އަންމަޓީގެ ބަންދަށް އަށް ދުވަސް އިތުރުކޮށްފި
އަންމަޓީގެ ބަންދަށް އަށް ދުވަސް އިތުރުކޮށްފި

މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު މޫސާ (އައްމަޓީ) ގެ ބަންދަށް އިއްޔެ އަށް ދުވަސް ޖަހައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އައްމަޓީގެ ބަންދުގެ މުއްދަތު ރިވިއުކުރަން ކޯޓަށް ހާޒިރުކުރުމުން އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް ބަންދު މުރާޖައާކުރިއިރު ޝަރީއަތުގެ މަޖިލީހުގައި އިންނެވީ މައްސަލަ ބައްލަވާ ފަނޑިޔާރު ނޫންކަމުން ނިންމީ އަށް ދުވަސް ދޭށެވެ.

އެ މައްސަލަ ބައްލަވާނެ ފަނޑިޔާރެއް އަދި ކަނޑައެއްނާޅަ އެވެ.

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ވެސް މަސައްކަތެއް ނުކޮށް އަދި ފައިސާ ނުދިން މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނަތްތެރިވުމުގެ 42 ދައުވާއެއް މިދިޔަ ހޯމަ ދުވަހު އުފުލައިފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގާތްގަނޑަކަށް 5-6 އަހަރު ފަހުން އެ މައްސަލައިގައި ބޮޑެތި ދައުވާތަކެއް ކުރީ ލަންކާއިން އައްމަޓީ ހައްޔަރުކޮށް މިދިޔަ މާޗު މަހު ރާއްޖެ ގެނައުމަށް ފަހު އެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.