22 ނޮވެމްބަރ 2016 - 06:08

ދެކުނު އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ "2.0" ގެ ފުރަތަމަ ދައްކާލުން އާދީއްތަ ދުވަހު މުމްބާއީގައި ވަނީ ބާއްވާފަ އެވެ. ޝަންކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ބޮލީވުޑް ތަރި އަކްޝޭ ކުމާރު މުހިއްމު ރޯލެއް އަދާކުރެ އެވެ. ފިލްމަށް ސަމާލުކަން ލިބިފައި ވަނީ ރަޖްނީކާންތުގެ ސަބަބުން ކަމަށް ވިޔަސް އޭނާ ބުނަނީ ފިލްމުގެ ހަގީގީ ބަތަލަކީ އަކްޝޭ ކަމަށެވެ.

މި ފިލްމުގައި އަކްޝޭ ކުޅެނީ ނުލަފާ ޑޮކްޓަރެއްގެ ބައެވެ. މި ފިލްމުގެ ބަތަލު ރަޖްނީކާންތު ވެސް އެންމެ ބޮޑަށް ތައުރީފުކުރީ އަކްޝޭ އަށެވެ. އޭނާ ބުނިގޮތުގައި ފިލްމުގައި އަކްޝޭ ކުޅެނީ ނުބައިބައި ނަމަވެސް ފިލްމުގެ ހަގީގީ ބަތަލަކީ އަކްޝޭ އެވެ. އަދި ޑައިރެކްޓަރު ޝަންކަރްގެ ކުޅަދާނަކަމަށް ވެސް އޭނާ ވަރަށް ބޮޑަށް ތައުރީފު ކުރި އެވެ.

ހިންދީ ބަހުން ނެރެފައިވާ "ރޮބޮޓް"ގެ ދެ ވަނަ ބައި "2.0" ވެފައި ވަނީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމަށެވެ. ކުރިން މި މަގާމުގައި އޮތް "ބަހޫބަލީ" އެވެ. ފިލްމު އިންޑަސްޓްރީގެ ޚަބަރުތައް ބުނާ ގޮތުން "2.0" އަށް 350 ކްރޯޑު (3500 މިލިއަން ރުޕީސް) ޚަރަދު ކޮށްފައިވެ އެވެ. މިވަރުގެ ބަޖެޓަކުން ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް އުފައްދާ 3-4 ފިލްމު އުފެއްދޭނެ އެވެ.
ފިލްމުގެ ފުރަތަމަ ދައްކާލުން ލޯންޗުކުރުމުގެ ހަފުލާ ހޯސްޓްކޮށްދިނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރެވެ. މި ރަސްމިއްޔާތުގައި ކަމަލް ހަސަން އާއި ޝާހްރުކް ޚާން ފަދަ ތަރިން އަކްޝޭ އާއި ރަޖްނީކާންތާ އެކު ސްޓޭޖްމަތިން ފެނުނެވެ.
ޔާޝްރާޖް ފިލްމްސްގެ ސްޓޫޑިއޯގައި އޮތް މި ރަސްމިއްޔާތުގައި ބައިވެރިވާން ރަޖްނީކާންތު އަންނަތަން ދެކިލުމަށް އޭނާގެ އެތައް ހާސް ފޭނުންނެއް އެހިސާބުގަނޑަށް ޖަމާވެ އެ ސަރަހައްދު އޮތީ ފުރާލައިފަ އެވެ.
މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވެސް މި އިވެންޓަށް ދިޔަ އެވެ. ސަލްމާން ބުނީ އިވެންޓުގެ ދައުވަތު އޭނާއަށް ނުލިބުނު ނަމަވެސް ރަޖްނީކާންތާ ބައްދަލުކޮށްލާހިތުން ދިޔައީ ކަމަށެވެ. ސަލްމާން ބުނި ގޮތުގައި ބޮލީވުޑް އެކްޓަރުންގެ ތެރެއިން އިންޑަސްޓްރީގައި ތަރައްގީވަމުން އަންނަތަން ފެނިފައިވާ ހަމައެކަނި އެކްޓަރަކީ އަކްޝޭ އެވެ. އެހެން މީހުން އެކުރާ ކަމެއްގައި ދެމި ތިބި ނަމަވެސް އަކްޝޭއަށް ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން އޭނާ ފާހަގަ ކުރި އެވެ.
މި ފިލްމުގެ ބަތަލާ އަކީ އެމީ ޖެކްސަން އެވެ. އޭނާ ކަހަލަ ޖޫނިއާ އެކްޓަރަކު ރަޖްނީކާންތު ކަހަލަ ސުޕަސްޓާރަކާ އެކު މަސައްކަތްކުރާނެ ފުރުސަތު ލިބިދާނެކަމަކަށް އުންމީދުވެސް ނުކުރާކަމަށް އެމީ ބުންޏެވެ.
މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި އަކްޝޭ ކުމާރު ހުރި ސިފަ ފެނިފައި ވެސް ގިނަ ބަޔަކު ތިބީ ބަސް ހުއްޓިފަ އެވެ. މި ފިލްމުގެ ޝޫޓިން އޮތް ކޮންމެ ދުވަހަކު އަކްޝޭއަށް އޭނާ ކުޅޭ ކެރެކްޓާގެ ސިފަ ގެންނަން ހަ ގަޑިއިރު މޭކަޕްކުރަން ޖެހުނެވެ.