02 ޖޫން 2021 - 11:39

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރެވޭވަރު ވާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ލިބެނީ ކޮން އެޕާޓްމަންޓެއްތޯ ބެލުމަށް އެޗްޑީސީން ގުރުނެގުމުގެ މަސައްކަތް ކުރި ނަމަވެސް މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް އަޅާފައިވާތީ އެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ. ހާލަތު ރަނގަޅުވެ އެޗްޕީއޭ އިން ލުއި ދިނުމާ އެކު އަނެއްކާ ވެސް އެ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ފްލެޓް ލިބުނު މީހުންނާ އެކު އެގްރީމެންޓްގައި ސޮއިކުރުން ފަދަ ފަހު މަސައްކަތްތައް ލަސްވެފައި އޮތް ނަމަވެސް އަންނަ މަހުގެ ފަހުކޮޅު އެކަން އަލުން ފަށާނެ ކަމަށެވެ.
އެކަމަކު ތަޅުދަނޑި ހަވާލުކޮށް، އެތަންތަނަށް ވަދެވޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އަސްލަމް ވިދާޅުވީ ފްލެޓްތައް މިހާރު ހަވާލުކުރިޔަސް، އެތަނަށް ކަރަންޓް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. އެކަމަކު އެތަނަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯ އާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ކަރަންޓު ގުޅުމުގެ މަސައްކަތް ލަސްވެފައި ވަނީ ކޮވިޑާ ހެދި ސިންގަޕޫރުން ގެންނަން ޖެހޭ ބައެއް ސާމާނު ނުގެނެވިގެންނެވެ.
މި ސަރުކާރުން ނިންމާފައިވާ ގޮތުން ނަމަ ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.
އެހެންވެ، ސަރުކާރުން ނިންމީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށް އެ މަސައްކަތް ކުރަން ޖެހޭތީ ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ، ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން އެތަންތަނުން އެއްވެސް ފީއެއް ނުނެގުމަށެވެ.
ފްލެޓްތައް ހަވާލުކުރާއިރު ފިނިޝިން މަސައްކަތް ނުހިމެނުނަސް މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500ރ. އަދި ސާވިސް ފީގެ ގޮތުގައި 1000ރ. ނަގަން ނިންމާފައިވެ އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.
ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ނިންމިޔަސް، ފްލެޓް ލިބުނު ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވެއްޖެ ނަމަ، އެ މީހުންނަށް އެ އިންތިޒާމުތައް އެޗްޑީސީން ހަމަޖައްސާނެ އެވެ.