ދެ މުބާރާތުގެ ވެސް ފައިނަލާ ގާތަށް ޕޮލިސް ޖެހިލައިފި
ދެ މުބާރާތުގެ ވެސް ފައިނަލާ ގާތަށް ޕޮލިސް ޖެހިލައިފި

ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތް އަދި ގައުމީ އަންހެން މުބާރާތުގެ ފައިނަލާ ފިޔަވަޅަކާ ގާތަށް ޕޮލިސް ކްލަބް ޖެހިލައިފި އެވެ.

ގައުމީ ފިރިހެން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ޕޮލިސް ވަނީ ސްޓެލްކޯ ރިކްރިއޭޝަން ކްލަބް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މި މޮޅާ އެކު ޕޮލިހަށް ވަނީ ތިން ވަނަ ސެމީން ޖާގަ ލިބިފަ އެވެ. އެ މެޗުގައި ޕޮލިސް ބައްދަލުކުރާނީ ދެ ވަނަ ސެމީގައި މިރޭ މޯލްޑިވިއަން އާއި ދިވެހި ސިފައިންގެ ކްލަބް ކުޅެ ބަލިވާ ޓީމަކާ ދެކޮޅަށެވެ. މިރޭ މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭއިރު ދެ ވަނަ ޖާގަ ލިބޭނީ ބަލިވާ ޓީމާއި ޕޮލިސް ކުޅެ މޮޅުވާ ޓީމަކަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކާމިޔާބުކުރީ 25-23 އިންނެވެ. ދެ ވަނަ ސެޓު 25-20 އިން ސްޓެލްކޯ ކާމިޔާބުކުރި ނަމަވެސް ޕޮލިސް ވަނީ ފަހު އަނެއް ދެ ސެޓު 25-17 އަދި 25-21 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ މުބާޝިރް ރާޒާ އެވެ.

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ޕޮލިސް ކާމިޔާބުކުރީ ފިސްޑާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މޮޅާ އެކު ޕޮލިހުގެ އަންހެން ޓީމަށް ވެސް މި ވަނީ ތިން ވަނަ ސެމީން ފުރުސަތު ލިބިފަ އެވެ. އެ މެޗުގައި އެ ޓީމު ވާދަކުރާނީ މިއަދު ހަވީރު މޯލްޑިވިއަން އާއި ފުވައްމުލަކު މިސްކިތްމަގު ކުޅެ ބަލިވާ ޓީމަކާ ދެކޮޅަށެވެ. މިއަދު މޮޅުވާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭއިރު ފަހު ފުރުސަތު ލިބޭނީ ބަލިވާ ޓީމަކާއި ޕޮލިސް ކުޅެގެން މޮޅުވާ ޓީމަކަށެވެ.