04 ޖޫން 2021 - 22:31

ރާއްޖެ އިން ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް މަތީގައި ހުންނަތާ މަހެއްހާ ދުވަސް ފަހުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 500 އަށް ދަށްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ ހަވީރު އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް ޓެސްޓުކުރި 4،056 ސާމްޕަލްގެ ތެރެއިން ބަލި ޖެހިފައި ވަނީ 432 މީހަކަށެވެ. މިއީ އިއްޔެ އަށް ވުރެ ގިނަ މީހުން ޓެސްޓުކުރި ދުވަސް ވެސް މެ އެވެ. އިއްޔެ ޓެސްޓުކޮށްފައި ވަނީ 3،832 ދެ ސާމްޕަލެވެ. އެކަމަކު، އިއްޔެ މި ބައްޔަށް 648 މީހަކު ޕޮޒިޓިވްވި އެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މާލެ އިން މިއަދު އެ ބަލި ޖެހުނީ 249 މީހަކަށެވެ. މީހުން ދިރިއުޅޭ ރަށްރަށުން 154 މީހަކަށް ބަލިޖެހިފައިވާއިރު، ރިސޯޓުތަކުން 29 އާ ކޭސް ފެނުނެވެ.
އެކްޓީވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 21،032 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 213 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮވިޑްގައި މިއަދު މަރުވި ތިން މީހުންނާ އެކު މި ބަލީގައި މުޅި ރާއްޖެ އިން 177 މީހަކު މިހާތަނަށް މަރުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތު މާ ބޮޑަށް ގޯސްވެ، ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޭސްތައް މިހާރު ވަނީ މަޑުމަޑުން ދަށަށް ދާން ފަށައިފަ އެވެ.