02 ޖޫން 2021 - 14:37

ކޮޓަރި ތެރޭގައި މަރުވެފައި އޮއްވައި ރޭ ފެނުނު ޒުވާން އަންހެންކުއްޖާ އާ އެންމެ ފަހުން ދިމާވީ މީގެ ފަސް ދުވަސް ވަރު ދުވަސްކުރިން ކަމަށާއި އޭރު އޭނާ އައީ ޑިޕްރެޝަނަށް ބޭސްކަމުން ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

އިމްޕީރިއަލް ކްލިނިކް ކައިރީގައި ހުރި ގެއެއްގައި ދިރިއުޅެމުން އައި، ގ. ބްލޫވެލީ ލިޔުޝާ ޝާކިރު، 28، ގެ ހަބަރެއް ނުވެގެން އޭނާގެ އެއްބަނޑުއެއްބަފާ ދައްތައަކު ރޭ ދަންވަރު އެ ކޮޓަރި އަށް ވަތްއިރު ލިޔުޝާ އޮތީ ކުރުގެޅިފައި ކަމަށާއި އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ކޮޓަރިން ވަރަށް ގަދައަށް ކުނި ވަސް ވެސް ދުވާތީ އާ އެކު، 2:30 ހާއިރު ޕޮލިހަށް ރިޕޯޓް ކުރި އެވެ.
އެ ދެ މީހުން ދިރިއުޅެމުން އައީ އެއްގޯޅިގަނޑުތެރޭގައި ހުރި ދެ އިމާރާތެއްގަ އެވެ. ލިޔުޝާ އުޅެމުން އައީ ގޯޅިގަނޑުގެ އެންމެ އެތެރޭގައި ހުރި ދުވަސްވީ އިމާރާތެއްގެ އެއް ވަނަ ފްލޯގަ އެވެ. އެ ތަނުގެ ތިރީގައި އުޅެނީ ބަންގްލަދޭޝް ދެ މީހުންނެވެ. ލިިޔުޝާގެ އެއްބަނޑުއެއްބަފާ ދެ ދައްތަ އުޅެނީ އެތަނާ ޖެހިގެން ހުރި އިމާރާތުގަ އެވެ.
އެ ބަންގްލަދޭޝް މީހާ ވެސް ބުނީ ރޭ 8 ގެ ފަހުން ކުނި ވަސް ދުވި ކަމަށެވެ. އޭގެ ކުރިން އެ ކަހަލަ އެއްވެސް ވަހެއް ނުދުވާ ކަމަށް އޭނާ ބުންޏެވެ.
ލިޔުޝާގެ ދައްތަ "މިހާރު" އަށް ބުނީ ކުނި ވަސް ދުވާތީ ފުރަތަމަ ހީކުރީ މީދަލެއް ކަހަލަ އެއްޗެއް ކުނިވެގެން އުޅެނީ ކަމަށެވެ. ކަމެއް ގޯސްވެއްޖެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ލިޔުޝާއާ އެންމެ ފަހުން އޭނާ ދިމާވީ މީގެ ފަސް ވަރަކަށް ދުވަސްކުރިން، ކަރަންޓު ބިލްގެ ފައިސާ ހަވާލުކުރަން، އޭނާ އުޅޭ ތަނަށް ދިއުމުންނެވެ. އޭރު ހުރީ ވަރަށް ހަމަޖެހިފައި ކަމަށާއި ފައިސާ ދިނުމަށްފަހު އެ ތަނުން ނުކުމެގެން ދިޔައީ ވެސް ޕާސްތާ ކައިގެން ކަމަށް ބުންޏެވެ. ޖެހިގެން އައި ދުވަހު، ގޯޅިގަނޑުގައި އުޅޭ މީހަކާ ވެސް ސަކަރާތްޖެހި ކަމަށް އޭނާ ބުންޏެވެ. އޭނާގެ ހަބަރެއް ނުވީ އޭގެ ފަހުންނެވެ.
ލިއުޝާގެ ހަބަރެއް ނުވެގެން މީގެ ދެ ރެއެއް ކުރިން ވެސް އޭނާގެ ދައްތަ ގޭގައި ހުރެފައި ގޮވާލި އެވެ. އެކަމަކު ޖަވާބެއް ނުލިބެ އެވެ. އެކަމަކު ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އުނދަގޫ އިހުސާސްތައް ރޭ ކުރެވެން ފެށުމުން އަނެއްކާ ވެސް ލިޔުޝާއާ ދިމާވޭތޯ ބެލީ ކަމަށް އޭނާ ބުނެ އެވެ.
