06 ޖޫން 2021 - 09:56

ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު، ބުރްކީނާ ފާސޯގެ އުތުރުގެ އަވަށަކަށް ދަންވަރުގެ ވަގުތެއްގައި އަރައިގަނެ، 100 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.
މިހާރުވެސް ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އޮތް، ބުރުކީނާ ފާސޯގެ ސަރުކާރުން ބުނި ގޮތުގައި، ހުކުރު ދުވަހުގެ ރޭގެ މި ހަމަލާއަކީ، މިދިޔަ އަހަރުތަކުގައި އެ ގައުމުގައި ދިން ލޭއޮހޮރުވުން އެންމެ ބޮޑު ހަމަލާ ކަމަށެވެ. އެފްރިކާ ބައްރުގެ ހުޅަނގު ފަރާތުގައި އޮންނަ، ބުރުކީނާ ފާސޯގައި ހަނގުރާމަވެރި އެތައް ޖަމާއަތެއް ހަރަކާތްތެރިވާއިރު، މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ.
ސަރުކާރުގެ ތަރުޖަމާނު އޯސެނީ ޓަމްބޫރާ ވިދާޅުވި ގޮތުގައި ނައިޖަރާ އިންވެގެން އޮންނަ ޔަގާ ޕްރޮވިންސްގެ ސޮލްހާން އަވަށަށް ހަނގުރާމަވެރިން ވަދެގަތީ، ހުކުރު ދުވަހުގެ ރޭގެ ދަންވަރު އެވެ. އެތައް ބަޔަކު މަރައިލުމަށް ފަހު، އެއަވަށުގެ އެތައް ގެއެއްގައި ހުޅުޖަހައި އަންދައިލުމަށް ފަހު، މާރުކޭޓުގައިވެސް ވަނީ ހުޅުޖަހައިފަ އެވެ.
މިދިޔަ އަހަރުތަކުގައި ވެސް، އެކި ފަހަރުމަތިން އެ އަވަށަށް ހަނގުރާމަވެރިން ހަމަލާ ދީފައި ވިޔަސް، މިފަދަ އަނިޔާވެރި ގޮތެއްގައި ހަމަލާ ދީފައި ނުވާތީ، މިފަހަރުގެ ހަމަލައާ ގުޅިގެން، އެ އަވަށް ދޫކޮށް ބައެއް މީހުން މައި ސިޓީކަމަށްވާ ސެބާއަށާއި އެހެން ހިސާބުތަކަށް މިހާރު ހިޖްރަ ކުރަން ފަށައިފި އެވެ.
މީގެ ކުރިން އެ އަވަށް ހިމެނޭ ސަރަހައްދުގައި، ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކަށް ފަހު، އެ އަވަށުގެ މީހުންގެ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވެއްޖެ ކަން ކަށަވަރު ކުރުމުގެ ގޮތުން ޑިފެންސް މިނިސްޓަރު އެއަވަށަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
ނަމަވެސް މިފަހަރުގެ ހަމަލާތައް ހަނގުރާމަވެރިން މިދިނީ، އެއަވަށުގައި ސަރުކާރު ސިފައިން ވެސް ތިބި ވަގުތެއްގައި އެމީހުންނަށް ވެސް މޭރުން ނުވެ އެވެ.
އަލްގާއިދާ އާއި އައިއެސް ޖަމާއަތާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތައް، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ އަވަށްތަކަށް ހަމަލާ ދިނުން އިތުރުވެފައިވާތީ، ބުރްކީނާ ފާސޯގެ 1.2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ، އެމީހުންގެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދަތުރުކޮށްފަ އެވެ. ބުރްކީނާ ފާސޯގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށް، ފަރަންސޭސި ވިލާތުގެ އެތައް ހާސް ސިފައިންނާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ އިތުރު ސިފައިން، މިހާރުވެސް އެ ގައުމުގައި އެބަ ތިއްބެވެ.
ނަމަވެސް ހަނގުރާމަވެރިންގެ ހަމަލާތައް މިހާރު އަމާޒުކުރަނީ، ބޭރުގެ ސިފައިން އާންމުކޮށް ހަރަކާތްތެރިނުވާ ސަރަހައްދުތަކަށެވެ.