ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު
ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި 2019 ގައި ގުއާމްގައި ރާއްޖެ ކުޅުނު މެޗަށް ތައްޔާރު ވަމުން ދިޔައިރު، ޓީމުގެ މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން އާއި ހުސައިން ނިހާން (ނިހާޓް) އަށް ގުއާމްގެ ދަތުރުގައި ބައިވެރި ނުވެވުމުން، ފުރަތަމަ 11 އިން ފުރުސަތު ދިނީ އައިސަމް އިބްރާހިމް (ޓޯނީ) އަށެވެ. އެ މެޗުގައި އޭނާ ދެއްކި ކުޅުމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)، ވެސް ތައުރީފްކުރި އެވެ.

ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު
ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒުއާ ބައްދަލުވުމުން، އޮއްޕޮ ވެސް ދެއްކީ ޓޯނީގެ ވާހަކަ އެވެ. އޮއްޕޮގެ ތައުރީފް ލިބުމަކީ ޒުވާން މިޑްފީލްޑަރަށް ލިބުނު އިތުރު ހިތްވަރަކަށްވި އެވެ. ނިމިދިޔަ ސީޒަން ފެށިއިރު މާޒިޔާގައި ޓޯނީއަށް ކޯޗްކޮށްދިން މުހައްމަދު ނިޒާމް، ސިފަކުރިގޮތުގައި ޓޯނީ އަކީ މިފަހަރު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު މިޑްފީލްޑަރެވެ.

ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު
ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު

ސީނިއާ ގައުމީ ޓީމުން މެޗެއް ނުކުޅޭތާ، 16 މަސް ދުވަސް ފަހުން، ހުކުރު ދުވަހުގެ ރޭ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި، އޭނާއާ ހަވާލުކުރީ ވައަތު ބެކެއްގެ ރޯލެވެ. މެޗު ބެލި އެތައް ބަޔަކަށް އުފެދުނު އެންމެ ބޮޑު ސުވާލަށް އެކަންވި އެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ނެޗުރަލް މިޑްފީލްޑަރު ވައަތު ބެކަށް ކުޅުވަން، ގައުމީ ކޯޗް މާޓިން ކޫޕްމަން ނިންމި ސަބަބަކީ ކޮބައި ހެއްޔެވެ. އެ މަގާމަށް ކުޅެން ތިިބި ޑިފެންޑަރުންގެ ތެރެއިން، ކްލަބު އީގަލްސްގެ ހައިޝަމް ހަސަން (ބިޑީ) އަށް ކުރިން ކުޅުނު މެޗުތަކުގައި ދެ ރީނދޫ ކާޑު ދައްކާފައި ވުމުން، އޭނާ ހުރީ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު
ޓޯނީގެ އާ މަގާމުން ލިބުނު ތައުރީފް މާ ބޮޑު

ވައަތު ބެކަށް ކުޅެން، ޓީމުގައި އޮޕްޝަންތައް ހުސްވީކީވެސް ނޫނެވެ. ކެޕްޓަން އަކުރަމް އަބްދުލް ގަނީ، އަކީ ޑިފެންސްގެ ކޮންމެ މަގާމަކަށް ކުޅެވޭ ކުޅުންތެރިޔެކެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މުހައްމަދު ސާއިފް އާއި ސަމޫހް އަލީ (ސަމުއްޓޭ) ސެންޓަ ބެކްގެ ރޯލް ދިނުމަށް ފަހު އަކުރަމް އެއްފަޅިއަށް ބަދަލުކުރުން ވެސް އެއީ އޮޕްޝަނެކެވެ. ބޭނުމަކީ ޓޯނީ މެދުތެރެއަށް ބަދަލު ކުރުމެވެ. ނެޗްރަލް މިޑްފީލްޑަރެކެވެ. އޭނާ ނިސްބަތްވާ މަގާމަށް ކުޅުވި ނަމަ، ކޫޕްމަން، ބޭނުންވާ ބޯޅަ ކޮންޓްރޯލް ކުޅޭ ގޭމް ކުޅެން އިތުރަށް ފަހިވީސް ކަމަށް ގަބޫލުކުރެ ވެއެވެ.

