06 ޖޫން 2021 - 06:36

ދުނިޔެ ހޫނުވަމުން ދިއުމާ އެކު ކަނޑުގެ ލޮނުގަނޑު އުފުލި ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަން ދިމާވެދާނެ މައްސަލަތަކަށް ވިސްނާފައި ބިން ހިއްކައިގެން ބޮޑު ރަށެއް ތަރައްގީކުރާ ގޮތަށް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު ރުހުން ދިނުމާ އެކު ތިމާވެއްޓަށް މަަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ކައިރީގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އަދި މި މައްސަލަ ތިމާވެއްޓަށް ވަކާލާތުކުރާ ގްރޫޕްތަކުން މިހާރު ވަނީ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
އެ ޕްރޮޖެކްޓާ ދެކޮޅު މީހުން ބުނަމުންދާ ގޮތުގައި އެ މަސައްކަތް ފެށުމާ އެކު ކޯޕަންހޭގަން އަށް ތިމާވެށީގެ އިތުރު މައްސަލަތަކެއް ކުތރިމަތިވާނެ އެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ރޯ މެޓީރިއަލް އެެއްގަމާއި ކަނޑުމަގުން އުފުލުން އިތުރުވެ، އެކަމުގެ ސަބަބުން ތިމާވެށީގެ މައްސަލަތައް ނުކުންނަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.
ޕޯޓް އޮފް ކޯޕަންހޭގަންއާ ދިމާލުން ބިން ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ރަށުގެ ނަމަކީ "ލީނެޓްހޯމް" އެވެ. މި އަހަރުގެ ފަހުކޮޅު އަމަަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން 2.6 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. އެގޮތުން ރަށުގެ ސައިޒްގައި 400 ފުޓްބޯޅަ ދަނޑުގެ ސައިޒް ހުންނާނެ އެވެ. ބިން ހިއްކާ އިރު އެކަމަށް 80 މިލިއަން ޓަނުގެ ވެލި ބޭނުންވާނެ އެވެ.
ޑެންމާކްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ބިން ހިއްކައިގެން ތަރައްގީކުރާ ރަށަކީ 35،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ މަޝްރުއެކެވެ. "ލީނެޓްހޯމް" ތަރައްގީކުރާނީ ކޯޕަންހޭގަންއާ ރިންގް ރޯޑަކާއި ބިންގަރާހާއި މެޓްރޯ ލައިނަކުން ގުލާފައި އޮންނަ ގޮތަށެވެ.
ރަށުގެ މައިގަނޑު މަސައްކަތްތައް 2035 އަށް ހަމައަށް އަންނަ އިރު ފުރިހަމަވެފައި އޮންނާނެ ކަމަށް އަންދާޒާކޮށްފައިވާ މުޅި ޕްރޮޖެކްޓް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2070 ގަ އެވެ.
މި ޕްރޮޖެކްޓާ ތިމާވެށީގެ ހިމާޔަތަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޮޅު ހަދާފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުން ޕްލޭން ފާސްކުރި އިރު އެއާ އެއްކޮޅަށް 85 މެމްބަރަކު ވޯޓް ދެއްވި އެވެ. އަދި ދެކޮޅަށް ވޯޓް ދެއްވީ އެންމެ 12 މެމްބަރެކެވެ.