ޗެމްޕިއަންސް ލީގުގެ ކާމިޔާބަށް ފަހު ޓުޗެލް ޗެލްސީގެ ކޮންޓުރެޓް އާކޮށްފި
ޗެމްޕިއަންސް ލީގުގެ ކާމިޔާބަށް ފަހު ޓުޗެލް ޗެލްސީގެ ކޮންޓުރެޓް އާކޮށްފި

ލަންޑަން (4 ޖޫން) - މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޗެލްސީން ހޯދި ކާމިޔާބަށް ފަހު، އެ ކްލަބުގެ ކޯޗު ތޯމަސް ޓުޗެލްގެ ކޮންޓުރެކްޓް މިއަދު އާކޮށްފި އެވެ.

ޗެލްސީއާ މީގެ ފަސް މަސް ކުރިން ހަވާލުވި ޓުޗެލް ،47، މި ސީޒަން ނިންމާލީ ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީ އަށް ކާމިޔާބުކޮށްދިނުމަށް ފަހު އެވެ. އަދި އޭނާ ޗެލްސީއާ ހަވާލުވިއިރު، އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ނުވަ ވަނައިގައި އެ ޓީމު އޮތް ނަަމަވެސް، ނަތީޖާތައް ރަނގަޅުކޮށް ޗެލްސީ ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ. އެކަމަކު އެފްއޭ ކަޕްގެ ފައިނަލްގައި ލެސްޓާ ސިޓީ އަތުން ޗެލްސީ ވަނީ ބަލިވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ޓުޗެލް ޖެނުރައީ މަހު ޗެލްސީއާ ހަވާލުވީ 18 މަސް ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ. އެކަމަކު ޗެމްޕިިއަންސް ލީގުގެ ކާމިޔާބާއެކު، ޗެލްސީން ވަނީ އޭނާގެ ކޮންޓުރެކްޓް 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާކޮށްފަ އެވެ.

"މިއީ ކޮންޓުރެކްޓް އާކުރަން އެންމެ މުނާސަބު ވަގުތު،" ޓުޗެލް ބުންޏެވެ. "ޗެލްސީގައި މަސައްކަތް މިކުރަނީ ވަރަށް ހިތްހަމަޖެހިގެން."

ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން ކުޅުނު 30 މެޗުގެ ތެރެއިން، އެ ޓީމު ބަލިވީ ފަސް މެޗުންނެވެ. -- އޭއެފްޕީ