06 ޖޫން 2021 - 09:35

އޭނާގެ އެންމެ ފުރަތަމަ ވިސްނުމަކީ ކުޅިވަރުގެ ދާއިރާ އިން، ހާއްސަކޮށް ފުޓުބޯޅަ އިން ކުރިއަށް ވަޑައިގަތުމެވެ. ފުޓުބޯޅަ އަކީ އަލީ ނާޝިދު (އޮގަރު އައްޔަ)ގެ އޭރުގެ ހިތެވެ.

އެކަމަކު، ދެހާސް ތިން ވަނަ އަހަރު ތާޑް ޑިވިޝަންގައި އޮއްފު އެފްސީގެ ކޯޗުކަން ލިބިވަޑައިގަތުމާ އެކު، ޒޯން ޗެމްޕިއަންޝިޕާއި ދެވަނަ ޑިވިޝަނާއި ފުރަތަމަ ޑިވިޝަންގައި ނައިފަރު ޖުވެނައިލް އާއި ޔުނައިޓެޑް ވިކްޓްރީ އަދި ހިރިޔާ ފަދަ ކްލަބްތަކަށް ކާމިޔާބީ ހޯއްދަވައިދިނުމުގެ ފަހަތުގައި ހުންނެވީ ނާޝިދެވެ. އަދި 2011 އިން ފެށިގެން 2014 ވަނަ އަހަރަށް ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ވެސް އުޅުއްވި އެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި އެވެ.

ފުޓްބޯޅައިގެ ދާއިރާގައި ކާމިޔާބީތަކެއް ހޯއްދެވި ނަމަވެސް އެ ދާއިރާ ދޫކޮށްލެއްވުމުގެ ވިސްނުން އައީ، އިންސާނިއްޔަތަށް ކުރަން ފެށި މަސައްކަތެއްގެ ސަބަބުންނެވެ.

ކޯޗިން ދާއިރާގައި އުޅުއްވަނިކޮށް 2009 ވަނަ އަހަރު ވުޖޫދުވި ދިވެހި ރެޑްކްރެސެންޓްގެ ގާނޫނާ އެކު އުފެއްދި "ދިވެހި ރެޑްކްރެސެންޓް" އާ ގުޅުމުގެ ފުރުސަތު ނާޝިދު، 44، އަށް ލިބުނީ، ރައްޓެއްސެއްގެ ފަރާތުންނެވެ. އިންސާނިއްޔަތާ ބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ، މިނިވަން މުސްތަގިއްލު އެ ޖަމާއަތް އެންމެ ފުރަތަމަ އެކުލަވާލި ގަވާނިން ބޯޑުގެ ހަޒާންދާރުގެ ގޮތުގައި ހަތަރު އުޅުއްވި، ނާޝިދުގެ ވިސްނުމުގައި މިހާރު އެކަމުން ދުރަށް ދިއުމަކަށް ނެތެވެ.

"އަޅުގަނޑަކީ އަސްލު ވަރަށް ފުޓްބޯޅައާ ގުޅޭ މީހެއް ކުރީގައި. ފުޓްބޯޅަ ކުޅެން އުޅުނިން. ނޭޝަނަލް ޓީމް ކޯޗިންގައި ވެސް އުޅުނިން. އެކަމުގައި އުޅެފައި މީގެ ތެރެއަށް ވެސް ވަނީ. ކޯޗިން ދޫކޮށްލީ، އަޅުގަނޑަކަށް ހިޔެއް ނުވޭ މިދިޔަ 10 އަހަރު ކުރި މަސައްކަތަށް ވުރެ އިތުރަށް ހެޔޮކަމެއް ކުރެވޭނެހެން. މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީވުމަކީ ވަރަށް ނުކުރެވޭ ކަމެއްވީމަ އަސްލު."

ރެޑްކްރެސެންޓްގެ ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގަތީ 2015 ވަނަ އަހަރުގަ އެވެ. އޭރުން ފެށިގެން މިދިޔަ އޭޕްރީލް 24 ގެ ނިޔަލަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ. އެ މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވުމަށް 2017 ވަނަ އަހަރު ފުޓްބޯޅައާ ދުރަށް ވަޑައިގަތީ އެވެ.

