21 ނޮވެމްބަރ 2016 - 13:02

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދެ ފަރާތުން ކޯޓުގައި މިއަދު ބަޔާން ބަދަލުކޮށްފި އެވެ.
ޕީޕީއެމް ދެބައި ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ނަމުގައި ކޯޓަށް މައްސަލަ ހުށަހެޅީ އެ ޕާޓީ ބައިބައިވުމުގެ ސަބަބުން ޕާޓީ ހިންގުމުގައި ކުރިމަތިވި ދަތިތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވޭތީ ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރުމަށް އަމުރުކޮށް ދިނުމަށެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ޝެޑިއުލްގައި ހިމަނާފައި އޮތަސް އެނގިފައިވާ ގޮތުން، އެއީ އިދާރީ އޮޅުމެކެވެ. އޭގެ ބަދަލުގައި މިއަދު ހެނދުނު އޮތީ އެ ކޯޓުން އަމަލުކުރާ އުސޫލުގެ ދަށުން އޮތީ ދެ ފަރާތުން ބަޔާން ބަދަލު ކުރުން ކަމަށް ވަނީ އެނގިފަ އެވެ. އަޑުއެހުން ބާއްވައި، ދެ ފަރާތުން ވާހަކަ ދައްކާނީ އޭގެ ފަހުންނެވެ.
މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެއީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ސާކިއުލާއެއްގެ ދަށުން އެކަން ކުރަންޖެހޭ ގޮތެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދަން ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ރީ-ރަޖިސްޓްރީ ކުރުން މިއަދު ހަމަވާ ގޮތަށް ކަމަށް ވިޔަސް އެ އަމުރާ އެކު މުއްދަތެއް ނެތް ގޮތަށް ރީ-ރަޖިސްޓްރީ ކުރެވޭ ގޮތަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ވެސް ކުރިން އިތުރުކޮށްފަ އެވެ. އެ މުއްދަތު އިތުރުކުރީ އިންތިޚާބު ފަސްކުރުމަށް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން އިއުލާންކޮށްފައި ވަނިކޮށެވެ.
ޕީޕީއެމްގެ ތެރޭގައި އުފެެދުނު ދެބައިވުމާ ހެދި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މީހުން، ކައުންސިލްތަކުގެ އިންތިޚާބަށް ނުކުންނަނީ އަމިއްލަ ގޮތުންނެވެ. އެކަން އެގޮތަށް ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.