"އެކަތައިގެ ގުއްބު" ފުރިހަމަކޮށްދޭން އިޒްރޭލުން އެމެރިކާގައި އެދެނީ
"އެކަތައިގެ ގުއްބު" ފުރިހަމަކޮށްދޭން އިޒްރޭލުން އެމެރިކާގައި އެދެނީ

ދުޝްމަނުންގެ މިސައިލާއި ރޮކެޓް ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުން އުފައްދައި ބޭނުން ކުރަމުން އަންނަ، އެކަތައިގެ ގުއްބު (އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމް)ގެ ނަން ދީފައިވާ މިސައިލް ނިޒާމު ފުރިހަމަ ކުރުމަށް، އެމެރިކާގެ އެހީއަށް އެދެން އިޒްރޭލުން ނިންމައިފި އެވެ.

އެމެރިކާގެ ސެނެޓް މެންބަރު ލިންޑްސޭ ގްރަހަމް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް މިއަދު އެމެރިކާއަށް ކުރައްވާ ދަތުރުގައި، އެކަން ރަސްމީކޮށް އެމެރިކާ ސަރުކާރަށް ހުށަހަޅާނެ އެވެ. އެކަމަށް އިޒްރޭލުން ބޭނުންވަނީ އެމެރިކާއިން އެއް ބިލިއަން ޑޮލަރުގެ އެހީއެކެވެ.

ގްރަހަމް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ހުށަހެޅުން ލިބުމާ އެކު ވަރަށް އަވަހަށް އެ އެހީ ހަމަޖެހޭނެ ކަމަށް އޭނާ އުންމީދުކުރައްވަ އެވެ.

އިޒްރޭލުން އެމެރިކާގެ އަސްކަރީ އެހީއަށް މިއެދެނީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް، އިޒްރޭލުން ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާއިރު ވެސް، އެމެރިކާއިން އިޒްރޭލަށް އަސްކަރީ އެހީ ދެމުން ދާތީ، އެމެރިކާގެ ތެރެއިން އެމެރިކާ ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެމެރިކާ އިން އިޒްރޭލާއެކު ކުރަން އުޅޭ 735 މިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރި ހުއްޓުވުމަށެވެ. ހަތިޔާރުގެ އެ ވިޔަފާރި އަށް، ރައީސް ބައިޑެންގެ ސަރުކާރުން އޮތީ، ހުސްވި މެއި 10 ގައި ގާޒާގެ ހަމަލާތައް ފެށުމުގެ ކުރިން ހުއްދަ ދީފަ އެވެ.

އެމެރިކާއިން މިހާރު ވެސް އެއްވެސް ޝަރުތަކާ ނުލައި ކޮންމެ އަހަރަކު، އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ އެހީ ދެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން، އިޒްރޭލަށް އަސްކަރީ އެހީ ދިނުމަށް ދެކޮޅު ހެދިޔަސް، ގިނަ މެމްބަރުން އެކަމަށް ތާއީދު ކުރެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހުސްވި މެއި މަހުގެ 10-21 އަށް ގާޒާއަށް އުދުވާނީ ހަމަލާތަކުގެ ރައްދުގައި، ހަމާސް ޖަމާއަތުން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ފޮނުވައިލި 4500 އަށް ވުރެ ގިނަ ރޮކެޓްގެ 90 ޕަސެންޓަށް ވުރެ މަތީ ނިސްބަތެއްގެ ރޮކެޓް، އެކަތައިގެ ގުއްބުގެ ޒަރީއާއިން ހަލާކުކޮށްލެވުނެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް ރޮކެޓްތައް އިޒްރޭލުގެ ބައެއް ރަށްތަކަށް ވެއްޓުމުގެ ސަބަބުން، ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުގެ 12 މީހަކު މަރުވި އެވެ. އަދި ބައެއް އިމާރާތްތަކަށާއި އެހެން ބައެއް ތަންތަނަށާއި އެއްގަމު އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހުސްވި މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމާއި ބޮޑުބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 255 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 އަންހެނުންނާއި 41 ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.