02 ޖޫން 2021 - 14:48

އިޒްރޭލުގެ ސިއްރު ސިފައިން ހުޅަނގު އައްސޭރި އަށް ވަދެ، ހަމާސް ޖަމާއަތުގެ އިސް ވެރިއެއް ކަމަށްވާ ޖަމާލުއް ތޮވީލް ރޭ ހައްޔަރުކޮށްފި އެވެ.
އިޒްރޭލު ސިފައިން، ޖަމާލް ހައްޔަރު ކުރީ އެތައް ދުވަހެއް ވަންދެން އޭނާއަށް ފާރަލުމަށް ފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި، އޭނާގެ ގޭ ކުރިމަތިންނެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޖަމާލް، 59، ދިރިއުޅޭ އުއްމުއް ޝަރާޔިތު އަވަށަށް، އިޒްރޭލުގެ ސިއްރު ސިފައިން ވަދެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނަމަވެސް އޭނާ ހައްޔަރުކުރުމާ ބެހޭ ގޮތުން އިޒްރޭލުން ވެސް އަދި ހަމާސް ޖަމާއަތުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ވެސް އިޒްރޭލުން ޖަމާލް ހައްޔަރުކޮށްގެ އަށް މަސްދުވަހު ގެންގުޅުމަށް ފަހު، މިނިވަންކުރީ މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަމަ އެ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު ގަޑިއިރުތަކެއް ފަހުން ދޫކޮށްލި އެވެ.
އެކިފަހަރު މަތިން އިޒްރޭލުން، ޖަމާލު ހައްޔަރުކޮށްގެން 14 އަހަރަށް ވުރެ ގިނަ ދުވަހު އިޒްރޭލުގެ ޖަލުތަކުގައި އޭނާ ގެންގުޅެފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ދުވަހު ޖަލުގައި ހުރީ، އެއްވެސް ހުކުމެއް ކުރުމެއް ނެތި، އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ.
އިޒްރޭލުން ހަމާސްގެ އިސް ވެރިޔަކު މި ހައްޔަރުކުރީ، ގާޒާ އާރާސްތުކުރުމުގެ މަސައްކަތާ، ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ހަތަރު މީހުން މިނިވަންކުރުމާ ގުޅުވައިގެން، އިޒްރޭލުން ވާހަކަ ދައްކަމުންދާ ދުވަސްވަރެއްގަ އެވެ.
އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 4500 އަށް ވުރެ ގިނަ މީހުން މިހާރުވެސް ހައްޔަރުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ، 2006 ވަނަ އަހަރު އިޒްރޭލުން ގާޒާ ހިސާރުކުރުމަށް ފަހު، ގާޒާގައި ހިންގި އުދުވާންތަކުގެ ތެރެއިން ހައްޔަރުކުރި މީހުންނެވެ. އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރޭގައި، 41 އަންހެނަކާއި 140 ކުޑަކުދިންނާއި، ހުކުމެއް ނުކޮށް އިދާރީ ގޮތުން ބަންދުކޮށްފައި ތިބި 440 މީހުން ހިމެނެ އެވެ.