"ރޭ ވެސް ގޮވާލީ، ގޮވާލިއިރު އެއްވެސް ހަބަރެއް ނުވީމަ، ގޮވަމުން ގޮވަމުން ސިޑިން އެރީ 2:30 ހާއިރު. ނުނިދިގެން ހަމަ، އުނދަގޫވަނީ. ހިތަށްއެރީ ރަނގަޅުބާއޭ. ގުޅާލިން، ފޯނު ރިންގުވޭ. ގޮވަމުން ގޮވަމުން އެރީ މައްޗަށް. ދޮރުގައި ޖަހާލިއިރު ވެސް ނުހުޅުވީމަ ހިތަށްއެރި މީނަ އިނދެދާނެއޭ އަނގައިން ނުބުނެ ވެސް. ދެން ދޮރުދަށުން ލޯ ޖަހާލަން ވެގެން ކައިރިވެލިއިރު [ނުބައި]ވަސް އައީ. ދެން ހުޅުވާލިއިރު ތަޅުނުލާ ހުރީ،" އޭނާ ބުންޏެވެ.
އާއިލާއިން ބުނިގޮތުގައި ލިޔުޝާއަކީ ދޭތެރެދޭތެރެއިން ހަބަރުނުވާ މީހެކެވެ. ފޯނަށް ގުޅިއަސް ޖަވާބުނުދީ އެތައް ދުވަހަކު ހުރެދާނެ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ވެސް އެގޮތަށް ކަންތައް ވެފައި ހުރުމުން، މި ފަހަރު ވެސް ކަމެއް ގޯސްވެގެން އުޅޭ ކަމެއް ނުބެލެވުނީ ކަމަށް ބުނެ އެވެ.
"އޭނާގެ ފޯނު ރިންގުވޭ ބަރާބަރަށް. ފޯނު ނުނަގާ އޭނާ އުޅޭގޮތެއް އެއީ. ކުރީ ފަހަރަކު ވެސް ހަފުތާއެއް ދެ ހަފުތާއެއް ހަބަރު ނުވެގެން ދިޔައީމަ ގުޅާ ގުޅާ ފޯނަކަށް ނުގުޅޭ. ދެން ތުއްތައާ ދެ މީހުން ދޮރު ހަލާކުކޮށްލައިގެން ބެލިއިރު ވެސް ނެތް [ކޮޓަރިއަކު]. މަހެއް ކޮށްލާފައި އެނބުރި އައީ. ކޮންމެ ވެސް ރަށަކަށް ދިޔައިއްޔޭ ބުނީ،" އޭނާ ބުންޏެވެ.
"އެއްފަހަރު ހަ މަސްވަންދެން ވާނުވާ ނޭނގިގެން، ފޯނު ވެސް ނިއްވާލާފައި އޮތީ. ލަންކާގައި ހުރީ. އޭނާ އާއްމުކޮށް ގެއްލޭނެ."
އޭނާ ބުނީ ލިޔުޝާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް އަދި ޝައްކު އުފެދޭ ކަމެއް ފެންނަން ނެތް ކަމަށެވެ. އޭނާ އޮތީ ވެސް، ނިދާއިރު އޮންނަގޮތަށް އެއް ފައިގެ ކަކޫ ލަންބާލައިގެންނެވެ.
އެއްބަނޑުއެއްބަފާ ފަސް މީހުންގެ ތެރެއިން ދެ ވަނައަށް ހަގަށް ހުރި ލިޔުޝާ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރި އެވެ.
އޭނާ މަރުވިއިރު ދިޔައީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މެތަޑޯން ފަރުވާ ހޯދަމުންނެވެ. އޭގެ އިތުރުން ޑިޕްރެޝަންގެ ހާލަތު ގޯސްވެ، މީގެ ދެ މަހެއްވަރު ކުރިން އައިޖީއެމްއެޗަށް ދައްކައި ލިޔުޝާ ދިޔައީ ބޭސް ވެސް ކަމުން ކަމަށެވެ. އެކަހަލަ ކަންތައްތަކާ ހެދި ދޭތެރެދޭތެރެއިން ރުޅިގަދަވެގެން އުޅެ އެވެ.
"ވަރަށް ބަލިކޮށް ހުންނާނީ. ވަރަށް ހިކިކޮށް ހުންނާނީ ވެސް. ދޭތެރެދޭތެރެއިން ފިޓުޖެހޭނެ. ވަރަށް ފަހުން ވެސް ފިޓުޖެހިގެން ހޮސްޕިޓަލަށް ގެންދިޔައިން،" އެ ގެ ހުންނަ ގޯޅިގަނޑުގައި ހުރެ ވާހަކަދައްކަމުން އަންހެން މީހާ ބުންޏެވެ.
އާއިލާގެ އެންމެންނާ ގުޅުން އޮތަސް، ކުޑައިރު މައިންބަފައިން މަރުވުމުން، ލިޔުޝާ ވެސް ދިރިއުޅެމުން ދިޔައީ އެކަންޏެވެ.