21 ނޮވެމްބަރ 2016 - 10:52

ލަންޑަން (ނޮވެމްބަރު 21) - ސީޒަން ފެށުނުއިރު ޗެލްސީ އަށް ފާޑުކީ މީހުން މިހާރު އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުމަށް ކުރަނީ ތައުރީފް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭ މިޑްލްސްބަރާ އަތުން 1-0 އިން މޮޅުވެ، ޗެލްސީ ވަނީ ޖެހިޖެހިގެން ހޯދި ހަ ވަނަ މޮޅާ އެކު ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ޗެލްސީ ލީގުގެ އެއް ވަނަ އަށް ޖެހިލީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ކޮންޓޭ ބުނީ މިއީ ކުޅުންތެރިން އެކުގައި ކުރި ހިތްވަރުގެ ނަތީޖާ ކަމަށެވެ.
"މީގެ އެއް މަސް ކުރިން ޗެލްސީ އޮތް ހާލަތަށް ބަލާފައި އަހަރެންގެ ކުރިމަގާ މެދު ވެސް ސުވާލު އުފެއްދި. ލިވަޕޫލާއި އާސެނަލް އަތުން ބަލިވުމުން އަހަރެން ބޭނުންވީ ޓީމުގެ ސިސްޓަމް ބަދަލުކުރަން. އޭގެ ނަތީޖާ ރަނގަޅު. ކުރިން ޗެލްސީ އަށް ފާޑުކީ މީހުން މިހާރު ކުރަނީ ތައުރީފް. މިއީ ކުރިއެރުމެއްގެ ގޮތުގައި ދެކެން،" ކޮންޓޭ ބުންޏެވެ.
ލީގުގެ އެއް ވަނަ އަށް ޗެލްސީ ގެންގޮސްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އެވެ. ރޭގެ މެޗުގައި ޖެހި ގޯލާ އެކު ލަނޑު ލިސްޓުގެ ކުރީގައި ކޮސްޓާ އޮތީ 10 ލަނޑު ޖަހައިގެންނެވެ. ކޮންޓޭ ބުނީ ކޮސްޓާ އަކީ މުޅި ދުނިޔެ އަށް ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ފޯވާޑެއް ކަމަށެވެ.
"ކޮސްޓާ އަކީ އަބަދުވެސް ޗެލްސީގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ. އޭނާ ފިޓްކޮށް ބެހެއްޓުމަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކަމެއް. މި ޓީމަށް ތަފާތު ގެނެސްދޭ ކުޅުންތެރިޔެއް ކޮސްޓާ އަކީ. ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި،" ކޮންޓޭ ބުންޏެވެ.
މިޑްލްސްބަރާގެ ކޯޗު އައިޓޯ ކަރަންކާ ބުނީ ޗެލްސީ އަކީ މިވަގުތު ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމުކަން މެޗަށް ނުކުތްއިރު ވެސް އެނގޭ ކަމަށެވެ.
"މެޗަށް ނުކުތްއިރު ވެސް އެނގޭ ޗެލްސީ އަކީ އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމުކަން. މެންޗެސްޓާ ސިޓީ އާއި އާސެނަލާ ދެކޮޅަށް ކުޅުނު މެޗާ މި މެޗު މުޅިން ތަފާތު. ޗެލްސީއާ ދެކޮޅަށް އަހަރެމެންނަށް ހެދުނީ އެންމެ ގޯހެއް އޭގެ އަދަބު އަހަރެމެންނަށް ލިބުނު،" ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކަރަންކާ ބުންޏެވެ.