ތަށި ހޯދަން ރެއާލުން ހަރަދު ކުރާކަށް ނުޖެހޭ: އަންޗެލޯޓީ
ތަށި ހޯދަން ރެއާލުން ހަރަދު ކުރާކަށް ނުޖެހޭ: އަންޗެލޯޓީ

މެޑްރިޑް (ޖޫން 3) - ތަށިތަކެއް ހޯދަން ރެއާލް މެޑްރިޑުން ބޮޑު ހޭދައެއްކޮށް އާ ކުޅުންތެރިން ސޮއިކުރުވަން ނުޖެހޭ ކަމަށް، އެ ޓީމުގެ އާ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

ރެއާލްގެ ކޯޗްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ، ކޯޗެއްގެ ގޮތުގައި އޭނާ ތައާރަފް ކުރަން ބޭއްވި ޕްރެސްގައި، އަންޗެލޯޓީ ބުނީ، ރެއާލްގައި މިހާރު އޮތް ސްކޮޑުން ވެސް ކާމިޔާބު ހޯދޭނެ ކަމަށެވެ.

އެންޗެލޯޓީ ރެއާލްއާ ހަވާލުވީ އެވަޓަންގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު އެވެ. ރެއާލްގެ ކޯޗު ކަމާ ހަވާލުވާން އެއްބަސްވި ނަމަވެސް ޓްރާންސްފާ އާއި ސްކޮޑާ ބެހޭގޮތުން ވާހަކަ ދައްކަން އަދި ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް އެނގޭ މި ސްކޮޑް ވަރަށް ރަނގަޅަށް. އެ ކުޅުންތެރިންގެ ފެންވަރު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ކުޅުންތެރިން އެބަތިބި. އަދި ކުރިމަގު އޮތް ޒުވާން ކުޅުންތެރިން ވެސް އެބަތިބި އޭގެ ތެރޭގައި ލޯން މުއްދަތު ހޭދަ ކުރުމަށް ފަހު އެނބުރި އަންނަ ކުޅުންތެރިން ވެސް ހިމެނޭ،" އަންޗެލޯޓީ ބުންޏެވެ.

"ލޯން އުސޫލުން އެހެން ކްލަބުތަކަށް ދިޔަ ގެރެތު ބޭލް، މާޓެން އޮޑެގާޑް އަދި ޑެނީ ސެބާޔޯސް ނެތި ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް މެޑްރިޑް ދަތުރު ކުރި އަދި ލަލީގާ އަށް ވާދަކުރި. އެހެންވީމަ ތަށި ހޯދޭނެ ފެންވަރުގެ ކުޅުންތެރިން އަހަރެމެންގެ ޓީމުގައި އެބަތިިބި."

އެހެން ނަމަވެސް މިދިޔަ ހަފުތާގައި ރެއާލްގެ ކޯޗް ކަމުން އިސްތިއުފާ ދިން އަންޗެލޯޓީގެ ކުރީގެ އެސިސްޓެންޓް، ޒައިނުއްދީން ޒިދާން ބުނެފައި ވަނީ ރެއާލުން ކާމިޔާބު ހޯދަން ބޭނުންނަމަ ޓްރާންސްފާގައި ހޭދަ ކުރަން ޖެހޭނެ ކަމަށެވެ.

އަންޗެލޯޓީ ބުނީ އެވަޓަންގައި އޭނާގެ ޓާގެޓަކަށް އޮތީ ޔޫރަޕްގެ ޖާގައެއް ހޯދުން ކަމަށެވެ. ނަމަވެސް ރެއާލް މެޑްރިޑްގައި އޭނާގެ ޓާގެޓަކަށް އޮތީ ލަ ލީގާ އާއި ޗެމްޕިއަންސް ލީގު ހޯދުން ކަމަށް އެނާ ބުންޏެވެ.