03 ޖޫން 2021 - 12:12

ނ. ހެނބަދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި 83.4 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީއެއް ތަރައްގީ ކުރާނެ އެވެ. މި ފެސިލިޓީގައި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބަހައްޓާނެ އެވެ.
މީގެ އިތުރުން ފެން ރައްކާކުރުމަށް ތިން ތާނގި ބަހައްޓައި ގޭގޭގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެ އެވެ.
ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 41.36 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 15 މަސް ދުވަހުން ނިންމާ ގޮތަށެވެ.