03 ޖޫން 2021 - 23:18

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހުންނަށް ވުރެ އެ ބަލިން ފަސޭހަވި މީހުންގެ އަދަދު ތިން ގުނަ އިތުރުވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ޓެސްޓުކުރި 3،832 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 648 މީހަކު ކަމަށެވެ. އެއީ ބަލީގެ ހާލަތު އެންމެ ބޮޑަށް ގޯސްވި މާލެ ސަރަހައްދުން 349 މީހަކާއި އެހެން ރަށްރަށުން 270 މީހެއްގެ އިތުރުން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކުން 16 މީހެކެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް 2،180 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ރިކޯޑު އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އެއާއެކު، އެކްޓިވް ކޭސްތައް ވެސް 25،000 އިން މައްޗަށް އަރައިގެން ދިޔަ އެވެ.
ނަމަވެސް ކޮވިޑުން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު އެކްޓިވް ކޭސްތައް ވަނީ 22،300 އަށް ދަށްވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރަކީ، މި ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ރަނގަޅުވި ދުވަހެވެ.