"އަހަރެން ވެކްސިން ޖެހީ" ކީއްވެކަން ކިޔައިދެނީ
"އަހަރެން ވެކްސިން ޖެހީ" ކީއްވެކަން ކިޔައިދެނީ

އެންމެ ހަނދާން ވަނީ ލޯބިވާ މީހުންނާ އެކު ސިނަމާ އަށް، ފިލްމު ބަލަން ދިޔަ ދުވަސްތަކެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހީ ވެސް މި ބަލިމަޑުކަމުން ސަލާމަތްވެ، ރައްކާތެރިކަމާ އެކު ފިލްމު ބަލަންދާން ބޭނުންވެފައި ހުރުމުންނެވެ؛ ވެކްސިން ޖެހި ސަބަބު ކިޔައިދެމުން އިބްރާހިމް ޖިނާދު އަހްމަދު ކުރި ޓުވީޓެއްގައި އޭނާ ބުނީ މިހެންނެވެ.

މިހެން ޓްވީޓްކޮށް އޭނާ އެދުނީ "އަހަރެން ވެކްސިން ޖެހީ" ކިޔާ، މިހާރު ވަރަށް ވައިރަލް ވެސް ވެފައިވާ ހޭޝްޓްގެ ދަށުން، އެންމެންގެ "ވެކްސިން ސްޓޯރީ" ކިޔައިދިނުމަށެވެ.

ވެކްސިން ޖެހީ ކީއްވެކަމާއި ކުރީގެ އާންމު ދިރިއުޅުމުން އެންމެ ހަނދާން ވަނީ ކޮން ކަންކަމެއްތޯ ކިޔައިދޭން ބުންޏެވެ. އެ ހިސާބުން މި ހޭޝްޓެގް ވައިރަލްވެ އެކި ވާހަކަތައް ކިޔައިދޭންފެށީ އެވެ.

"ދަތުރުކުރަން ގޮސް އުޅުމާއި އަދި ލޯބިވާ މީހުންނާ އެކު ހޭދަކުރި ވަގުތުތައް ވެސް ވަރަށް ހަނދާންވޭ،" ވެކްސިން ޖެހީ ކުރީގެ އެ އާންމު ދިރިއުޅުމަށް އަނބުރާ ދާން ބޭނުންވާތީ ކަމަށް މީހަކު ބުންޏެވެ.

ކޮވިޑްގެ ސަބަބުން ދިވެހިން އެންމެ އާންމުކޮށް ދަތުރު ގޮސް އުޅޭ ބައެއް ގައުމުތަކުގެ ބޯޑަރުތައް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާވުމާއި ދަތުރު ދާ ނަމަ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އުނދަގުލެވެ. ދަތުރު ދާން ބޭނުން ވިޔަސް، ވަޒީފާ ގެއްލި، އަތްމަތި ދަތިވެ، ދަތުރެއް ދެވިދާނެ ކަމުގެ އުއްމީދު ގެއްލިފައި ވެސް ކިތައްމެ މީހަކު އެބަ ތިއްބެވެ.

"އަމިއްލަ ނަފުސު ސަލާމަތްކޮށް، ވެކްސިން ނުޖެހޭ އެހެން މީހުންގެ ފުރާނަ ރައްކާތެރިކުރަން އެހީ ވެދޭން،" އެހެން މީހަކު ބުނެފައިވެ އެވެ.

ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ގިނަ މީހުން ބުނެފައި ވަނީ، ވެކްސިން ޖެހީ ކުރީގެ އާންމު ދިރިއުޅުން މާ ބޮޑަށް ހަނދާންވާތީ އެވެ. ބަލީގެ އެއްވެސް ބިރެއް ނެތި އާއިލާ އާއި ރައްޓެހިންނާ ދިމާވެ، އެކީގައި ތަންތަނަށް ގޮސް އުޅުމުގެ އުފާވެރިކަން އިހުސާސްކޮށަލަން މިހާރު ބޭނުންވާލެއް ބޮޑުކަމުންނެވެ.

