ނަބާ؛ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަންގެ ފުރަތަމަ އަންހެން އެތުލީޓް
ނަބާ؛ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަންގެ ފުރަތަމަ އަންހެން އެތުލީޓް

އަންނަ މަހު ޖަޕާންގައި ފަށާ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ބެޑްމިންޓަންގެ ތަރި ފާތިމަތުު ނަބާހާ އަބްދުލް ރައްޒާގަށް ލިބިއްޖެ އެވެ.

ނަބާހާ ވާނީ، އޮލިމްޕިކްސް ގޭމްސްގައި ބެޑްމިންޓަންއިން ވާދަކުރާ ފުރަތަމަ އަންހެން އެތުލީޓަށެވެ. ރާއްޖޭގެ އޮލިމްޕިކްސް ތާރީހްގައި ވާދަކުރި ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އަކީ، ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު އަޖްފާނެވެ. ލަންޑަން އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ދިނީ ވެސް އަޖުފާނަށެވެ.

އޮލިމްޕިކްސްގައި ވާދަކުރަން ނަބާއަށް ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުންނެވެ. ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުން ފުރުސަތު ލިބެނީ ކުދި ގައުމުތަކުން ކުރިއެރުން ހޯދަމުން އަންނަ އެތުލީޓުންނަށެވެ.

ނަބާ އަކީ، މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދަދިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އޭނާ އާ އެއްމާބަނޑު އާމިނަތު ނަބީހާއާ އެކު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައި ދީފަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 100 ކުޅުންތެރިންގެ ތެރޭގައި އެ ދެބެއިން މިދިޔަ އަހަރު ހިމެނުނެވެ. ގޭމްސްއަށް ކޮލިފައިވުމުގެ އުންމީދުގައި ނަބާ ގެންދިޔައީ އޮލިމްޕިކްސް ސްކޮލާޝިޕެއްގެ ދަށުން ޓްރޭނިން ހަދަމުންނެވެ.

އޮލިމްޕިކްސްގައި ރާއްޖެއިން ވާދަ ކުރުމަށް މިހާރު ތިން އެތުލީޓުން ވަނީ ފައިނަލް ވެފަ އެވެ. އެއީ ނަބާގެ އިތުރުން ދެ ފެތުންތެރިން ކަމަށްވާ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ. އެތުލެޓިކްސްއިން ވާދަކުރާ އެތުލީޓް މި މަހު ބާއްވާ ޓައިމް ޓްރެއަލްގައި ފައިނަލްކުރާނެ އެވެ.