"ބޮޑަށް ކުރިއަށް ދާން އުޅުނީ ވެސް ކޯޗިން ދާއިރާއިން. އެކަމަކު މިކަހަލަ މޫވްމަންޓެއްގެ ރައީސްކަން ކުރަމުން އެކަން ކުރުމަކީ ވާނެ ކަމެއްކަމަށް ނުފެނުނީމަ އެކަމުން ކުރިއަށް ނުދިޔައީ. މިދިޔަ ހަ އަހަރު އުޅުނީ މިކަމުގައި،" ކޯޗިން ދާއިރާ އަށް ކިތަންމެ ބޮޑު ޝައުގެއް އޮތަސް، އެ ދާއިރާ އިން ދުރަށް ޖެހިވަޑައިގަތް ސަބަބު ނާޝިދު ވިދާޅުވި އެވެ.
އެހީއަށް ބޭނުންވެފައިވާ ބަޔަކަށް އެހީވުމުން އެ ލިބޭ ހިތްހަމަ ޖެހުން އިހުސާސް ކުރެވޭނީ އެފަދަ ހާލަތެއް ކުރިމަތިވުމުންނެވެ. ދިވެހިންނަކީ މީގެ 16 އަހަރުކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި މި ހިތްދަތިކަން ތަޖުރިބާކުރި ބައެކެވެ. ބޮޑު ރާޅު، ރަށްރަށަށް އަރައި މީހުންގެ ގެދޮރު ބިމާ ހަމަވެ، ސުންނާފަތިވި މަންޒަރާއި އެހީއަށް އެދި ރުއި މަންޒަރު މާޒީވެ ދިޔަޔަސް، އެ ހިތްދަތި ހަނދާންތައް ދިވެހިންގެ ހިތަކުން ފިލައިގެން ނުދެ އެވެ.
އެ ދުވަހު ދިވެހި ރެޑް ކްރެސެންޓް ވުޖޫދުގައި ނެތެވެ. އެހީގެ އަތް ދިއްކޮށްލީ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންނެވެ. އެކަމަކު މި ޖަމިއްޔާ ވުޖޫދުވެ، ކުރި ބުރަ މަސައްކަތުން މީހުންގެ މެދުގައި މިއީ ބަލައިގަންނަ މޫވްމަންޓަކަށް ވި އިރު އޭގެ ފަހަތުގައި ހުންނެވި އެކަކީ ނާޝިދެވެ.
ރެޑްކްރެސެންޓް ވުޖޫދުވި ފަހުން އެންމެ ފުރަތަމަ ކުރިމަތިވި ބޮޑު އެއް ކާރިސާއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގައި ރޯވި އަލިފާނާ އެކު މުޅި މާލެ ފެނަށް ޖެހުނު ހާދިސާ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅުމެއް އަންނަ ވެރިރަށް މާލެ ފެނަށް ޖެހި، ހަފްތާއެއްހާ ދުވަހު ރައްޔިތުން އުފުލި ވޭނަށް ލުޔެއް ހޯދައިދިނުމަށް ރެޑްކްރެސެންޓުން ނިކުތެވެ. ރެޑް ކެރްސެންޓުން ވަނީ ފެނަށް ޖެހިފައިވާ އާއިލާތަކަށް ފެން ފޯރުކޮށްދީ، ފެން ނުލިބި ތިބި ބިދޭސީންނަށް ވެސް އެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ހާދިސާއާ އެކު ވެސް ނަޝީދު ވަނީ އެހީއަށް ޖެހިފައިވާ އާއިލާތަކަށް ފެން ފޯރުކޮށްދިނުމަށް މައިދާނަށް ނިކުމެފަ އެވެ.
އޭގެ އިތުރުން ދޭތެރެއަކުން ރާއްޖޭގައި މި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބޭ އާއިލާތަކަށް އެހީވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވާގިވެރިވާން އޮންނަ އެއް ޖަމާއަތަކީ ވެސް ރެޑްކްރެސެންޓްވެ.
މިދިޔަ އަހަރު ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ރެޑްކްރެސެންޓްގެ ވޮލެންޓިއަރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއާ ހިސާބަށް ފޯރުމާ އެކު އެންމެ ފުރަތަމަ އެހީވުމަށް މައިދާނަށް ނިކުތް އެއް ޖަމިއްޔާއަކީ އެއީ އެވެ. މާލެ ފުރަތަމަ ފަހަރަށް ލޮކްޑައުންކުރުމާ އެކު ބަނޑުހައި ހޫނު ކަމަށް ޖެހުނު އާއިލާތަކާއި ބޯހިޔާވަހިކަމަށް ބޭނުންވި އާއިލާތަކަށް ވެސް އެހީގެ އަތެއް ދިއްކޮލުމުގައި އެ ޖަމިއްޔާގެ ވެލެންޓިއަރުން މަސައްކަތަށް ނުކުތެވެ. އަދި މިއަދު ވެސް އެ މަސައްކަތުގައި ދަނީ އުޅެމުންނެވެ.
ނާޝިދު ވިދާޅުވީ ބަނޑުހައިވެފައި ތިބި ބަޔަކަށް ކާނެ އެއްޗެއް ފޯރުކޮށްދިނުން ނުވަތަ ވެކްސިން ޖެހޭނެ ގޮތެއް ނެތިފައި ތިބި ބިދޭސީންނަށް ވެކްސިން ޖެހޭނެ މަގެއް ހޯދައިދިނުމަކީ އާދައިގެ ކަމެއް ކަމަށް ގިނަ މީހުންނަށް ހީވިޔަސް، އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެއީ އިންސާނިއްޔަތަށްޓަކައި އެޅޭ ބޮޑު ފިޔަވަޅެއް ކަމަށް އޭނާ ދެކެ އެވެ.
