ފަހު ވަގުތު އިންޓަ އިން މިލާނާ އެއްވަރުކޮށްފި
ފަހު ވަގުތު އިންޓަ އިން މިލާނާ އެއްވަރުކޮށްފި

މިލާން (ނޮވެމްބަރު 21) – ފަހު ވަގުތު އިވާން ޕެރިސިޗް ޖެހި ގޯލާ އެކު އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން 2-2 އިން އޭސީ މިލާނާ އެއްވަރުކޮށްފި އެވެ.

މިލާން ޑާބީގެ ނަމުން މަޝްހޫރުވެފައިވާ މި މެޗު އެއްވަރުވުމާ އެކު މިލާނަށް ވަނީ ތާވަލުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ދެ ވަނައިގައި އޮތް އޭއެސް ރޯމާ އިއްޔެ ހަވީރު އެޓަލާންޓާ އަތުން 2-1 އިން ބަލިވެފައިވާތީ ރޭ މިލާން މޮޅުވި ނަމަ އެ ޓީމު ދެ ވަނަ އަށް އެރީހެވެ. މިހާރު މިލާނާއި ރޯމާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ރޯމާ އެވެ. މިލާން ތިން ވަނައިގައި އޮތްއިރު އެއް ވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.

އާ ކޯޗު ސްޓެފާނޯ ޕިއޯލީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އިންޓަ ހޯދި ޕޮއިންޓާ އެކު އެ ޓީމު އޮތީ 18 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އިންޓަ އިންނެވެ. މިލާނުން ވަނީ ކައުންޓާ އެޓޭކުގައި ދެ ފަހަރެއްގެ މަތިން ނުރައްކާކޮށްފަ އެވެ. އޭގެ ތެރެއިން އެޓޭކެއްގައި މިލާނަށް ލީޑު ނަގައިދިނީ 24 ވަނަ މިނެޓުގައި ސްޕެއިނުގެ ސޫސޯ އެވެ.

ދެ ވަނަ ހާފުގައި މިލާނުން ކުޅުން ރަނގަޅު ކުރި ނަމަވެސް 53 ވަނަ މިނެޓުގައި އިންޓަ އިން ވަނީ އެންޓޯނިއޯ ކަންޑްރޭވާގެ ލަނޑުން އެއްވަރުކޮށްފަ އެވެ. އޭގެ ފަސް މިނެޓު ފަހުން މިލާނަށް އަލުން ލީޑު ނަގައިދިނީ ސޫސޯ އެވެ. މިލާނުން ފަހު ވަގުތު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު އިންޓަ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޕެރިސިޗް ޖެހި ގޯލުންނެވެ.