އިޒްރޭލުގެ ރައީސް ކަމަށް އިސްހާގް ހެރްޒޮގް
އިޒްރޭލުގެ ރައީސް ކަމަށް އިސްހާގް ހެރްޒޮގް

އިޒްރޭލުގެ ރައީސް ކަމުގެ މަގާމަށް، ލޭބާ ޕާޓީގެ ކުރީގެ ރައީސް އިސްހާގް ހެރްޒޮގް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތު އިން އިއްޔެ އިންތިހާބުކޮށްފި އެވެ.

ހެރްޒޮގް އެ މަގާމަށް އިންތިހާބުވީ ކަނީސަތުގައި ނެގި ވޯޓުގައި، އޭނާއާ ވާދަކުރެއްވި މިރިޔަމް ޕެރޭޒްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ޖުމްލަ 120 މެމްބަރުން ހިމެނޭ ކަނީސަތުގައި ހެރްޒޮގް އަށް ލިބިވަޑައިގަތީ، 87 ވޯޓެވެ. މިރިޔަމް އަށް ލިބިވަޑައިގަތީ، 26 ވޯޓެވެ.

މިހާރު ރައީސް ކަމުގައި ހުންނެވި ރެއުވީން ރިވްލީން މަގާމުގެ ދައުރު ހަމަކުރެއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގަންނަވާނީ މިއަންނަ ޖުލައި މަހު 9ގަ އެވެ. އެ ދުވަހުން ފެށިގެން ހެރްޒޮގް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އިޒްރޭލުގެ 11 ވަނަ ރައީސްގެ ގޮތުގަ އެވެ.

ހެރްޒޮގަކީ، އިޒްރޭލުގެ ސިޔާސީ މައިދާނުގައި ވަރަށް ފުންނާބު އުސް ސަހްޔޫނީ އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ބައްޕަ ކައިމް ހެރްޒޮގަކީ، އިޒްރޭލުގެ ރައީސް (1983-1993) ކަމަށް އިންތިހާބުވުމުގެ ކުރިން، އދ.ގައި ހުންނެވި އިޒްރޭލުގެ ސަފީރެވެ. ބޮޑުބޭބެ އައްބާ އެބާންއަކީ އިޒްރޭލުގެ ފުރަތަމަ ފޮރިން މިނިސްޓަރު އަދި ފަހުން އެމެރިކާ އާއި އދ.ގައި ހުންނެވި އިޒްރޭލުގެ ސަފީރެވެ. ކާފަ ޔިޓްޒެކް ހާލެވީ ހެރްޒޮގް އަކީ އިޒްރޭލުގެ ފުރަތަމަ އެންމެ އިސް ފާދިރީ އެވެ.

ކަނީސަތުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، މީގެ ތިން އަހަރު ކުރިން އިސްތިއުފާ ދެއްވުމަށް ފަހު، މިއަދާ ހަމައަށް ވެސް ހެރްޒޮގް ހަރަކާތްތެރިވަމުން ގެންދެވީ، އެހެން ގައުމުތަކުން އިޒްރޭލަށް ޔަހޫދީން ހިޖުރަކުރުވާ އަމިއްލަ އޭޖެންސީއެއްގެ ވެރިއެއްގެ ގޮތުގަ އެވެ. މިއީ އިޒްރޭލު ސަރުކާރާ ގުޅިގެން، ޔަހޫދީން ހިޖްރަކުރުވުމުގައި ހަރަކާތްތެރިވާ އޭޖެންސީ އެކެވެ.

އިޒްރޭލުގެ ސިޔާސީ މަސްރަހު ތަރުތީބުވެފައި އޮންނަ ގޮތުން، ރަމްޒީ ނުވަތަ ޝަރަފުވެރި މަގާމެއްގެ ގޮތުގައި ހުންނަވާ ރައީސަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. ސަރުކާރު ހިންގާނީ ބޮޑުވަޒީރެވެ. ސަރުކާރު ހިންގުމުގެ ކަންކަމުގައި ރައީސްގެ ހަމައެކަނި ދައުރަކީ، އާންމު އިންތިހާބަށް ފަހު ވަކި ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށް، ކޮންމެވެސް ޕާޓީއެއްގެ ލީޑަރަށް ދައުވަތު ދެއްވުމެވެ.

އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރަށް، ކަނީސަތުގައި އަގުލަބިއްޔަތު ގެއްލުމުގެ ސަބަބުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އިންތިހާބު ބާއްވައިފި އެވެ.