އެކަކު ބުނީ ކޮވިޑާއެކު ދަތުރުކުރުމަށް އޮތް ހުރަސްތަކާ އެކު މަންމަ އާއި ދައްތަ ގާތަށް ނުދެވި، ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ރަށްރަށަށް ދަތުރުކުރާ ނަމަ 14 ދުވަހު ކަރަންޓީނުވާން ޖެހޭއިރު، ރަށަށް ގޮސް ކަރަންޓީނު ވާނެ ތަނެއް ނެތުމާއި އަދި ތަނެއް ކުއްޔަށް ހިފައިގެން ކަރަންޓީނުގައި ހުންނަން ވެސް ބައެއް މީހުނަށް ވަރަށް ދަތިވެ އެވެ. އެހެންވެ، މި ބަލިމަޑުކަން ފެށުނީއްސުރެ އެ ތިބި ތަނެއްގައި ރަށަށް ނުދެވިފައި ތިބި މީހުން ވެސް ވަރަށް ގިނަ ކަން މި ޓުވީޓުތަކުން އެނގެ އެވެ.

"ކޮވިޑް-19ގެ ވަބާއިން ސަލާމަތްވެވެން އޮތީ އެންމެން ވެސް މި ވެކްސިންޖަހައިގެން ކަމަށްވާއިރު، އަހަންނާއި އަހަރެންގެ އާއިލާ އަދި މުޖުތަމައުގެ ރައްކަލަކަށް ކޮންމެހެން އަދާ ކުރަންޖެހޭ ޒިންމާއެއް ވީމަ،" މި ކަހަލަ އެތައް ވާހަކައެއް މީހުން ކިޔައިދީފައިވެ އެވެ.

"އަހަރެން ވެކްސިން ޖެހީ އެކަންޏެއް ނޫން. އަހަރެން މާމަ ކުރިން ހުރީ ވެކްސިން ޖަހަން ނުކެރިފައި. މާމައަށް ދެރަ ގޮތެއް ވެދާނެތީ ކޮންމެ ދުވަހަކު ގުޅައިފައި އާދޭސްކުރަން ވެކްސިން ޖަހަން. ފަހުން މާމަ ވެސް ވެކްސިން ޖެހި. އަދި އޭގެ ފަހުން މާމަ ބަލި ވެސް ވި އެކަމަކު އިރާދަކުރެއްވިތީ ރަނގަޅު ވެސް ވި،" މީހަކު ބުންޏެވެ.

އާއިލާގައި ތިބި ހައި ރިސްކު މީހުންގެ ރައްކަލަކަށް ވެކްސިން ޖެހި މީހުން ވެސް ވަރަށް ގިނަ އެވެ. ސައިންސާއި ސިއްހީ މާހިރުންނަށް އޮންނަ އިތުބާރުގެ ބޮޑުވުމުން، މި ވެކްސިނަށް ވެސް ފުރިހަމަ އިތުބާރު ކުރެވޭތީ، ވެކްސިން ޖެހީ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ދުވަހަކު ވެސް ނުދާ ވަރަށް މައްޗަށް ގޮސް، އާންމު ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. ކޮންމެ ދުވަހަކު 1،000 މަތީގައި ކޭސްތައް ހުރުމަށް ފަހު އަދަދު ދަށް ވާން ފެށީ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އެވެ.

މިދިޔަ މަހު އެކަނި ވެސް، ރިކޯޑް އަދަދަށް މި ބަލީގައި މީހުން ވަނީ މަރުވެފަ އެވެ. އެއީ 88 ފުރާނަ އެވެ. މިއީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން މަރުވި މީހުންގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ގިނަ އަދަދެކެވެ. މި ފެށުނު ޖޫން މަހު ވެސް ނުވަ މީހަކު މިހާރު ވަނީ މަރުވެފަ އެވެ. ޖުމްލަ އަދަދު މިހާރު ހުރީ 170 ގަ އެވެ.

މިއަދު މި ބަލީގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ކުޑަކުއްޖެއް ވެސް ވަނީ މަރުވެފަ އެވެ. އެއީ އެންމެ 10 އަހަރުގެ ކުއްޖެކެވެ.