ދުރުގައި ބަލަން ހުންނަ މީހަކަށްވުރެ ކޫޕްމަންގެ ވިސްނުމާއި އޭނާއަށް މެޗު ފެންނަ ގޮތް، ރަނގަޅު ވާނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ޓޯނީ އެ މަގާމަށް ފިޓްކުރުމުގެ ގޮތުން ޕްރެކްޓިސްތަކުގައި އޭނާ އެ މަގާމަށް ކުޅުވި އެވެ. ޓޯނީ ޑިފެންސަށް ބަދަލުކުރުމަކީ ޕްރެކްޓިހުގައި ޓެސްޓްކޮށް، ކޫޕްމަންއަށް ނަތީޖާ ޕޮޒިޓިވްކޮށް ފެނުނު ފޯމިއިލާ އަކަށްވި އެެވެ.

ލެފްޓް ބެކް ރޯލުގައި ދިން ފުރުސަތުގައި ޓޯނީގެ ކުޅުން، ނިޒާމް ސިފަ ކުރީ ޕޮޒިޓިވް ކަމެއްގެ ގޮތުގަ އެވެ. އޭނާ ދެއްކި ކުޅުމަށް ތައުރީފް ނޫން ބަހެއް ޓީސީގެ މިހާރުގެ ކޯޗްގެ އަތުގައި ނެތެވެ.

"އޭނާގެ ކޮމިޓްމެންޓް ދެއްތޯ އެ އެނގުނީ،" މެޗުގައި ޓޯނީ ދެއްކި ކުޅުމަށް ތައުރީފް ކުރަމުން ނިޒާމް "މިހާރު" އަށް ބުންޏެވެ. "ކޮންމެ ތަނަކަށް ލީކަމުގައި ވީނަމަވެސް އެއްވެސް ކަހަލަ ފަސް ޖެހުމެއް ނެތި އޭނާގެ 100 ޕަސެންޓް ދީގެން މަސައްކަތް ކުރިތަން ފެނިގެން ދިޔައީ."

ފުރަތަމަ ޑިވިޝަންގައި ޓޯނީއަށް އެންމެ ފުރުތަމަ އިރުޝާދު ދިނީ، ޔުނައިޓެޑް ވިކްޓަރީގެ މިހާރުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. އީގަލްސްއިން ސީނިއާ ކެރިއާ ފެށި ޓޯނީއާ މެދު ސާންތީ ފާޅުކުރީ ހިތްހަމަޖެހުމުގެ ޝުއޫރުތަކެވެ.

"ރާއްޖޭގައި މިކަހަލަ ޕްލޭޔަރުންނަކީ ވަރަށް މަދު ބައެއް ނުކުޅޭ މަގާމަކަށްވެސް ކޯޗް ބުނީމަ ކުޅެން ނުކުމެ އޭނާގެ އެންމެ މަތީ ފެންވަރު ދައްކައިދިނުން،" ސާންތީ ފާހަގަ ކުރި އެވެ.

"ގިނަ ފަހަރު ގިނަ ކުޅުންތެރިންނަށް ވާގޮތަކީ އަޅުގަނޑު ނުކުޅޭ ތަނެކޭ އަޅުގަނޑު ކޮންފިޑެންސެއް ނެތޭ ބުނާނީ. އެކަމަކު އައިސަމްގެ ކޮންފިޑެންސާއި އަޒުމު ވަރަށް ވަރުގަދަ. ކޮންމެ ގޮތެއްވިޔަސް ފުޓްބޯޅަ ކުޅުންތެރިޔަކަށް އެންމެ ބޮޑު ޝަރަފެއް މި ލިބެނީ ގައުމީ ޓީމަށް ކުޅުން. އެހެންވީމަ ގައުމީ ޓީމަށް އެ މެޗުގައި އެންމެ ބޮޑު އެހީއަކަށް ވަނީ އެތަނަށް [ވާތު ބެކަށް] ކުޅެން ކަމަށް ކޯޗަށް ފެންނަންޏާ ކޯޗް އެ ބޭނުންވި ގޮތަށް އޭނަގެ މެކްސިމަމް ދިންތަން އެ ފެނުނީ."

