03 ޖޫން 2021 - 10:38

އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާތާ 12 އަހަރުވީ، ބިންޔާމީން ނަތަންޔާހޫގެ ސަރުކާރު ނިމުމަކަށް ގެނައުމުގެ ގޮތުން، ގުޅިފައިވާ ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށް، އެގައުމުގެ އިދިކޮޅު ޕާޓީތައް އެއްބަސްވެއްޖެ އެވެ.
އާ ސަރުކާރެއް އެކުލަވައިލުމަށް އިދިކޮޅު ޕާޓީތައް އެއްބަސްވެފައިވާ ކަން، އިދިކޮޅު ޔޭޝް އަތީދް ޕާޓީގެ ލީޑަރު ޔައިރް ލަޕީޑް، ރޭގެ ވަގުތެއްގައި ވަނީ ރައީސް ރެއުވިން ރިވްލީން އަށް އަންގަވައިފަ އެވެ. އާ ސަރުކާރެއް އެކުލަވައިލުމަށް، ރައީސް ދެއްވާފައިވާ މުއްދަތު ހަމަވީ، އިޒްރޭލު ގަޑިން ރޭ ދަންވަރު 12 ޖެހުމުންނެވެ.
އިދިކޮޅު އަށް ޕާޓީގެ މި ނިންމުމާ އެކު، މިހާރު ވަގުތީ ގޮތުން މަގާމުގައި ހުންނެވި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެ ކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް މިއަންނަނީ، އޭނާގެ 12 އަހަރުވީ ވެރިކަމުގެ އެންމެ ފަހު ދެ އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އިންތިހާބު ބާއްވައިގެން ވެސް، ސަރުކާރު ދެމެހެއްޓޭ ވަރުގެ އަގުލަބިއްޔަތެއް، އޭނާގެ ލީކޫޑް ޕާޓީއަށް ނުލިބުމުންނެވެ.
ނަތަންޔާހޫ މިހާރުވެސް މަގާމުގައި ހުންނެވީ، އެހެން ޕާޓީތަކާ އެކު ހަދާފައިވާ ކޯލިޝަން ސަރުކާރެއްގެ ތެރެއިންނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ޕާޓީތައް ކޯލިޝަނުން ވަކިވުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލިސް ކަނީސަތުގައި އަގުލަބިއްޔަތު ގެއްލި، އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އިދިކޮޅު ލީޑަރަށް ލިބުނީ އެވެ.
"މި ސަރުކާރު މަސައްކަތްކުރާނީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށްޓަކައި. އެއީ އަޅުގަނޑުމެންނަށް ވޯޓު ދިން މީހުންނާއި ނުދިން މީހުން ވެސް ހިމެނޭ ގޮތަށް. އިޒްރޭލުގެ މުޖްތަމައު އެއްބައިވަންތަ ކުރުމަށް، މި ސަރުކާރުން ހުރިހާ މަސައްކަތެއް ކުރާނެ،" އާ ސަރުކާރެއް އެކުލަވައިލަން ނިންމެވުމަށް ފަހު، ރޭގައި ކުރެއްވި ޓުވީޓެއްގައި ލަޕިޑް ވިދާޅުވި އެވެ.
ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، މެދުމިނު ސެކިއުލާ ހިޔާލާތުގެ ލެޕިޑް އަށް ސަރުކާރެއް އެކުލަވައިލުމަށް އެންމެ ބޮޑު ބާރަކަށްވީ، ހަރުކަށި ދީނީ-ވަތަނީ ހިޔާލާތުގެ ބޭފުޅެއް ކަމަށްވާ، އަދި ޓެކްނޮލޮޖީ ދާއިރާގެ މަލްޓި-މިލިއަނަރެއް ކަމަށްވާ ނަފްތާލީ ބެނެޓް، ސަރުކާރުގައި ބައިވެރިވާން ނިންމުމުންނެވެ.
