06 ޖޫން 2021 - 00:22

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު، ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެޗްޕީއޭ އިން ހަރުކަށިކޮށްފި އެވެ.
ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ދިއުން މަނާކޮށް، ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް މިރޭ އިއުލާނުކުރި އިރު މި މަހު 27 ގައި ބޮޑު ޗުއްޓީ ފެށޭނެ އެވެ. އަދި އަލުން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ 10 ގަ އެވެ.
އަލަށް ކަނޑައެޅި އުސޫލުގައި، ސްކޫލް ޗުއްޓީގައި ރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ކަމަށް ނުބަލާނެ ކަމަށް ބުނެފައި ވާތީ، ޗުއްޓީއަށް ރަށަށް ދާން ހުއްދައެއް ނުލިބޭނެ އެވެ.
އެޗްޕީއޭގެ އިއުލާނުގައި ބުނީ މާލެއިން ރަށްރަށަށް ދިއުން ހަރުކަށިކުރަން ނިންމީ ގިނަ ރަށްރަށުގައި ވަރަށް ބާރަށް ކޮވިޑް ފެތުރެމުން ދާތީ އެކަން ކޮންޓްރޯލްކުރަން ކަމަށެވެ.
ރަށްރަށަށް ދާން ހުއްދަ ދޭނީ ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ މީހުންނަށް އެކަނި ކަމަށާއި އަދި މިހާރު ވެސް އޮތް ގޮތަށް، ކޮންމެ މީހަކު ވެސް ރަށުގައި 14 ދުވަސް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މާލޭން ރަށްރަށަށް ދާން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހިފައިވާ މީހުންނާއި އެފަދަ މީހަކާ އެކު ދާން ޖެހޭ މީހުންނާއި، ވަޒީފާ ނުވަތަ މަސައްކަތް ހުއްޓާލަން ޖެހިގެން މާލޭގައި އިތުރަށް ތިބެން ދަތިވެފައިވާ މީހުންނަށާއި މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިގެން ރަށަށްދާ މީހުންނަށެވެ.
ނަމަވެސް ޗުއްޓީ ލިބިގެން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވާ މީހުންނަށް ރަށަށް ދާން ހުއްދަ ނުލިބޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ރަށްރަށަށް ދާން ޖެހޭ މީހުންނަށް ހުއްދަ ދޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.
ޒަރޫރީ ބޭނުންތަކަށް ރަށަށްދާ ނަމަ އެކަމުގެ ހުއްދަ އަށް މާދަމާ އިން ފެށިގެން "ހާލު ބެލުން ޕޯޓަލް" މެދުވެރިކޮށް އެދެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިގޮތަށް އެދޭއިރު ރަށު ކައުންސިލް ހޯދާ ލިޔުން ޕޯޓަލް އަށް އަޕްލޯޑްކުރަން ޖެހޭނެ ކަމަށާއި ރަށުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު ބޭރަށް ނުކުމެވޭނީ، ކުރިން ވެސް އޮންނަ ގޮތަށް، ކޮވިޑަށް ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައި ކަމަށް އެ އިއުލާނުގައިވެ އެވެ.