ސާންތީ ބުނީ ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވާން ރާއްޖެއަށް ކުރިމަތިވި ހާލަތުގައި ޓީމު ތައްޔާރު ކުރުމަކީ ކިތަންމެ މޮޅު ކޯޗަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގައުމީ ޓީމު 16 މަސް ދުވަހު މެޗެއް ނުކުޅެ ތިބުމަށް ފަހު މެޗަށް ނުކުތުމަކީ ކުޅުންތެރިންނަށްވެސް ފަސޭހަ ވާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

"ކޯޗަށް ވެސް ކުޅުންތެރިންނަށް ވެސް މިއީ އެހާ ފަސޭހަ ކަމެއް ނޫން 2019ގެ ނޮވެމްބަރު ގައި މީގެ ކުރިން ގައުމީ ޓީމު މެޗެއް ކުޅެފައި އިނީ. އެހާ ދުވަހު ނުކުޅެ ހުރެ މެޗަކަށް ނުކުންނަން ވީމަ. ޓީމުގައި ތިބި ކޯޗިން ސްޓާފުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ. ކުޅުންތެރިން ތައްޔާރު ކުރަން. ގަބޫލު ކުރަން ޖެހޭ އެހާ ހާލުގައި ތައްޔާރުވާން ޖެހުނީ. 10 ވަރަކަށް ދުވަސް ކަންނޭންގެ ޓީމު އެއްކޮށް އެކުލަވައިލައިގެން އެތައް ހާލެއްގައި ޕްރެކްޓިސް ކޮށްލެވުނީ. އަނެއްކާ އެންމެ ފަހު ވަގުތު ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ (އަލީ އަޝްފާގް) ކޮވިޑަށް ޕޮޒިޓިވް ވުމާ މިކަހަލަ ބައިވަރު ކަންތައްތަކެއްގެ ތެރޭގައި ޓީމު އުޅެން ޖެހުނީ،" ސާންތީ "މިހާރު" އަށް ކިޔައި ދިނެވެ.

އޭނާ ބުނީ، އެހުރިހާ އުނދަގުލެއްގެ ތެރެއިން އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ ކުޅުންތެރިންނަށް ކަމަށެވެ. އެހާ ދުވަހު ޕްރެކްޓިސް ނުކޮށް ތިބެފައި މެޗު ކުޅެން ޖެހުމުން ކުރިމަތިވެދާނެ އިންޖަރީއަކާ މެދު ވެސް ކުޅުންތެރިން ވިސްނާނެކަން ސާންތީ ފާހަގަ ކުރި އެވެ.

"އެހުރިހާ ޕްރެޝަރެއްގެ ތެރެއިން ކޯޗް އެންމެ ބޭނުންވި ވަގުތު ނުކުޅޭ މަގާމަކަށް ކުޅުން މީ ވަރަށް މަދު ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމެއް ހަގީގަތުގައި. ޓީމަށް އެންމެ ބޭނުންވާ ވަގުތު ޓީމަށް އެގޮތަށް އެހީވާ ކުޅުންތެރިން ވަރަށް މަދުވާނެ،" 2008 ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯދިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ސާންތީ ބުންޏެވެ.

ކޮންމެ ޓީމެއްގައި ވެސް ވަރުގަދަ ތަނަކާ ބަލިކަށި ޑިޕާޓްމެންޓް ހުންނާނެކަން އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ސީރިއާގެ ޓީމު ވާތް ފަޅި ވަރުގަދަ ވީކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް ސާންތީ ބުންޏެވެ.

"އެކަމަކު އައިސަމްގެ ފަރާތަކުން ނޫން ދެއްތޯ އެހާ ގިނަ މިސްޓޭކްތަކެއް ފެނިގެން މިދިޔައީ. އެހާ އުނދަގޫ ހާލަތެއްގެ ތެރެއިންވެސް ކޯޗް އެންމެ ބޭނުންވި ވަގުތު އައިސަމްގެ ކަރޭޖް ހުރެގެން ވަރަށް ބްރޭވް ވެގެން ނުކުޅޭ މަގާމަކަށް އޭނާ ކުޅޭނީ."

އެރަބް އެމިރޭޓްސްގެ ދުބާއިގައި ކުރިއަށްދާ ގުރޫޕް އޭގެ ކޮލިފިކޭޝަންގައި ރާއްޖެއިން ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗުގައި ބިޑީ ކުޅޭނެ ކަމަށް ގަބޫލު ކުރެވެއެވެ. އެހެންވެއްޖެ ނަމަ ޓޯނީގެ އަސްލު މަގާމަށް އޭނާ ރުޖޫއަވާނެ އެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.