އާ ސަރުކާރެއް އެކުލަވައިލުމުގެ އެއްބަސްވުމުގައިވާ ގޮތުން، ސަރުކާރުގެ ހަތަރު އަހަރުގެ ދައުރުގެ ފުރަތަމަ ދެ އަހަރު، ބޮޑުވަޒީރު ކަމުގައި ހުންނަވާނީ ނަފްތާލީ ބެނެޓް އެވެ. ފަހު ދެ އަހަރު ބޮޑުވަޒީރު ކަމުގައި ހުންނަވާނީ، ޔައީރް ލެޕިޑް އެވެ.
ޕާޓީތައް ގުޅިގެން ސަރުކާރެއް ގާއިމުކުރަން އެއްބަސްވި ނަމަވެސް، ސަރުކާރެއް އެކުލަވައިލެވޭނީ، ކަނީސަތުގައި ނަގާ ވޯޓުގައި، އާ ސަރުކާރަށް އަގުލަބިއްޔަތުގެ ތާއީދު ލިބުމުންނެވެ. ކުރިއަށް އޮތް 7-12 ދުވަސް ތެރޭގައި، އާ ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް ކަނީސަތުގައި ވޯޓު ނަގާނެ އެވެ.
އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވައިލުމަށް، އިދިކޮޅު އަށް ޕާޓީން އެއްބަސްވި ނަމަވެސް، މާ ގިނަ ދުވަހަށް މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ސަބަބަކީ ޕާޓީތަކުގެ ސިޔާސަތުތައް ދިމާ އިދިކޮޅަށް ހުރުމެވެ.
މީގެ ތެރެއިން ބައެއް ޕާޓީތަކަކީ، ހިފާފައިވާ ބިންތަކުން ގަދަކަމުން ފަލަސްތީނު މީހުން ބޭރުކޮށް، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ބާރުއަޅާ ޕާޓީތަކެވެ. އަނެއް ޕާޓީތަކަކީ، ފަލަސްތީނު މީހުންގެ ވެސް ދައުލަތަކާ އެކު އިޒްރޭލުގެ ދައުލަތް ދެމި އޮތުމަށް ވަކާލާތުކުރާ ޕާޓީތަކެވެ.
އެހެންކަމުން، މި ޕާޓީތަކުގެ މެދުގައި، މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކުރުން ފިޔަވައި، އެއްބަސްވެވޭ އެހެން އެއްވެސް ސިޔާސަތެއް ނެތެވެ.
އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، މިފަހަރުގެ ސަރުކާރު އެކުލަވައިލުމަށްޓަކައި، އިޒްރޭލުގެ އަރަބި ރައްޔިތުން ތަމްސީލުކުރާ "ޔުނައިޓެޑް އަރަބް ލިސްޓް" ވެސް ކޯލިޝަންގައި ބައިވެރިކުރި ކަމެވެ. އާ ސަރުކާރަށް ކަނީސަތުގައި ރުހުން ލިބިއްޖެ ނަމަ، މިއީ އިޒްރޭލުގެ ސަރުކާރެއްގައި، އަރަބި ރައްޔިތުންގެ ބައިވެރިވުން އޮންނަ ފުރަތަމަ ސަރުކާރަށް ވެގެންދާނެ އެވެ.
ޔުނައިޓެޑް އަރަބް ލިސްޓުގެ ފަރާތުން ކޯލިޝަން ސަރުކާރުގެ އެއްބަސްވުމުގައި ސޮއިކުރީ ވެސް، އާ ސަރުކާރެއް އެކުލަވައިލުމަށް ދީފައިވާ މުއްދަތު ހަމަވާން އެންމެ ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. ޔުނައިޓެޑް އަރަބް ލިސްޓުގެ ބޭފުޅުންނަކީ، ޔަހޫދީން ވަޒަންވެރިކުރުމުގެ ސިޔާސަތާ ދެކޮޅު، އަދި 1948ގެ އިމާ އެއްގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅުންނެވެ.