ރާއްޖޭގެ ޓޫރިޒަމް ގޯލްޑަން ޖުބިލީ ފާހަގަ ކުރަން ކޮމިޓީއެއް
ރާއްޖޭގެ ޓޫރިޒަމް ގޯލްޑަން ޖުބިލީ ފާހަގަ ކުރަން ކޮމިޓީއެއް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަ ކުރަން ޓޫރިޒަމް މިނިސްޓްރީން ސްޓިއަރިން ކޮމިޓީއެއް މިއަދު އެކުލަވާލައިފި އެވެ.

މުޅިއެކު 11 މެމްބަރުންގެ މައްޗަށް އެކުލަވައިލި މި ކޮމިޓީގެ ޗެއާއަކީ ޓޫރިޒަމް މިނިސްޓްރީ އެވެ. އެ މިނިސްޓްރީގެ އިތުރުން އެމްއެމްޕީއާރުސީ އާއި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ މެމްބަރުން ވެސް މި ކޮމިޓީގައި ތިއްބަވާނެ އެވެ.

ކޮމިޓީގެ ބާކީ ހަ މެމްބަރުން ތަމްސީލު ކުރާނީ ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުންނެވެ. އެއީ މަޓީ އާއި ގެސްޓް ހައުސް އެސޯސިއޭޝަން (ގޭމް) އާއި ބޯޓިން އެސޯސިއޭޝަނާއި މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓާސް އާއި މިޔުޒިޝަން ޔޫނިއަން އަދި ޝެފްސް ގިިލްޑެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަ ކުރަން އަންނަ އަހަރު ބާއްވާ ގޯލްޑަން ޖުބިލީ އިވެންޓުތައް ރާވައި އިންތިޒާމު ކުރުން ކަމަށެވެ. މި ހަރަކާތުގެ ދަށުން ތަފާތު އެކި އިވެންޓުތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ބާއްވާނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ގޯލްޑަން ޖުބިލީ ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ކަލަންޑަރާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާ ގުޅޭ މަޝްވަރާ ވެސް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ކޮމިޓީއަކަށް ވުމުން އިދާރީ ހުރިހާ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީންނެވެ. އަދި ގޯލްޑަން ޖުބިލީ އަށް ތައްޔާރުވުމަށް ހާއްސަ ޓާސްކް ފޯހެއް މިނިސްޓްރީގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ރާއްޛޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދާއިރާގައި ގިނަ ދުވަސްވީ މީހުންނާއި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިންޓަވިއުތައް އެ މިނިސްްޓްރީން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނާ ހިއްސާކުރަމުންނެވެ.

މީގެ އިތުރުން އަންނަ އަހަރު ގޯލްޑަން ޖުބިލީ އަށް ހާއްސަކޮށްގެން ލޯގޯއެއް ވެސް މި އަހަރު ވަނީ ތައާރަފު ކޮށްފަ އެވެ.