22 ނޮވެމްބަރ 2016 - 06:11

ސަލްމާން ޚާނާއި އޭނާގެ "ޓިއުބުލައިޓް"ގެ ޑައިރެކްޓަރު ކަބީރް ޚާނާ ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑުތަކެއް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު އަނެއްކާވެސް ފިލްމުގެ އާ ޝެޑިއުލެއްގެ ޝޫޓިން ސަލްމާން ފަށާފައި ވާއިރު ފިލްމުގެ ނިމޭ މަންޒަރުތައް ނަގާފައިވާ ގޮތާ މެދު ސަލްމާން ހިތްހަމަނުޖެހިގެން އެކަމާ ދަނީ ޝަކުވާކުރަމުންނެވެ. އަދި އެބައި އަލުން ޝޫޓްކުރަން ޑިމާންޑް ކުރަމުންދާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
ނަމަވެސް ޑައިރެކްޓަރު ކަބީރް ޚާން މިކަމާ އެއްބަސްވާނެ ކަމާ މެދު ޝައްކެވެ. އަނެއްކޮޅުން ސަލްމާނަށް އިތުރަށް ވަގުތެއް ވެސް ނެތެވެ.
"ޓިއުބުލައިޓް"ގެ ނިމޭ މަންޒަރުތައް ޝޫޓްކޮށްފައިވަނީ މަނާލީގައި ކަމުން އަލުން އެތަނަށް މުޅި ފިލްމު ކުރޫ ދިއުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންކަމުން ސަލްމާން އެދެނީ މުމްބައިގައި މަނާލީގެ މަންޒަރުތައް ގޮތަށް ސެޓެއް ތައްޔާރުކޮށް އެތަނުގައި ޝޫޓްކުރުމަށެވެ.
މިހާރު ސަލްމާންގެ ގާތް މީހުން ދަނީ އެއީ ކުރެވޭ ވަރުގެކަމެއް ނޫންކަން އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ ހުރީ މީހަކު ދައްކާ ގަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ.
"ޓިއުބުލައިޓް"ގެ ޝޫޓިން ދިގުލައިފި ނަމަ ސަލްމާންގެ އެހެން ފިލްމުތަކަށް އަސަރު ކުރާނެ އެވެ. ސަލްމާން ދެން އެންމެ އަވަހަށް ފަށަން އޮތީ "ޓައިގާ ޒިންދާ ހޭ" އެވެ. ކެޓުރީނާ ކައިފާ އެކު ކުޅޭ މި ފިލްމުގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރް އެވެ. އޭގެ ފަހުން އޭނާގެ ކޮއްކޮމެން އުފައްދާ ދެ ފިލްމެއް ވެސް ސަލްމާނަށް ކުޅެން ޖެހިފައިވެ އެވެ.