ސިންވާރް ވިދާޅުވި 1111 ގެ ހަގީގަތަކީ ކޮބާ؟
ސިންވާރް ވިދާޅުވި 1111 ގެ ހަގީގަތަކީ ކޮބާ؟

ހަމާސްގެ ގާޒާ ގޮފީގެ އިސް ވެރިޔާ ޔަހްޔާ އައްސިންވާރް، މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި 1111 ގެ ހަގީގަތް ހޯދަން ގިނަ ބަޔަކު ޝައުގުވެރިވެއްޖެ އެވެ. ސިންވާރްގެ ވާހަކައިގައި ވިދާޅުވީ އެންމެން ވެސް އެ ނަންބަރު ހަނދާން ކުރުމަށެވެ. ނަމަވެސް އެއީ ކޮން ނަންބަރެއް ކަމެއް ނުވަތަ އޭގެ މާނައަކީ ކޮބައި ކަމެއް އެކަކަށް ވެސް އަދި ނޭނގެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ސިންވާރް ވިދާޅުވި އެވެ؛ "ގާޒާގައި ތިބި ހުރިހާ ހަނގުރާމަވެރިން ވެސް އަދި އިއްޒުންދީނުލް ގައްސާމް ބްރިގޭޑް (ހަމާސްގެ އަސްކަރީ ގޮފި)ގެ ހަނގުރާމަވެރިން ވެސް ނަންބަރު 1111 ނޯޓްކޮށްލާފަ ބާއްވާ. މިނަންބަރު ރަނގަޅަށް ހަނދާނުގައި ބަހައްޓާތި."

އޭނާގެ މިވާހަކަތަކަށް ފަހު، އެންމެ ބޮޑު ބަހުސެއް ހިނގަމުން ދަނީ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގަ އެވެ. އެއް ބަޔަކު މާނަކުރާ ގޮތުގައި އެއީ، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން، ހަމާސް ޖަމާއަތުން މިވަގުތު މިނިވަންކުރަން އެންމެ ބޭނުންވާ މީހުންގެ އަދަދެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 4500 އަށް ވުރެ ގިނަ މީހުން މިހާރުވެސް ހައްޔަރުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ، 2006 ވަނަ އަހަރު އިޒްރޭލުން ގާޒާ ހިސާރުކުރުމަށް ފަހު، ގާޒާގައި ހިންގި އުދުވާންތަކުގެ ތެރެއިން ހައްޔަރުކުރި މީހުންނެވެ. އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރޭގައި، 41 އަންހެނަކާއި 140 ކުޑަކުދިންނާއި، ހުކުމެއް ނުކޮށް އިދާރީ ގޮތުން ބަންދުކޮށްފައި ތިބި 440 މީހުން ހިމެނެ އެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި، އިޒްރޭލުގެ ހަތަރު މީހަކު އެބަ ތިއްބެވެ. އެއީ 2014 ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތަކުގެ ތެރޭގައި، ހަމާސްގެ ހަނގުރާމަވެރިން އަތުލައިގަތް އިޒްރޭލުގެ ސިފައިންގެ ދެ މީހަކާއި، އޭގެ ފަހުން ގާޒާގެ ތެރެއަށް ވަދެ އުޅުނު ޔަހޫދީންގެ ދެ މީހެކެވެ.

ޓުވިޓާގައި ހިޔާލު ފާޅުކުރި ފަލަސްތީނުގެ ބައެއް މީހުން ބުނި ގޮތުގައި، ސިންވާރުގެ 1111 އެއީ ކުރިއަށް އޮތް ދުވަސްތަކަށް ވަރަށް މުހިންމު ނަންބަރެއް ކަމަށެވެ. އަދި އެ ނަންބަރު އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށާއި ފަލަސްތީނުގެ ހުރިހާ ރައްޔިތުން ވެސް ތިބީ ހަމާސްގެ ހިތްވަރުގަދަ ބަތޮލުންނާ އެކުގައި ކަމަށެވެ.

ސިންވާރްގެ 1111ގެ ތަފްސީލު ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި، އެމީހެއްގެ ވިސްނުމާ އެއްގޮތަށް ފާޅުކުރެ އެވެ. އެކަކު ބުނި ގޮތުގައި އެއީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން، އުމުރަށް ޖަލަށް ލާފައި ތިބި 543 މީހަކާއި، ބަލި ހާލަތުގައި ތިބި 550 މީހަކާއި، އިޒްރޭލު ރައްޔިތުންގެ ތެރެއިން 18 އަރަބިންނެވެ.

"ހަމާސްގެ ވެރިޔާ އެ ވިދާޅުވި ނަންބަރުގެ ހަގީގަތަކީ ކޮބައިކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އެކަމަކުވެސް ގަބޫލުކުރެވޭ ގޮތުގައި އެއީ ވަރަށް ހާއްސަ ނަންބަރެއް. އެއީ ގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިންގެ މެދުގައި ބޭނުންކުރާ އަސްކަރީ ކޮންމެވެސް ކަމެއް ރަމްޒުކޮށްދޭ އަދަދަކަށް ވެސް ވެދާނެ،" ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އިބްރާހީމް އަލްމަދްހޫން އޭނާގެ ޓުވިޓާގައި ލިޔުނެވެ.

"ފަހަރެއްގައި ވެދާނެ އެއީ ހަނގުރާމައިގެ ތެރޭގައި ގައްސާމް ބްރިގޭޑްގައި ބޭނުންކުރާ ޓެކްނިކަލް ކޯޑް ނަންބަރަކަށް ވެސް. ނުވަތަ ވެދާނެ އެއީ ހަމާސް ޖަމާއަތުން މިހާތަނަށް ބޭނުންނުކޮށް ހުރި ހަތިޔާރަކަށް އިޝާރާތްކުރާ ނަންބަރަކަށްވެސް. ޔަގީންވާ ކަމަކީ، ހަމާސް ޖަމާއަތުންވެސް އަދި ގައްސާމް ބްރީގޭޑުން ވެސް މިހާތަނަށް ބޭކާރު ވާހަކައެއް ދޮގު ވާހަކައެއް ދައްކާފައި ނެތްކަން. ޔަގީނުން ވެސް އެއީ ވަރަށް މުހިންމު ނަންބަރެއް."

އަނެއް ބަޔަކު ބުނާ ގޮތުގައި ސިންވާރް އެ ވާހަކަ ދެއްކެވި ވަގުތާއި ހާލަތަށް ބަލާއިރު، އެ ނަންބަރުން ޔަގީންވަނީ ކޮންމެވެސް މުހިންމު ކަމެއްގެ ވަގުތު ކައިރިވަމުން އަންނަ ކަމެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމާއި ބޮޑުބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 255 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 އަންހެނުންނާއި 41 ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.