓަކަށް ވާނެ އެވެ. މި ބާރުމިނުގައި ދަތުރުކުރާ ނަމަ، މިހާރު ގެންގުޅޭ މަތިންދާބޯޓުފަހަރުގައި، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކަށް ހޭދަވާނީ، މިހާރު ހޭދަވާ ވަގުތުގެ ދެބައިކުޅަ އެއް ބައެވެ. ބޫމް ކުންފުނިން ބުނި ގޮތުގައި، އޯވަޗުއާ އިން، 3.5 ގަޑިއިރުގެ ތެރޭގައި އެޓްލާންޓިކް ކަނޑު ހުރަސްކުރާނެ އެވެ.

ބްރިޓިޝް އެއާވޭޒް އާއި އެއާ ފްރާންސް އިން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރި، 1976 ވަނަ އަހަރު އާންމު ދަތުރުތަކަށް ނެރުނު ކޮންކޯޑް ބޯޓުތަކުގެ އެންމެ ބާރު ދުވެއްޔަކީ، ގަޑިއަކު 1350 މޭލު (2180 ކިލޯމީޓަރު) އެވެ.

މިހާތަނަށް މަދަނީ ވައިގެ ދަތުރުފަތުރުގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓު އުފައްދާފައިވަނީ އެންމެ ދެ ކުންފުންޏަކުންނެވެ. އެއީ އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުން ގުޅިގެން އުފައްދައި، 1976-2003 އަށް ބޭނުންކުރި ކޮންކޯޑް މަތިންދާބޯޓުތަކާއި، ކުރީގެ ސޮވިއެޓް ޔޫނިއަނުން އުފައްދައި، 1975-1999 އަށް ބޭނުންކުރި ޓުޕޮލޭވް މަރުކާގެ މަތިންދާބޯޓުތަކެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މަތިންދާބޯޓެއް އުފެއްދުމުގައި، ސައެންސްވެރިން ވަރަށް މުހިންމު ދެ ކަމަކަށް ވިސްނުން ބެހެއްޓި އެވެ. އެއީ ކޮންކޯޑް ބޯޓުތަކުގައިވެސް މެދުވެރިވި، އާދަޔާ ޚިލާފަށް އަޑު ގަދަވުމުގެ މައްސަލަ އާއި، ޖައްވު ތަގައްޔަރުވުމުގެ މައްސަލަ އެވެ.

މި ދެ މައްސަލައަށް ބޫމް ކުންފުނިން ހޯދި އެއް ހައްލަކީ، އޯވަޗުއާގެ ބާރު ދުވެލީގައި ދަތުރުކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައެޅުމެވެ. އެގޮތުން، މީހުން ދިރިއުޅޭ ރަށްތަކުގެ މަތިން ދަތުރުކުރާ އިރު، އޯވަޗުއާގެ ދުވެލި ދަށްކުރާނެ އެވެ. ނަމަވެސް ބިޔަ ކަނޑެއް ނުވަތަ ސަހަރާއެއް ފަދަ ތަނެއްގެ މަތިން ދަތުރުކުރާ އިރު، އަޑަށް ވުރެ ބާރު ދުވެއްޔެއްގައި ދަތުރުކުރާނެ އެވެ.

އަދި އޯވަޗުއާ އުދުއްސައިލާ ވަގުތުގައާއި، ރަށްތަކުގެ މަތިން ދަތުރުކުރާއިރު އަދި ރަންވޭއަށް ތިރިކުރާ ވަގުތުވެސް، މިހާރު ބޭނުންކުރާ އާންމު މަތިންދާބޯޓުތަކަށް ވުރެ އަޑު ގަދަ ނުވާނެ ކަމަށް ބޫމް ކުންފުނިން ބުނެ އެވެ. އޯވަޗުއާގެ އަޑު މަޑުކުރުމުގައި ބޫމް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދެނީ ކޮންކޯޑް ކުންފުނިންނެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރުމަށްޓަކައި އިތުރު ތެލާއި އިތުރު ހަކަތަ ބޭނުންކުރަން ޖެހޭތީ، އެފަދަ ބޯޓުފަހަރުގެ އިންޖީނުން ބޭރުވާ ވިހަ ދުންތަކުން ޖައްވު ވަރަށް ބޮޑަށް ތަގައްޔަރުވެ އެވެ. ނަމަވެސް ބޫމްގެ ޗީފް ކޮމާޝަލް އޮފިސަރު ކެތީ ސެވިޓް ބުނި ގޮތުގައި އެކުންފުނިން ގަސްދުކުރަނީ، "ނެޓް-ޒީރޯ ކާބަން" އުޅަނދެއްގެ ގޮތުގައި އޯވަޗުއާ ހިދުމަތަށް ނެރޭށެވެ.

އެކަމަށްޓަކައި އޯވަޗުއާގައި ބޭނުންކުރާނީ، ޖަނަވާރުގެ ސަރުބި އާއި ގޮވާމާއި މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ ދަނޑުވެރި އުފެއްދުންތަކުން ތައްޔާރުކޮށްފައި ހުންނަ "ޕޯޝް ބަޔޯޑީސަލް" އެވެ. ނަމަވެސް މިއީވެސް އަދި މުޅިން ވަކި ގޮތެއް ނުނިމި އޮތް ކަމަކަށްވާތީ، މިކަމާ ބެހޭ އިތުރު ދިރާސާތައް މިހާރުވެސް އެބަ ކުރިއަށް ދެ އެވެ.