06 ޖޫން 2021 - 09:53

މިލާން (6 މެއި) - މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ކުޅުންތެރިން ވިއްކައިގެން އިންޓަ މިލާނުން ބޮޑު ފައިދާއެއް ހޯދަން ބޭނުންވާ ކަމަށް، އެ ކްލަބުގެ ރައީސް ޗައިނާގެ ސްޓިވަން ޖާންގް ވިދާޅުވެއްޖެ އެވެ.
ސްކައި ސްޕޯޓްސް އިޓަލިއާއަށް ދިން އިންޓަވިއުގައި ޖާންގް ވިދާޅުވީ، ކޮވިޑާ ގުޅިގެން ކްލަބަށް ކުރިމަތިވި މާލީ ގެއްލުމުން ފޫބެއްދުމަށް ކުލަބަށް ފައިސާ ބޭނުންވާ ކަމަށެވެ.
"އަހަރެމެންގެ އިގްތިސާދީ ޓާގެޓްތައް ހާސިލުކުރުމަށް މިހާރުން ފެށިގެން މަސައްކަތް ފަށައިފިން. މިފަހަރުގެ ޓްރާންސްފާ ވިންޑޯއިން ބޮޑު މަންފާއެއް ހޯދަން އަހަރެމެން ބޭނުން،" ޖާންގް ވިދާޅުވި އެވެ.
"ހަމައެޔާއެކު ވާދަވެރި ސްކޮޑެއް އޮތުންވެސް އަހަރެމެންނަށް މުހިންމު. އޭރުން ޗެމްޕިއަންސް ލީގުގައިވެސް ރަނގަޅު ވާދައެއް ކުރެވޭނެ. އަދި އަނެއްކާވެސް ޗެމްޕިއަންސް ލީގު ޖާގައަށް އަހަރެމެންނަށް ކޮލިފައި ވެވޭނެ،"
ނިމިދިޔަ ސީޒަންގައި އިންޓައަށް ލީގު ހޯދައިދިންނަމަވެސް، ކޯޗް އެންޓޯނިއޯ ކޮންޓޭ ދޫކޮށްލަން މަޖުބޫރުވީ ކްލަބުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކަމަށް އޭނާ ވިދަޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބު އިތުރަށް ވަރުގަދަ ކުޅުންތެރިން ގަންނަން ކޮންޓޭ ބޭނުންވި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ކްލަބަށް ކުރިމަތިވި ގެއްލުން ބޮޑު ކަމުން އެކަން އެގޮތަށް ކުރެވެން ނެތުމުން އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ކޮންޓޭއާ އެކު މަސައްކަތް ނުކުރުން ކަމަށް ޖާންގް ވިދާޅުވި އެވެ.
އަންނަ ސީޒަންގައި އިންޓަގެ ޓާގެޓަކީ ލީގު ހޯދުން ނޫންކަން ދޭހަވާ ގޮތަށް އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ،
"އަލުން ލީގު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ސަބަބަކީ ހައެއް ނުވަތަ ހަތް ކްލަބުން ކޮންމެ އަހަރަކު ލީގަށް އެބަ ވާދަ ކުރޭ. މިހާރު އަހަރެމެންނަށް މި ހޯދުނު ލީގު އާއެކު އުފާފާޅު ކުރަން ހިނގާ. ޖާންގް ވިދާޅުވި އެވެ.
އިންޓަގެ ކޯޗަކަށް، ލާޒިއޯގެ ކުރީގެ ކޯޗް ސިމޯން އިންޒާގީ މިހާރު ވަނީ ހަމޖައްސައިފަ އެވެ. އޭނާ އާއެކު އިންޓައިން ސޮއި ކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ.