05 ޖޫން 2021 - 00:35

ޕެނަލްޓީތަކަކުން ޖެހި ތިން ލަނޑާއެކު، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް އޭ ގައި ދިވެހިރާއްޖެ އަތުން 4-0 އިން ސީރިއާ މިރޭ މޮޅުވެއްޖެ އެވެ.

ރާއްޖޭގެ ކޯޗު މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗަށް، އޭނާ ޓީމު އަތުރާލި ގޮތުން ކުޅުންތެރިން އާންމުކޮށް ކުޅޭ މަގާމު ނޫން މަގާމުތަކަށް ވަނީ ކުޅުވައިފަ އެވެ. ޑިފެންސްގެ ކަނާތު ފަޅިން، ވިންގް ބެކަށް ކުޅުނީ އާންމުކޮށް ސެންޓްރަލް ޑިފެންޑަރަކަށް ކުޅޭ އަހްމަދު ނޫމާން (ހެލްމެޓް) އެވެ. ވާތު ފަޅިން ވިންގް ބެކަށް ކުޅުވީ އާންމުކޮށް ސެންޓްރަލް މިޑްފީލްޑަރަކަށް ކުޅޭ އައިސަމް އިބްރާހިމެވެ. އައިސަމް އަކީ ފާއިތުވި ދެ ސީޒަންގައި ވެސް، މިޑްފީލްޑް ނޫން އެހެން މަގާމަކަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ.
ފުރަތަމަ ހާފުގައި ސީރިއާއިން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސީރިއާގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި އަލްމަވާސް ކާމިޔާބު ކުރީ މުހައްމަދު އަލް ހަލަކް ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ގޯލް ދަނޑިކައިރިގައި ހުރެފައި ގޯލްގެ ކަނަށް އޭނާ ވައްދާލި ބޯޅަ ހޯދަން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްއަށް ކުރެވުނު ކަމެއް ނެތެވެ.
އޭގެ ދެ މިނެޓް ކުރިން އަލްމަވާސް އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ކީޕަރު ފައިސަލް ކައިރިން އޭނާ ނައްޓާލި ހުހަށް އޮތް ގޯލަށް އަމާޒުކޮށް އޭނާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ސަލާމަތް ކުރީ ގޯލުގެ ރޮނގުމަތިންނެވެ.
ސީރިއާއަށް ލިބުނު ފުރަތަމަ ޕެނަލްޓީ އަކީ، އެ ޓީމުގެ ކުޅުންތެރިއެއް ފޮނުވާލި ހަމަލާއެއް ރާއްޖޭގެ އޭރިއާގެ ތެރެއިން ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ލިބުނު ޕެނަލްޓީން ސީރިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަޔާޒު އުސްމާން އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޖެހީ ގޯލްގެ މަތީ ކަނަށްވާ ގޮތަށެވެ.
ސީރިއާގެ ދެ ވަނަ ޕެނަލްޓީ އަކީ މެޗުގެ ފުރަތަމަ ހާފު އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި، ރާއްޖޭގެ އޭރިއާގެ ތެރެއިން ކެޕްޓަން އަކުރަމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީން އަލް މަވާސް އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.
ފުރަތަމަ ހާފުގައި ރާއްޖެއަށް ލިބުނު ފުރުސަތަކީ، މުހައްމަދު އުމޭރުއަށް ލިބުނު ފުރުސަތެވެ. އޭރިއާގެ ތެރެއަށް އަރައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމަށް ފޮނުވާލެވުނީ ސީރިއާގެ ކީޕަރު އިބްރާހިމް އަލްމާ، ޓެސްޓް ކޮށްލެވޭ ވަރުގެ އެންމެ ބޯޅައެކެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ބޯޅަ ދިފާއު ކުރަން ކީޕަރު އަލްމާއަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮތުމުން، ދެ ވަނަ ހާފުގައި ސީރިއާގެ ކުޅުންތެރިން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެ ޓީމުން ވަނީ މެޗު ލަސް ކުރަން ގިނަ އުކުޅުތަކެއް ބޭނުން ކޮށްފަ އެވެ.
އަލް މަވާސް ހެޓްރިކް ހެދީ މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީ އަކީ ރާއްޖޭގެ ޑިފެންޑަރު މުހައްމަދު ސާއިފް ރާއްޖޭގެ ޕެނަލްޓީ އޭރިގެ ތެރެއިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސީރިއާގެ ކުޅުންތެރިޔެއްގެ ބޮލުގައި ސާއިފްގެ ފައިން ލައްވާލުމުން ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 85 ވަނަ މިނެޓްގައި ރާއްޖޭގެ އޭރިއާގެ ތެރެއިން ސީރިއާގެ މާއިދު އަޖާން ވެއްޓުނެވެ. ރެފްރީ ނިންމީ އޭނާ ޑައިވް ކުރި ކަމަށެވެ. އެހެންވެ ދެ ވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
މެޗުން މޮޅުވެ، ސީރިއާ ވަނީ އެއް ވަނައިގައި 18 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ޗައިނާއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ސީރިއާއިން ވަނީ ޗައިނާއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓެސްގެ ދުބާއިގައި ކުރިއަށްދާ ގުރޫޕް އޭ ގެ ކޮލިފައިން މެޗުތަކުގައި، ރާއްޖެ ދެން ކުޅެން ޖެހޭ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
ރާއްޖެ އޮތީ ހަ ޕޮއިންޓާއެކު، ފަސް ޓީމު ހިމެނޭ ގުރޫޕްގެ ހަތަރު ވަނައިގަ އެވެ.