"މިއަށް ވުރެ ރަނގަޅު ހެޔޮ ކަމެއް ނެތް އަސްލުކުރާކަށް އިނގޭތޯ. ވެކްސިން ނުޖެހި ހުންނަ ވޯކް ޕާމިޓް ނެތް މީހަކަށް، އޭނާ ގެންގޮސް ވެކްސިން ޖަހައިދިނުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ގިނަ މީހުންނަށް އަސްލު އިހުސާސް ކުރެވިދާނެ. ކޮވިޑްގައި ބަންދުވެފައި އިންދާ އޭނާއަށް ކާއެތިކޮޅު ފޯރުކޮށްދިނުމަށް ރެޑްކްރެސެންޓުން މިދިޔަ އަހަރު ކޮވިޑް ފެށުނީއްސުރެ މި ކޮށްދިން ކަންތައްތައް. އެހެން ނޫނީ ކިހިނެއްތޯ ކައި ހަދާނީ.. މިއީ ނޫންތޯ އިންސާނިއްޔަތަށް މަސައްކަތް ކުރުމަކީ."
ރެޑްކްރެސެންޓްގެ މަސައްކަތްތައް ބެހިފައި އޮތީ ހަމައެކަނި މާލޭ ސަރަހައްދަކު ނޫނެވެ. ނާޝިދުގެ ރައީސްކަމުގެ ދަށުން މީހުންނަށް އެހީތެރިވުމަށް ރެޑްކްރެސެންޓްގެ 10 ބްރާންޗެއް މި ވަގުތު ރަށްރަށުގައި ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ، ފުވައްމުލައް އަދި ކުޅުދުއްފުށީގައި މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ނާޝިދު ހުންނެވި ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގެންފަ އެވެ.
ރައީސްގެ މަގާމުގައި މިވަގުތު ނެތަސް، އަދި އަމިއްލަ ވިޔަފާރީގައި މިވަގުތު އުޅުއްވިޔަސް، ވޮލެންޓިއަރެއް ނުވަތަ ދަރުމަވެރިއެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީވެފައިވާތީ ރެޑްކްރެސެންޓްގެ ފަރާތުން އެހީއަށް ގޮވާލުމުން އެ މަސައްކަތް ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށެވެ.
ރައީސްގެ މަގާމުން ވަކިވެގެން ދިޔަ ނަމަވެސް ނާޝިދަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރެޑްކްރެސެންޓްގެ މަސައްކަތް މީހުން ބަލައިގެންފައިވުމެވެ. ހަ އަހަރު ދުވަހުގެ އެ ދަތުރުގައި އެންމެ ހަނދާނުން ނުފިލައި އެއް ހަނދާނަކީ ވެސް އެފަދަ ހަނދާނެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓިފައި އޮއްވާ، ހދ. ކުޅުދުފުއްޓަށް ވަޑައިގަތް ދަތުރެއްގައި އެ ރަށުގެ އޭރުގެ ކައުންސިލަރަކު ފެންކަޅިވެފައި އިންނަވައި ދެއްކެވި ވާހަކަތަކަކީ ހަނދާނުން ނުފިލާނެ ވާހަކައެކެވެ.
"ރެޑްކްރެސެންޓް ނެތްނަމަ ތިމަންނާމެންނަށް ކުޅުދުއްފުށީގައި ކޮވިޑް ކޮންޓްރޯލެއް ނުކުރެވުނީހޭ ވިދާޅުވީ. ވަރަށް ސިމްޕަލް ވާހަކައެއް އެއީ. އެކަމަކު އޭގެ އިފެކްޓް ވަރަށް ބޮޑު ވާހަކައެއް އެއީ. މިއީއޭ އަޅުގަނޑުމެން މިކަމުގައި މަސައްކަތްކުރަން ޖެހުނު ސަބަބަކީ،" އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑް ކޮރްސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީގެ ކޮމްޕްލަޔަންސް އެންޑް މީޑިއޭޝަން ކޮމިޓީގެ މެމްބަރު، ނާޝިދު ވިދާޅުވި އެވެ.
އެ މަސައްކަތްތަކުގެ އިތުރުން، ރެޑްކްރެސެންޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވިއިރު އޭނާ ވަނީ އެތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ. އެގޮތުން އެތަނުގެ ގަވާއިދުތައް އިސްލާހުކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރެއްވި އެވެ. އެ މަސައްކަތުގެ ދަށުން ގިނަ ބޯޑުތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުވެ، ގާބިލް ޒުވާން އަންހެނުން މަގާމުތަކަށް ހޮވިފައިވެ އެވެ.
މިނިވަންކަމާ އެކު ސަރުކާރަށް ވާގިވެރިވާ ޖަމާއަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތާ އެކު ދިވެހި ރެޑްކްރެސެންޓްގެ މަސައްކަތް ފުޅާވެ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ދެމެދުގައި އޮންނަ ގުޅުން ވެސް ވަރުގަދަވެގެން ދިޔަ އެއް ސަބަބަކީ ވެސް ނާޝިދެވެ.