އިސްލާމީ ގައުމުތައް ރަމްޒުކޮށްދޭ އަންނައުނު ކަލެކްޝަނެއް
އިސްލާމީ ގައުމުތައް ރަމްޒުކޮށްދޭ އަންނައުނު ކަލެކްޝަނެއް

މިއީ ދާރް ކަލެކްޓިވް ކިޔާ ވަރަށް އާ ފެޝަން ކުންފުންޏެއްގެ ވާހަކަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އެމެރިކާގެ ޑަލަސް އިން އުފެދުނު މި ކުންފުނީގެ ފަހަތުގައި އޮތީ މުސްލިމު ޓީމެކެވެ. އިސްކޮށް ހުރީ އަރަބި ދުނިޔެ އަށް ނިސްބަތްވާ ގްރެފިކް އިލަސްޓްރޭޓަރު ސުބީ ތާހާ އެވެ.

އޭނާގެ ދާރު ކަލެކްޓިވުން ކުރާ ކަމަކީ މުސްލިމުން އުޅޭ ގައުމުތައް ރަމްޒުކޮށްދޭ ގޮތަށް ޓީޝާޓާއި ސްވެޓަރާއި ހުޑީ ފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމެވެ. ދާރް ކަލެކްޓިވްގައި އޮތީ މިހާރު އޮތީ މައިގަނޑު ތިން ކަލެކްޝަނެވެ.

އެއީ މި ދުވަސްވަރާ އެންމެ ގުޅޭ ފަލަސްތީނު ރަމްޒުކޮށްދޭ "ފަލަސްތީން ސީރީޒް" އާއި ޕާކިސްތާނަށް ހާއްސަ "ޕާކިސްތާން ސީރީޒް" ކަލެކްޝަނެއްގެ އިތުރުން 1950 ގެ އަހަރުތަކުގައި އަރަބި ގައުމުތަކުގެ ޗުއްޓީ ދަތުރުތަކުގެ ހަނދާންތައް އާކޮށްދޭ ޕޯސްޓްކާޑް މަނަޒަރުތައް ޖެހި "ޓްރެވެލް ސީރީޒް" އެވެ.

މި ތިން ކަލެކްޝަނުން ގިނަ ގޮތްގޮތަށް ކުރެހުންތަކާއި ލިޔުންތަކާއި މަންޒަރުތައް ހިމެނޭ ޓީޝާޓާއި ސްވެޓަރު ފަދަ އެއްޗެހި މިހާރު އެކި ކުލަތަކުން ގަންނަން ލިބޭނެ އެވެ. ދާރް ކަލެކްޓިވްގެ ވެބްސައިޓުން ވަރަށް ފަސޭހަކޮށް ގަނެލެވޭނެ އިންތިޒާމު ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ސޫބީ ބުނި ގޮތުގައި އޭނާގެ ޓިމްގެ މައިގަނޑު މަގުސަދަކީ ވަކިން ހާއްސަކޮށް މުސްލިމު ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކާއި އެ ގައުމުތަކުގެ ހާއްސަ ސިފަތައް އާލާކޮށް ދިރުވައި، މުސްލިމުން ނިސްބަތްވާ ގައުމުތަކަށް އޮންނަ ލޯތްބާއި މަގުބޫލުކަން އިތުރުކުރުމެވެ.

"މި ބްރޭންޑްގެ ހާއްސަ ކަމަކީ ވެސް ގައުމުތަކުގެ އައިޑެންޑިޓިޓީ އާލާކޮށް ދިރުވުން،" އޭނާ ބުންޏެވެ. "ހަގީގަތުގައި ދާރް ކަލެކްޓިވްގެ އުފެއްދުންތަކުން މިކޮށްދޭ ކަމަކީ އިހުސާސްތަކާއި ޝުއޫރުތައް ފާޅުކޮށް ދިނުން."

ސޫބީ ބުނި ގޮތުގައި އަދި އެންމެ އަހަރެއްހާ ދުވަސްވީ ދާރް ކަލެކްޓިވްގެ އުފެއްދުންތަކަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. އަދި މި ދުވަސްވަރު އެންމެ ޓްރެންޑީ "ފަލަސްތީން ސީރީޒް" ގެ އެއްޗެހި ކަމަށް ބުންޏެވެ.