21 ނޮވެމްބަރ 2016 - 14:22

ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ "ފިތިފައި" ކަމަށާއި ރައްޔިތުންގެ ހައްގުތައް އެއްވެސް ބަޔަކަށް ނިގުޅައިނުގަނެވޭނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ފާސްކޮށްފި ނަމަ ކޯޓަށް ގޮސް ހައްލެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި މިއީ މަޖިލީހުގެ ބާރު ސަރުކާރަށް އޮތީމަ، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެގެން ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެއަށް ޖަމާކުރައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމުމަކަށް އަންނައިރު ރައްޔިތުންނަށް ފަސޭހަ ކުރަން އެއްވެސް އިސްލާހެއް ހުށަހަޅައިގެން ފާސްކޮށްފައި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ރައްޔިތުން އުޅެމުން އަންނަ ނިކަމެތި ހާލުން ސަލާމަތްކޮށްދޭން މަޖިލީހުން މަސައްކަތްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކުރިއެރުން ގެނެސްދީ، ފަސޭހަކަން ގެނެސްދިނުމަށް އެންމެ ކަމެއް ވެސް މަޖިލީހަށް ހުށަހެޅިފައެއް ނެތް، އަބަދުވެސް މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެވޭތޯ،" އާޒިމް ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި މި އިސްލާހު ފާސް ކުރުމަކީ ބައެއްގެ ހައްގަކަށް މަޖިލީހުން އަރައިގަތުމެވެ. އަދި މުސްލިމުން އެކަކު އަނެކަކުގެ އަމާނާތްތަކަށް އަރައިގަނެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމް ދީނުގެ ނަމުގައި ހުވާކޮށްގެން ތިބެ ކީރިތި ގުރުއާނާއި މާތްﷲ ގެ އަމުރުފުޅާ ހިލާފަށް އަދި އަމިއްލަ އަށް ހަދާފައި އޮތް ގާނޫނުއަސާސީއާ ހިލާފަށް ގާނޫނުތައް ހަދަންވީތޯ؟" ގުރުއާނުގެ ބައެއް އާޔަތްތަކުން މިސާލު ނަންގަވަމުން ދީދީ ވިދާޅުވި އެވެ.
ކަނޑިތީމު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގާއި ވޯޓު ދިނުމުގެ ހައްގު ހިފަހައްޓާފައި އޮންނަނީ އިންތިހާބުތަކާ ގުޅޭ ގޮތުން ހަދާފައި ހުރި ގާނޫނުތަކުގައި އެކަނި ކަމަށެވެ. އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ހަނިކުރާ ނަމަ، އެ ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން އެކަން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ހިފެހެއްޓުމުގެ މިންގަނޑުތައް މި ގާނޫނުތަކުގައި އެބަހުރި. އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ހަނިކުރާ ނަމަ އެ ގާނޫނުތަކަށް އިސްލާހު ހުށަހަޅާނީ،" އޭނާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިހާބުތަކުގައި ބަލިވާނަމަ، ފިޔަވަޅު އަޅަން ޖެހޭނީ އެ ޕާޓީއަކުން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކެންޑިޑޭޓުންނަށް އިންތިހާބުތަކުގައި ބައިވެރިވުމުގެ ފުރުސަތަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އަށް ނޫންތޯ ބަދަލު ގެންނަންވީ؟ ގާނޫނުތަކަށް ބަދަލު ގެނެސްގެން އިންތިހާބީ ހައްގު ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.
އިސްލާހާ އެއްކޮޅަށް ވާހަކަ ދެއްކެވި އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައި އޮތް ހައްގެއް ކަމަށެވެ. އެކަމަކު ޕްރައިމަރީތަކުގައި ވާދަކޮށްގެން ބަލިވާ މީހުން އިންތިހާބުތަކުގައި ބައިވެރިވުމަކީ ފިތުނަ ފަސާދަ އަށް މަގުފަހިވާ ކަމެއް ކަމެއް ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބަކުން ރައްޔިތުންގެ މެދުގައި އިތުރު ފިތުނަވެރިކަމެއް އުފެދި، ބައިބައިވެގެން ދިއުމަކީ ވާން ޖެހޭނެ ކަމެއް ނޫން،" ޖައުފަރު ވިދާޅުވި އެވެ.
ސައުދުގެ އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ މެމްބަރަކު އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭނެ ކަމަށެވެ.
އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ ކޮމިޝަނުން އެ މެމްބަރެއްގެ ކެންޑިޑެސީ ބާތިލް ކުރަން ވާނެ ކަމަށް ވެސް ސިޔާސީ ޕާޓީގެ ގާނޫނަށް ސައުދު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
މި އިސްލާހު މަޖިލީހަށް ފޮނުވާފައި މިވަނީ އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަމުން ގެންދަނިކޮށެވެ.
ސައުދު ހުށަހެޅުއްވި އިސްލާހު ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގެންފަ އެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 28 މެމްބަރެކެވެ.