ކާތިކްގެ ދިފާއުގައި ޑައިރެކްޓަރު އަނޫބަވް
ކާތިކްގެ ދިފާއުގައި ޑައިރެކްޓަރު އަނޫބަވް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ކާތިކް އާރިޔަން ވަކިކުރި ފަހުން އެންމެ ބޮޑަށް ދެކެވެނީ އޭނާގެ މަސައްކަތުގެ އަހުލާގު ގޯސް ވާހަކަ އެވެ. ބައެއް މީޑިއާތަކުން ސިފަކުރާ ގޮތުގައި ޒުވާން އެކްޓަރު މިހާރު އުޅެނީ ފެންވަރު އޮޅިގެންނެވެ. ދެހާސް އެގާރައިގައި ބޮލީވުޑަށް ނުކުތް ނަމަވެސް ތަރިއެއްގެ ގޮތުގައި އޭނާ ވިދައިލީ 2018 ގެ ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.

އެ ފިލްމުގެ ބޮޑު ކާމިޔާބި އަށް ފަހު ކާތިކްގެ ސޮއި ހޯދަން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ދިގު ކިއޫތަކެއް އޮތް ނަމަވެސް ފިލްމުތަކުން އޭނާ ވަކިކުރާ ވާހަކަ އާއި ސޮއިކޮށްފައި ހުރި ބައެއް ފިލްމުތަކުން އަމިއްލަ އަށް ވަކިވާ ވާހަކަތަކާ އެކު ކާތިކްގެ ވާހަކަ މިހާރު ދެކެވެނީ ވަރަށް ނުކިއްސަރުކޮށެވެ.

ބައެއް މީހުން މިކަން ސިފަކުރަނީ ކަރަން އަޑީގައި ހުރެގެން ކާތިކްގެ ކެރިއަރު ހަލާކުކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެވެ. އަދި މިކަމާ މިދިޔަ އަހަރު މަރުވި ސުޝާންތު ރާޖްޕޫތާ ވެސް ގުޅުވާފައިވެ އެވެ. އޭނާގެ މަރާ އެކު ގިނަ ބަޔަކު އެންމެ ބޮޑަށް އިނގިލި ދިއްކުރި އެކަކީ ވެސް ކަރަން އެވެ. އެއީ ސުޝާންތުގެ ކެރިއަރު ހަލާކުކުރަން އުޅުނުކަމުގެ ތުހުމަތުތަކާ އެކީގަ އެވެ.

އެކަމަކު ކާތިކާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް އޭނާ މިހާތަނަށް އެއްވެސް އިޖާބައެއް ނުދެ އެވެ. ކާތިކް، 30، އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކައް ރައްދެއް ދީ އަދި ދިފާއުގައި ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ، އެކަމަކު އޭނާ އަކީ އަބަދު ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް އެކްޓަރެކެވެ.

ކާތިކާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކާ ގުޅިގެން ފޭނުންތަކެއް ކާތިކްގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނަ އިރު ޑައިރެކްޓަރު އަނޫބަވް ސިންހާ ވެސް ވަނީ އުންމީދީ އެކްޓަރާއެކީ ހުރި ކަމަށް ބުނެފަ އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ ފިލްމުތަކަށް ނަގާ ތަރިން ޕްރޮޑިއުސަރުން ދޫކޮށްލުމާއި ތަރިން އަމިއްލަ އަށް ފިލްމުތައް ދޫކޮށްލުމަކީ އިންޑަސްޓްރީތެރޭގައި އަބަދު ވެސް ހިނގާ ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަތައް އެ މީހުން ފާޅުގައި ނުދައްކާ ކަމަށް ވެސް ބުންޏެވެ.

"ކާތިކާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ އިންސާފެއް ނޫން،" އަނޫބަވް ބުންޏެވެ. "[އެކަމަކު އުފާވާ ކަމަކީ] އޭނާ ހަމަހިމޭނުން ހުންނާތީ. އެކަމަށް އިހުތިރާމް ވެސް ކުރަން."

ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" އިން ކާތިކް އެޕްރީލް މަހު ވަކިކުރި އިރު މިދިޔަ މަހު އޭނާ ވަނީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ގުޑްބާއި ފްރެޑީ" ދޫކޮށްލައިފަ އެވެ.

އަދި މިދިިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީ ކާތިކަށް ދިން ފިލްމަކުން ވެސް އޭނާ ވަކިކޮށްފައިވެ އެވެ. އެކަމަކު އާނަންދު ވަނީ އެކަން ދޮގުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ނިންމި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް "ބޫލް ބުލައްޔާ 2" އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެ ފިލްމަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެއްގެ އިތުރުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތެލެގޫ ފިިލްމެއްގެ ރިމޭކެއް ހިމެނެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓަރު އިމްތިއާޒް އަކީ ގެނެސްދިން "ލަވް އާޖް ކަލް" އެވެ.