05 ޖޫން 2021 - 15:11

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުން އައްްޑުއަށާއި މުޅި ރާއްޖެއަށް ވެސް ވާން އޮތީ ފައިދާ ކަމަށާއި އައްޑޫގެ ވިސްނުމަކީ ނޭފަތުކުރިއާ ހިސާބުން ތަޅުލެވޭ ވިސްނުމެއް ނޫން ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، ފޭސްބުކްގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ނިންމައި އިންޑިއާގެ ކެބިނެޓުން އެކަން ފާސްކުރިކަން ހާމަވުމާ އެކު އެކަމާ ދެކޮޅަށް މިހާރު އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
"އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް. އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ނޫން،" ޓެރަރިސްޓު ހަމަލާއެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދު ލިޔުއްވާފައިވެ އެވެ.
"ސޭވް އައްޑޫ" ގެ ނަމުގައި ފަށާފައިވާ އެ ކެމްޕޭނުގައި އައްޑޫގެ ޕްރޮފެސަރު ހަސަން އުގައިލް ވެސް ރޭ ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އައްޑޫގައި ގާއިމުކުރަން އިންޑިއާ އިން ބޭނުންވާ އެ ގައުމުގެ ކޮންސިއުލޭޓާއި އައްޑޫގެ ތަރައްގީއާ ގުޅުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން އަންނާނެ ތަރައްގީއަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.
އައްޑޫގެ ސިޔާސީ އެކި ބޭފުޅުން އިންޑިއާގެ ކޮންސިއުލޭޓާ އެއްކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް އާންމުންގެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅުހަދަމުންނެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހެދުމާ ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައި ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ވަނީ ކުރިއަށެވެ.