ޔޫރޯގެ ކުރިން ކޮވިޑް ވެކްސިން ޖަހަން ބެލްޖިއަމްގެ ކުޅުންތެރިން ދެކޮޅު ހަދައިފި
ޔޫރޯގެ ކުރިން ކޮވިޑް ވެކްސިން ޖަހަން ބެލްޖިއަމްގެ ކުޅުންތެރިން ދެކޮޅު ހަދައިފި

ބްރެސަލްސް (5 މެއި) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން، ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިން ޖަހަން ބެލްޖިއަމްގެ ބައެއް ކުޅުންތެރިން ދެކޮޅު ހަދައިފި އެވެ.

މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގެ އަމާޒުގައި ޔޫރޯ އާ ކުރިމަތިލާ ބެލްޖިއަމްގެ އެފްއޭއިން ގަބޫލު ކުރާ ގޮތުގައި، މުބާރާތް ނިމެންދެން ކުޅުންތެރިން ފުރިހަމަ ސިއްހަތެއްގައި ތިބުމަކީ މުހިންމު ކަމެކެވެ. އެހެންވެ އެ ގައުމުގެ އެފްއޭއިން ވަނީ، ފައިޒާ ވެކްސިން ޖެހުމުގެ އިންތިޒާމު ކުޅުންތެރިންނަށް ހަމަޖައްސައިފަ އެވެ.

ވެކްސިން ޖަހަން ސްކޮޑްގެ ދެބައިކުޅަ އެއްބައި ކުޅުންތެރިން ދެކޮޅު ހަދާ ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި އެވެ. ވެކްސިން ޖަހަން ކުޅުންތެރިން ދެކޮޅު ހަދަނީ، ސައިޑްއިފެކްޓްގެ ސަބަބުން ކުޅުންތެރިންނަށް މިދަނޑިވަޅުގައި މެޗުތައް ގެއްލުމުގެ ފުރުސަތު އޮވެދާނެތީ އެވެ. ވެކްސިން ޖަހާ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަށް ސައިޑްއިފެކްޓް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންވެ މުހިންމު މުބާރާތަކާ ކުރިމަތިލާއިރު މިވަގުތު ވެކްސިން ޖެހުން ރަނގަޅު ނުވާނެތީ ގިނަ ކުޅުންތެރިން މިވަގުތު ވެކްސިން ޖަހަން ދެކޮޅު ހަދަ އެވެ.

ވެކްސިން ޖަހަން އިންކާރު ނުކުރާ ކުޅުންތެރިގެ ތެރެއިން އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ގޯލްކީޕަރު ކޯޓްއާ އެވެ. އޭނާގެ އިތުރުން ޓޮބީ އަލްޑާވީލްޑް، ޓިމޮތީ ކަސްޓޭން އަދި ތޯމަސް ވާމެލޮން ވަނީ ވެކްސިން ޖަހައިފަ އެވެ.

ބެލްޖިއަމްގެ ކޮވިޑް-19 ޓާސްކްފޯސްގެ ހެޑް، ޕްރެފެސާ ޑާކް ރަމޭކާސް ވިދާޅުވީ، ވެކްސިން ޖެހުމަށް ކުޅުންތެރިން ތާއީދު ކުރާ ކަމަށެވެ. އަދި ވެކްސިން ޖަހަން ބޭނުން ނޫން ކަމަށް ބުނެފައި ވަނީ އެކެއް ނުވަތަ ދެ ކުޅުންތެރިން ކަމަށް އޭނާ ވިދާލުވި އެވެ.

"އަހަރެން އެކަން ނަގަނީ ޕޮޒިޓިވްކޮށް. އަދި އަހަންނަށް ފާހަގަވޭ މާޓެންސް، ލުކާކޫ އަދި ހަޒާޑް މި ކުޅުންތެރިންވެސް ތާއީދު ކުރޭ ވެކްސިން ޖެހުމަށް، " ރަމޭކާސް ބުންޏެވެ.

އޭނާ ވިދާޅުވީ ގިނަ ކުޅުންތެރިން ތިބީ ގައުމުން ބޭރުން ވެކްސިން ޖަހައިގެން ކަމަށެވެ.

ޔޫރޯގައި ބެލްޖިއަމް ލައްވާލީ، ރަޝިއާ، ޑެންމާކްު އަދި ފިންލެންޑާއެކު ގުރޫޕް ބީގަ އެވެ. ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ރަޝިއާ އާ ދެކޮޅަށެވެ.