04 ޖޫން 2021 - 14:50

ހޮން ކޮންގް (ޖޫން 4) - ބިމު އަގު ބޮޑު ހޮން ކޮންގުގައި ކާރު ޕާކިންގެ ޖާގައެއް ރެކޯޑް އަދަދެއް ކަމަށްވާ 1.3 މިލިއަން ޑޮލަރު (10.2 މިލިއަން ހޮން ކޮންގް ޑޮލަރު) އަށް ވިއްކާލައިފި އެވެ.
ހޮން ކޮންގުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޮޑު އަގުގައި 12.5 އަކަ މީޓަރު (135 އަކަ ފޫޓު) ގެ ކާރު ޕާކިން ވިއްކާލާފައި ވަނީ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ޕީކް ރެސިޑެންޝަލް އޭރިއާ އިންނެވެ. ވިކްޓޯރިއާ ހާބަރު ފެންނަ ގޮތަށް އޮންނަ އެ ސަރަހައްދަކީ އޭޝިއާގައި އެންމެ އަގު ބޮޑު ގެތައް ހުންނަ ހިސާބެވެ.
ބިމުގެ އަގުބޮޑުވުމުން ދިރިއުޅެން އަދި ޕާކިން އަށް ވެސް ހޮން ކޮންގުން ޖާގަ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ހޮން ކޮންގުގައި މީގެ ކުރިން، 2019 ވަނަ އަހަރު ވަނީ ކާރު ޕާކިނެއް 980،000 ޑޮލަރަށް ވިއްކާލައިފަ އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ހޮން ކޮންގުގެ ހޯމް މާކެޓުގެ އަގުތައް އައީ ބޮޑުވަމުންނެވެ. މިދިޔަ މެއި މަހު ވަނީ ޕީކް އިން މަހަކު 210،000 ޑޮލަރަށް ގެއެއް ކުއްޔަށް ދީފަ އެވެ. ހޮން ކޮންގުން މި އަހަރު ވަނީ 3،378 އަކަ ފޫޓުގެ ޕެންޓްހައުސްއެއް 59 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފަ އެވެ. އެއީ އަކަ ފޫޓެއް 17،500 ޑޮލަރަށެވެ.