06 ޖޫން 2021 - 10:42

ރިއޯ ޑި ޖަނޭރޯ (ޖޫން 6) - ބްރެޒިލްގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް، ކޮޕާ އެމެރިކާ މުބާރާތް އެ ގައުމުގައި ބޭއްވުމަށް ބްރެޒިލްގެ ކުޅުންތެރިން ތާއީދު ނުކުރާކަން ހާމަވެފައި ވަނިކޮށް އެ ޓީމުގެ ކޯޗް އެޑެނޯ ލިއޮނާޑޯ ބާކީ (ޓީޓޭ) އިސްތިއުފާ ދޭން އުޅޭ ވާހަކައިގެ އަޑުގަދަ ވެއްޖެ އެވެ.
ނަމަވެސް އިސްތިއުފާ ދޭން އުޅޭ ވާހަކައަށް އޭނާ ޖަވާބެއް ނުދެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އިކްއެޑޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޓީޓޭ ބުނީ އެކަމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކާނީ ފަހުން ކަމަށެވެ.
ކޮވިޑުގެ ހާލަތު އޮތް ގޮތުން ކޮޕާ އެމެރިކާ ބްރެޒިލްގައި ބާއްވަން ޓީޓޭ ތާއީދު ނުކުރާ ކަމަށްވެސް އަޑު ވަނީ ފެތުރިފަ އެވެ. ބްރެޒިލްގެ ގިނަ ރައްޔިތުން ވެސް ގަބޫލު ކުރަނީ ކޮޕާ އެމެރިކާ ފެށުމުގެ ކުރިން އޭނާ ޓީމުން އިސްތިއުފާ ދޭނެ ކަމަށެވެ.
"ކަލޭމެންނަށް (ނޫސްވެރިންނަށް) އަޑު އަހައިފައި އޮތް އެއްޗަކުން ކަލޭމެން ބޭނުން ވާހަކައެއް ފެތުރިދާނެ. އަހަރެން ބުނާނީ ކަލޭމެން ފަތުރާ ވާހަކައާ މެދު ކަލޭމެން ފަރުވާތެރި ވެގެން ތިބޭށޭ،" ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓީޓޭ ބުންޏެވެ.
"އެކަމަށް އެންމެ ރަނގަޅު ވަގުތުގައި އަހަރެން އެކަން ތަފްސީލު ކޮށްދޭނަން. އެކަމަކު މިހާރަކު ނޫން. ތި ސުވާލަށް ޖަވާބު ދޭން އަހަރެން ފިލަނީކީވެސް ނޫން. ނަމަވެސް އަހަރެމެން އެންމެނަށް ވެސް އެނގޭ އެންމެ އެކަށީގެންވާ ވަގުތު އަންނާނެ ކަން."
އޭނާ ބުނީ، އަންގާރަ ދުވަހު ޕެރެގްއޭ އާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އޭނާ ނިންމާނެ ގޮތެއް އިއުލާން ކުރާނެ ކަމަށެވެ.
ކޮޕާ އެމެރިކާ ބްރެޒިލަށް ބަދަލު ކުރީ، ކޮވިޑްގެ ސަބަބުން އެ މުބާރާތް އާޖެންޓީނާގައި ބޭއްވޭގޮތް ނުވުމުންނެވެ. ބްރެޒިލްގައި ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރުގައި ހުރި އިރު ވެސް އެ މުބާރާތް ބާއްވަން ބްރެޒިލްގެ ސަރުކާރުން ހުއްދަ ދިނުމުން އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ކޮޕާ އެމެރިކާ ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.