ތިނަދޫގައި ބާރަށް ދުއްވި ކާރެއް މޫދަށް؛ މީހަކަށް ކަމެއް ނުވޭ!
ތިނަދޫގައި ބާރަށް ދުއްވި ކާރެއް މޫދަށް؛ މީހަކަށް ކަމެއް ނުވޭ!

ގދ. ތިނަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ތިނަދޫ، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިން މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރުފަހު 3:20 ހާއިރެވެ.

އެކްސިޑެންޓުވެގެން ގެނައި މީހުންގެ އެތެރެ ހައްޓަށް ގެއްލުންވެފައިވޭތޯ ބެލުމަށް އެކްސްރޭ ނަގައިގެން ބެލި އިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެނައި ތިން މީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ތިނަދޫ އުތުރު ފަރާތުން ހިއްކާފައި އޮތް ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ ސަރަހައްދުގެ ހިލަ ތޮށިގަނޑުގެ ބޭރަށް ވެއްޓިގެންނެވެ.

އެކްސިޑެންޓު ހިނގިއިރު ކާރުގައި ފަސް މީހަކު ތިބި ކަމަށް ވެސް ރަށު ތެރޭ ވާހަކަ ދެކެވޭ ކަމަށްވެ އެވެ. އެކަމަކު އެކަން ކަށަވަރުވާ ގޮތެއް ނުވި އެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު މޫދަށް ވެއްޓި، އޭގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރު އޮތީ ގޮނޑޮދޮށުގައި ޖަހާފައިވާ ބޮޑުހިލަތަކުގެ މަތިން ގޮސް ރާޅުޖަހާ ހިސާބަށް ވެއްޓިފަ އެވެ.