06 ޖޫން 2021 - 11:40

ކޮވިޑު-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ސިއްހީ ފަރުވާ ހޯދަން ދިއުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއެއް ދީފި އެވެ.
އެ އެޖެންސީން ރޭ ނެރުނު ސާކިއުލާގައި ބުނީ މޮނިޓަރިންގައި އޮންނަ ރަށްރަށަށް ސިއްހީ ފަރުވާ ހޯދަން އެޗްޕީއޭގެ އިތުރު ހުއްދައެއް ނުނަގައި ދެ ރަށުގެ ކައުންސިލްގެ ހުއްދައާ އެކު ދަތުކުރެވޭނެ ކަމަށެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް ސިއްހީ ބޭނުމެއްގައި ނަމަވެސް ދަތުރުކުރާނަމަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހުއްދަ ބޭނުންވާނެ އެވެ.
އެ ގޮތަށް ދަތުރުކުރުމުގައި އެޗްއީއޯސީގެ ލީގަލްގެ ހުއްދަ ނުލިބި އެތައް އިރަކު މަޑުކުރަންޖެހެ އެވެ. އެހެންވެ، މިއީ ސިއްހީ ބޭނުންތަކަށް ދަތުރުކުރުމުގައި ލިބޭނެ ލުުޔެކެވެ.
އެޗްޕީއޭއިން ބުނީ ސިއްހީ ބޭނުންތަކަށް ދަތުރުކުރާއިރު އެ މީހަކު ހުންނަ ރަށުގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ ޑޮކްޓަރުގެ ރިފަރަލްއެއް ބޭނުންވާނެ ކަމަށެވެ. އެ ނޫން އެހެން ފަރާތަކުން ސިއްހީ ހިދުމަތް ހޯދުމަށް ލަފާ ދީފައިވިއަސް މިކަމަށް ރިއާޔަތްކޮށް ރަށުގައި ހުންނަ ސިއްހީ މަރުކަޒުގެ ފަރާތުން ދޭ ރިފަރަލް ލިޔުމެއް އޮންނަންވާނެ ކަމަށް އުސޫލުގައި ބުންޏެވެ.
އެކަންކަމުގައި އިތުރުން މޮނިޓަރިންގައި އޮންނަ ރަށަކަށް ސިއްހީ ފަރުވާ ހޯދަން ދިއުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އަނބުރާ ރަށަށް ހިނގައްޖެ ނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. އޭގެ ތެރޭގައި މާލެ ނުހިމެނެ އެވެ.
"ސިއްހީ ހިދުމަތަށް ގޮސް އެއްވެސް ސަބަބަކާހުރެ އެހެން ތަނެއްގައި ވަގުތީ ގޮތުން މަޑުކުރަންޖެހޭނަމަ ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އުޅުމާއި އެކުގައި އައި މީހުން ފިޔަވައި އެހެން މީހުންނާ ބައްދަލުކޮށް ނުހެދުން،" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވެ އެވެ.
މޮނިޓަރިންގައި އޮންނަ ރަށެއްގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރަންޖެހޭނަމަ އެނބުރި ރަށަށް ގޮސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހެ އެވެ.